ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ހިތްވަރު ގަދަ، އަދި ހިކުމަތްތެރިކަމާއެކު ލީޑަރޝިޕް ދައްކަވާ ވެރިއެއް ކަމަށާއި، އެމަނިކުފާނަކީ އިންސާނިއްޔަތުކަމުގެ ކުލުނު ހުރި، މީހުންގެ ކިބައިން ބަދަލު ނުހިއްޕަވާ ލީޑަރެއް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް، އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީ.އީ.އޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނިމާލް ވިދާޅުވީ، ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، 120 ބިލިއަން ރުފިޔާގެ ދަރަނި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ކަމަށެވެ.
އެ ހާލަތު އޮތުމާއި އެކުގައި ވެސް، އެމަނިކުފާނު ”ދިވެހީންގެރާއްޖެ“ އަށް މިސްރާބު ޖެއްސެވީ، ހިތްވަރުގަދަކަމާއެކު، ކަމަރު ބަނދެލައިގެން ކަމަށާއި، މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި، ދައުލަތުގެ ރިޒާވްގައި 1.5 ބިލިއަން ޑޮލަރު ހުރި ވާހަކަ އިވިގެންދިޔައީ އޭގެ ނަތީޖާއެއްގެ ގޮތުންކަން ނިމާލްގެ ވާހަކައިގައި ފާހަގަކުރައްވައިފައިވެއެވެ.
”އާދެ، އަޅުގަނޑުމެންގެ ރައީސް އެ މަސައްކަތްޕުޅު ކުރެއްވީ، އޮޔެ ގަދަ، ވަރަށް ގަދަ ކަނޑެއްގައި ދިވެހީންގެރާއްޖެއަށް ދަތުރު ކުރައްވަމުން.“ އޭނާ ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ، އެ ދަތުރުގައި އެމަނިކުފާނަށް ފުރައްސާރަ ކުރުމާއި، އިންތިހާއަށް ގޯނާ ކުރުމާއި، ބަޣާވާތްތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެހާ ބޮޑަށް ދަތި ކުރަމުންދިޔައިރު ވެސް، ރައީސް މުއިއްޒު ދެއްކެވީ އިންސާނިއްޔަތުވަންތަކަން ކަމަށާއި، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއްވެސް ސިޔާސީ ބޭފުޅަކަށް އަދަބު ދިނުން ފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ފެނިގެންދިޔައީ، ގައުމީ އަދި ވަތަނީ ލީޑަރެއްގެ ގޮތުގައެވެ.
އަދި އެއްވެސް މީހެއްގެ ކިބައިން ބަދަލު ނުހިއްޕެވުމުގެ ސިފަ ވެސް، އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ދިޔަ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
ރައީސް މުއިއްޒުއަށް އެތައް ފުރައްސާރައެއް ކުރި، އެކަމަކު ވެސް ދެއްކެވީ އިންސާނިއްޔަތުކަމުގެ ކުލުނު ހުރި ލީޑަރެއްކަން: ނިމާލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ