ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ރައްދެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް

ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒް ވަކިކުރި މައްސަލައިގައި، ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ރައްދެއް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަމާޒުވެއްޖެއެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ހޫނު ރައްދެއް، ޖުޑިޝަރީގެ އިދާރީ މައި އޮފީސް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަމާޒުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ކަމަށް ބުނެ، އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑރ. ހުސައިން ފާއިޒް ވަކިކުރި މައްސަލައިގެ ހުކުމްގައެވެ. ޑރ. ފާއިޒް މަގާމުން ވަކި ކުރީ ގޯސްކޮށް ކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ ޑރ. ފާއިޒްއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 678،090.32 ރުފިޔާ ދޭން އަމުރުކޮށްފައެވެ. އެ ނިންމުމަށް ހައިކޯޓުގައި މައްސަލަ ބެލި އިސްތިއުނާފު ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ތާއީދުކޮށް ހުކުމުގައި ފާހަގަ ކުރީ، އެ ނިންމުމަކީ ޑީޖޭއޭއިން ރުހޭ ނިމުމަކަށް ނުވެދާނެ ކަމަށެވެ. "ބުނެވިދިޔަ ނިންމުމަކީ ފަހަރެއްގައި ވަޒީފާދޭ ފަރާތުން އުއްމީދުކުރި ނިންމުމަކަށް ނުވެދާނެއެވެ. އެ ނިންމުމަކީ ފަހަރެއްގައި ވަޒީފާދޭ ފަރާތަށް މާޔޫސްކަން ގެނުވި ނިންމުމަކަށްވެސް ވެދާނެއެވެ. އެ ނިންމުމަކީ ފަހަރެއްގައި ވަޒީފާދޭ ފަރާތް ނުރުހޭ ނިންމުމަކަށްވެސް ވެދާނެއެވެ. އެ ނިންމުމަކީ ވަޒީފާދޭ ފަރާތް ގަޔާނުވާ ނިންމުމަކަށްވެސް ވެދާނެއެވެ. މައުޟޫއީ އަދަލުވެރިކަމާމެދު ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ވަޒީފާދޭ ފަރާތުން އުއްމީދުކުރި ނިންމުމަކަށް ނުވުމަކީ، ނުވަތަ މާޔޫސްކަން ގެނުވި ނިންމުމަކަށްވުމަކީ، ނުވަތަ ނުރުހޭ ނިންމުމަކަށްވުމަކީ ނުވަތަ އެ ނިންމުމަކީ ގަޔާނުވާ ނިންމުމަކަށްވުމަކީ، ވަޒީފާދޭ ފަރާތުގެ މަސްލަހަތަށް، ޓްރައިބިއުނަލުން ރިއާޔަތްކޮށްފައި ނެތް ކަމަށް ބެލޭނެ ހަމައެއް ކަމުގައި އަހަރެންނަކަށް ފާހަގައެއް ނުކުރެވެއެވެ". ރިޔާސަތު ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ. މިހާރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަން ވެސް ކުރައްވާ ޑރ. ފާއިޒަށް ވަޒީފާ ދޭން އެންގުމުން، އެ އެންގުން ބާތިލުކޮށްދިނުން އެދި ހައިކޯޓަށް ހުށަހެޅީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ޑރ. ފާއިޒްއަށް، ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދިން ފައިސާއަކީ، ޑރ. ފާއިޒު ވަކިކުރި ތާރީހުން ފެށިގެން ފެށިގެން އޭނާގެ މަގާމުގެ ފަސް އަހަރުގެ ދައުރު ހަމަވާ ތާރީހާ ހަމައަށް މުސާރަ އާއި އިނާޔަތްތަކެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ހަސަން ޝަފީއު، ހުސެއިން މަޒީދު އަދި މުހައްމަދު ޝަނީޒް އަބްދުﷲ ހިމެނޭ ބެންޗުންނެވެ. މީގެ ކުރިންވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގާނޫނާ ހިލާފަށް ވަކިކޮށްފައިވާ ޖުޑީޝަރީގެ ގިނަ މުވައްޒަފުންތަކަކަށް ބޮޑެތި ބޮޑެތި އަދަދުތަކުން ބަދަލު ދޭން ޖެހިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ