ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލުގައި ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫން ވަނީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ނައިވާދޫން ޖެހިޖެހިގެން ދެ ވަނަ ފައިނަލުގައި ކުޅޭއިރު، އެ ޓީމަކީ ޖެހިޖެހިގެން ދެ ފައިނަލުގައި ކުޅޭ ތިން ވަނަ ޓީމެވެ. މީގެ ކުރިން، ތ. ތިމަރަފުށްޓާއި ލ. ގަމުން ޖެހިޖެހިގެން ދެ ފައިނަލުގައި ކުޅުނެވެ. އަނެއްކޮޅުން، މި ފަހަރަކީ، ދެއްވަދޫން ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލުގައި ނައިވާދޫން ކުޅުނީ 2024 ވަނަ އަަހަރުގެ ޗެމްޕިއަން، އަދި މި އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލި ބ. އޭދަފުށްޓާ އެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ނައިވާދޫ މޮޅުވީ 5-4 އިންނެވެ. ދެ ވަނަ ސެމީ ފައިނަލުގައި، ދެއްވަދޫން ވަނީ ފޯރިގަދަ މެޗަކަށް ފަހު، 4-3 އިން ވިލިމާލޭގެ މައްޗަށް ކުރިހޯދައިފަ އެވެ.
ނައިވާދޫން ލީޑުނެގީ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ގޯލުންނެވެ. އަދި، އޭދަފުށިން އެއްވަރުކުރީ މުހައްމަދު ފާސިރު (ފާއްޓޭ) ވައްދާލި ގޯލުންނެވެ. ޕެނަލްޓީގައި މި ދެ ކުޅުންތެރިންގެ ޕެނަލްޓީ ވެސް ވީ ނާކާމިޔާބެވެ. އަދި، އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ފޮނުވާލި ޕެނަލްޓީ ނައިވާދޫ ކީޕަރު، އިބްރާހިމް ނާޖިހު (ހޭޓް) ވަނީ މަތަކޮށްފަ އެވެ.
ނައިވާދޫން ޕެނަލްޓީގައި މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މިދިޔަ އަހަރުގެ ފައިނަލުގައި ކ. ކާށިދޫ އަތުން ބަލިވި ނައިވާދޫން ސެމީ ފައިނަލުގެ ފުރިހަމަ ވަގުތުގައި މޮޅުވާން ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަމަލާތައް އޭދަފުށީގެ ކީޕަރު، އަބްދުﷲ ނާސިހު ވަނީ މަތަކޮށްފަ އެވެ.
ޕެނަލްޓީގައި އޭދަފުށިން އެ ޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޝާން އެރުވިއިރު، ނައިވާދޫން މޮޅުވި ޕެނަލްޓީ، އަބްދުﷲ ވިޝާމް (ވިޝާންޓެ) ފޮނުވާލިއިރު، ގޯލަށް ވަނީ ޝާން އަތުގައި ޖެހިފަ އެެވެ. ނައިވާދޫން ދެން ޕެނަލްޓީ ވައްދާލީ، ހުސެއިން މައިޝާން (ޓޯނު)، އަހުމަދު ހަމީދު (އައްމަޑޭ) އަދި މުހައްމަދު އަސްލަމް (މޯންޑޭ) އެވެ.
އޭދަފުށީގެ ހުސެއިން ޝަރީފް (މުޑާ)، އިސްމާއިލް ޝަރީފް (ކާޑޭ) އަދި މުހައްމަަދު ޝާން އަބްދުލް ގަފޫރު އެވެ.
މި ފަހަރުގެ މުބާރާތުގައި އޭދަފުށިން ޕެނަލްޓީ އަށް ގޮސް މީގެ ކުރިން ކުޅުނު މެޗުތަކުން މޮޅުވެފައިވެ އެވެ. އެއީ، ޗެރިޓީ ޝީލްޑް މެޗުގައި ކ. ކާށިދޫ އަތުން، ޒޯން ފައިނަލުގައި ކ. ގާފަރު އަތުން އަދި، ކުއާޓާ ފައިނަލުގައި، ރ. ދުވާފަރު އަތުންނެވެ. އެކަމަކު، ނައިވާދޫ އަތުން ޕެނަލްޓީގައި ބަލިވެ، މުބާރާތް ނިމުނީ އެވެ.
ދެއްވަދޫގެ ވިއްޓު ލަނޑު ޖެހުމަށް ފަހު އުފާފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ
ދެއްވަދޫން މެޗުގައި ލީޑުނެގީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލުންނެވެ. އެކަމަކު، އަލީ ޝިޔާހު (ޝިޔަޅޭ) ވައްދާލި ހިލޭ ޖެހުމުން، ވިލިމާލޭން އެއްވަރުކުރިއިރު، ހުޒައިފަަތު ރަޝީދު (ހުޒޭ) ޖެހި ލަނޑުން ދެއްވަދޫން ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލި އެވެ. ދެ ވަނަ ހާފު ފެށިގެން ވިލިމާލޭން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ހިލޭ ޖެހުމެއްގައި، ޗުމްޕު ދިން ބޯޅައަކުން، މުހައްމަދު އިމްރާން (އިންމި) ދެއްވަދޫގެ ލީޑުފުޅާކޮށްދިނެވެ.
އަބްދުﷲ ސަމީހު (ސަމިއްޓެ) ޖެހި ގޯލުން ވިލިމާލޭން ފަރަގު ކުޑަކުރިއިރު، ދެއްވަދޫގެ ފަސް ފައުލު ހަމަވެ ލިބުނު ދުރު ޕެނަލްޓީން ސަމިއްޓެ، ވިލިމާލެ އަށް އެއްވަރުކޮށްދޭން ފޮނުވާލި ބޯޅަ ދެއްވަދޫގެ ކީޕަރު، އިބްރާހިމް ޝަޒްލީލް ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން، ވިލިމާލޭގެ ހަ ވަނަ ފައުލަށް ދިން ޕެނަލްޓީން، ބެންޗުން އަރައި ވިޝާހު އަބްދުލް މަޖީދު (ވިއްޓު) ކާމިޔާބުކުރި ގޯލުން ދެއްވަދޫން ލީޑުފުޅާކުރި އެވެ. ވިލިމާލޭ އަށް އޭގެ ފަހުން، ލިބުނު ދުރު ޕެނަލްޓީން ޝިޔަޅޭ އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހިއިރު، މެޗުގެ ފަހު ސިކުންތު ހިނގައި، ނިމުނު ފަހުން ހުޒޭ ވަނީ ވިލިމާލޭ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ވިލިމާލެ ވަނީ 2024 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ލ. ގަން އަތުން ބަލިވެފަ އެވެ.
ދެއްވަދޫ އާއި ނައިވާދޫން ކުޅޭ މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ.
ދެއްވަދޫ އާއި ނައިވާދޫ ފައިނަލަށް ދިއުމާ އެކު، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މި މުބާރާތުން އާ ޗެމްޕިއަނެއް ފެނިގެންދާނެ އެވެ. މިއީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތެވެ، މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.
ގޯލްޑަން ފުޓްސަލް ޗެެލެންޖުގައި ނައިވާދޫ އާއި ދެއްވަދޫގެ ފައިނަލެއް ގޯލްޑަން ފުޓްސަލް ޗެެލެންޖުގައި ނައިވާދޫ އާއި ދެއްވަދޫގެ ފައިނަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ