އިންޑިއާގެ ހޫނު ގަދަ ބައެއް ހިސާބުތަކަށް ވާރޭ ވެހޭނެކަމަށް މޫސުން ލަފާ ކޮށްފި

އިންޑިއާގައި ހޫނު ގަދަވެ، އޭގެ އަސަރު އެންމެ ގަދައަށް ކުރަމުން ދާ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފިއެވެ.
އެއިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި ވާރޭ މޫސުން އެގައުމުގެ ކެރެލާއަށް މިމަހުގެ ނިޔަލަށް އަންނާނެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވިއްސާރަ ވިލާތައް އުފެދިފައިވާ ކަމަށާއި ހުކުރު ދުވަހުން ފެށިގެން އެހިސާބުތަކަށް ވާރޭ ވެެހެން ފަށާނެ ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނެފައިވެއެވެ.
އިންޑިއާއަށް ދިމާވެފައިވާ ހޫނު ގަދަ ވުމުގެ ގުދުރަތީ ކާރިސާގައި އެންމެ ބޮޑަށް ހޫނުވި، އަންދްރަ ޕްރަދޭޝްގެ މޫސުމާބެހެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އެ ސަރަހައްދުގެ ފިނި ހޫނުމިން މިހާރު ކުރިއަށްވުރެ ތިރި ވެއްޖެ އެވެ. ނަމަވެސް އަދިވެސް އެ ސަަރަހައްދުގެ ދެ ޑިސްޓްރިކްޓަކަށް ހޫނު ގަދަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އިންޑިއާއަށް ވަމުންދާ ހޫނުގައި މިހާތަނަށް 1700 އެއްހާ މީހުން މަރުވެފައިވެއެވެ. އަދި ހޫނު ގަދަ ވުމުގެ ސަބަބުން އިންޑިއާގެ ހޮސްޕިޓަލްތައްވެސް ދަނީ ތޮއްޖެހެމުންނެވެ.
އިންޑިއާއަށް ވަމުންދާ ހޫނުގެ އަސަރު އެންމެ ގަދައަށް ކޮށްފައިވަނީ އަންދްރަ ޕްރަދޭޝަށެވެ. އެ ސަރަހައްދުގެ ފިހި ހޫނުމިން 47 ޑިގްރީސް ސެލްޝިއަސް އަށް އަރައި، 1300 އެއްހާ މީހުން މަރުވެފައިވެއެވެ. ދެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އެގައުމުގެ ތެލަންގަނާ އަށެވެ. އެސަރަހައްދުގެ ފިނި ހޫނުމިން 45 އަށް މައްޗަށް އެރި އިރު އެ ސަރަހައްދުން 340 އަށް ވުރެ ގިނަ މީހުން ވަނީ ގަދަ ހޫނުގެ ސަބަބުން މަރުވެފައެވެ.
އިންޑިއާއަށް ވަމުންދާ ހޫނުގައި އެގައުމުގެ ވެރިރަށް ނިއުދިއްލީގެ މަގުތަުގެ ތާރުވެސް ވަނީ ވިރެން ފަށާފައެވެ. ދިއްލީގެ ފިނިހޫނުމިންވެސް ވަނީ 45 ޑިގްރީސް ސެލްޝިއަސް އަށް މައްޗަށް އަރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ