ރައީސް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް، މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ.
އެމަނިކުފާނު އެމްބަސީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގެންނެވި މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ، އެމްބަސީގައި އޮންނަ މެހްނާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމްބަސީގެ މުވައްޒަފުންގެ މަސައްކަތާ ބެހޭގޮތުންނާއި، އެބޭފުޅުންގެ ދިރިއުޅުއްވުމާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
ރައީސް، ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ