”ރައީސްގެ ދަރިކަލުން އުމެއިރު ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ރަންވަނަތައް ހާސިލުކޮށްފައި“

ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑްގެ ކެޓަގަރީއަކަށް ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެމްޑީޕީގެ ވެރިކަމުގައި ކުޅިވަރާ ބެހޭ ވަޒީރުކަން ކުރެއްވި އަހުމަދު މަހުލޫފު ރައްދު ދެއްވައިފިއެވެ.
އުމެއިރު ނޮމިނޭޓް ވެފައި ވަނީ އަހަރުގެ ޒުވާން ކުޅުންތެރިޔާ އެވޯޑަށެވެ. ފިރިހެން ކުޅުންތެރިންގެ ކެޓަގަރީން، އުމެއިރު އެ އެވޯޑަށް ނޮމިނޭޓު ކުރީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، އުމެއިރު އެ އެވޯޑަށް ނޮމިނޭޓުވީ ރައީސްގެ ދަރިކަލުންނަށް ވުމުން ކަމަށެވެ. ނަމަވެސް މަހުލޫފު ކުރެއްވި ޕޯސްޓުގައި ހާމަކުރައްވައިފައިވަނީ އުމެއިރުގެ ހުނަރުވެރިކަމުގެ ވާހަކައެވެ. އޭނާ ވިދާޅުވީ، އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއްް ކަމަށާއި، ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ވެސް އުމެއިރު ހޯދާފައިވާ ކަމަށެވެ.
“ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ. އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެކެވެ. ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީ ކުރުން ހުއްޓާލަންޖެހެއެވެ.“ މަހުލޫފު ވިދާޅުވިއެވެ.
އުމެއިރުގެ ދިފާއުގައި އަޑު އުފުލާ މީހުން ބުނަމުން ގެންދަނީ، ސިޔާސީ ގޮތުން އޮންނަ ދެކޮޅުވެރިކަމެއްގެ ތެރެއަށް، ކަމާ ނުގުޅޭ ފަރާތެއް ވައްދައި، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައާއި ފަސާދަ އުފެއްދުމަށް ކުރެވޭ ވަރަށް ނޭދެވޭ އަމަލެއް ކަމަށެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ