ގޭންގު ހުއްޓުވާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ގޭންގުތަކާއި ގޭންގު ކުށްތައް ބޮޑުތަނުން މަދުވެއްޖެ: ފުލުހުން
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިދިޔަ އޮގަސްޓު މަހު އަމަލުކުރަން ފެށި ފަހުން، މާލެއާއި ރަށްރަށުގައި ގޭންގުތައް ހަރަކާތްތެރިވާ އަދަދާއި ގޭންގު ކުށްތައް ބޮޑުތަނުން މަދުވެއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވިދާޅުވީ، މިހާރު ގޭންގު ހަދައިގެން ކުށްކުރުމުގެ ހަރަކާތްތައް މަދުވެފައިވާ ކަމަށެވެ. އިސްޙާޤް ވިދާޅުވީ، ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވާ ތަންތަން ފުލުހުން އެކި އިރު ބަލައި، އެ ތަންތަނުގައި ތިބޭ މީހުން ކުރާ ކަންކަމާއި ފޮނުވާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އިންޓެލިޖެންސްގެ އެހީގައި ހޯދޭ ސޭފްހައުސްތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވާ ތަންތަނުގެ ތެރެއިން ފުލުހުންނަށް އަދި ބެލިފައިނުވާ ތަންތަނުގައި، ކުށުގެ ރެކޯޑު އޮންނަ މީހުންނާއެކީ ގިނަ ކުޑަކުދިން ގިނަވަގުތު ހޭދަކުރާ ކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށްވެސް އިސްޙާޤް ވިދާޅުވިއެވެ. "ދަންވަރުގެ ވަގުތުތަކުގައި ދުވާލުގެ ވަގުތުތަކުގައި އަދި ވަރަށް ގިނަ ވަގުތު މި ފަރާތްތަކާ އެކީގަ ކުޑަކުދިން ހޭދަކުރާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ. "މިފަދައިން އަޅުގަނޑުމެންނަށް ފެންނަ ފެނުންތަކުގައި އަޅުގަނޑުމެން އަމަލުކުރާ ގޮތަކީ އެ ކުދީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކުދީން އެ ތަންތަނުން އެކަހެރިކޮށް، މާލޭގައިނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް، ހުޅުމާލޭގައި ނަމަ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށް މިކުދިން މި ގެންދަނީ، މިކުދިން ގެންގޮއްސަ މިކުދިންގެ ފަރާތުން ބެލެނިވެރީންގެ މައުލޫމާތު ހޯދުމަށްފަހު ބެލެނިވެރީންނާ ގުޅައި ބެލެނިވެރީން ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހުގަ ބެލެނިވެރިންނާ މި މައުލޫމާތު ދީ މި ހަވާލުކުރަނީ،" އެހެންވެ، އިސްޙާޤް ވަނީ، ރޭގަނޑު ކުދިން ބޭރުގައި ހޭދަކުރަނީ ކޮން ބަޔަކާ އެއްކޮށް ކަމާއި ކުރަނީ ކީއްތޯ ބެލެނިވެރިން ބެލުމަށް އިލްތިމާސްކުރައްވައިފައެވެ. ނޫން ނަމަ، ހިތާމަވެރި ހާދިސާއެއް ކުރިމަތިވުން އެކަށީގެންވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/214067 ގޭންގުތައް ހަރަކާތްތެރިވާ އަދަދު މަދުކަމަށް ފުލުހުން ބުނެފައި ވަނީ، މީގެ ކުރިން ގޭންގުތަކުގައި އުޅުނު މީހުން ކުށް ކުރުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހޯދައިފި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހެވެ. އަދި އަމަލުކުރަން ފެށީ އޮގަސްޓުގައެވެ. މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން ވެސް ގާނޫނުގައި ހިމަނައިފައިވެއެވެ. ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ހަ ތަނެއް ބަލައި ފާސްކޮށް ހަތް މައްސަލައެއްގައި 11 މީހަކު ހައްޔަރުކޮށް ދެ މީހަކަށް ދައުވާކުރުމަށާއި ގޭންގު ކަނޑައެޅުމަށް އެއް ގްރޫޕެއް ޕްރޮސެކިއުޓަރު ޖެނެރަލަށް ފޮނުވާފައިވެއެވެ. ނަމަވެސް ގޭންގު ކަނޑައެޅުމުގެ ބައިގައި ބައެއް މައުލޫމާތުތައް އަދިވެސް ސާފުކުރަން ޕްރޮސެކިއުޓަރު ޖެނެރަލް އަންގަވާފައިވާތީ އެ މަސައްކަތްކުރަމުން އަންނަ ކަމަށް އިސްޙާޤް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ