ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

އެމެރިކާގެ ޓައިމް މެގަޒިންގެ މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމަނައިފި އެވެ.ދުންފަތާއި ދެކޮޅަށް ރާއްޖެއިން އެޅި ވަރުގަދަަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ތައުރީފް ރާއްޖެއަށް ލިބުނެވެ. އޭގެ ތެރޭގައި ގައުމުގެ ވެެރިންނާއި ސިއްހީ ދާއިރާ އާއި ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެ އެވެ. އަދި ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޚާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ ލިބިވަޑައިގެންފައެވެ.ޓައިމް ނޫހުން އެކުލަވާލި ސިއްހީ ދާއިރާއިން މިއަހަރުގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓްގައި ރައީސް މުއިއްޒު ހިމަނާފައިވަނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވާ އިސްކަމާއި ސަމާލުކަމާ ގުޅިގެންނެެވެ. އެ ލިސްޓްގައި ރައީސްގެ ނަން ހިމަނައި، ޓައިމް ނޫހުން ލިޔެފައިވާ ގޮތުގައި ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖެއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން "ޖެނަރޭޝަން ބޭން"އެއް ތައާރަފްކޮށް، އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ގައުމަށްވެފަ އެވެ. އަދި އެ ނިންމުމާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން އެ ނޫހުން ފާހަގަކޮށްފައިވެ އެވެ."މިއީ 2023 ވަނަ އަހަރު އިންތިހާބުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމެކެވެ،" އެ ނޫހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ