ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" ކާމިޔާބުކުރި ދަރިވަރުންނަށް އެވޯޑު ދީފި ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" ކާމިޔާބުކުރި ދަރިވަރުންނަށް އެވޯޑު ދީފި

ވިލާ ކޮލެޖުން ހިންގި އެކި ކޯސްތަކުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" ގެ ނަމުގައި މި އަހަރު ވެސް އެވޯޑެއް ދީފި އެވެ.
ވިލާ ކޮލެޖުގެ ކިއުއައި ކެންޕަސް ހޯލުގައި ބޭއްވި އެ ހަފްލާގައި، ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
ހަފްލާގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ވިލާ ކޮލެޖަކީ މަތީ ތައުލީމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މުއައްސަސާ ކަމަށާއި އެ ކޮލެޖް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ގޮސްގެން ހާސިލްކުރާ ފެންވަރުގެ މަތީ ތައުލީމު، ރާއްޖޭގައި ތިބެގެން ދިވެހި ދަރިވަރުންނަށް ހޯދޭނެ އިލްމީ ޖަވާހިރަކަށް ކަމަށެވެ.
މިއީ ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔެވި ޕްރޮގްރާމުން އެންމެ މަތިން އެވްރެޖް މާކްސް ހޯދާ ދަރިވަރެއްގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ލިބޭނީ، ދަސްވެނިވާ ކްލާހުގެ ތެރެއިން، "'ފަސްޓް ކްލާސް" ނުވަތަ "ޑިސްޓިންކްޝަން" ހާސިލްކޮށް، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ "ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވްރެޖް" (ސީޖީޕީއޭ) ނުވަތަ އެންމެ މަތީ އެވްރެޖް މާކްސް ހޯދައި، އަދި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރަކަށެވެ.
މިއީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ އިމްތިޙާނުތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް، އެ ކުދިންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. އެ އިނާމު ލިބެނީ، ފުރަތަމަ ފަހަރަށް އިމްތިހާނު ހަދައިގެން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށެވެ.
މިއީ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗަކުން، އެންމެ މޮޅު ދަރިވަރަކަށް ދެވޭ މެޑެއްޔެކެވެ. އެ މެޑަލް ލިބޭނީ، އެ ދަރިވަރެއްގެ ބެޗުން "ފަސްޓް ކްލާސް" ނުވަތަ "ޑިސްޓިންކްޝަން" ހާސިލްކޮށް، އެ ޕްރޮގްރާމުން އެންމެ މަތީ "ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވްރެޖް" (ސީ.ޖީޕީއޭ) ނުވަތަ އެންމެ މަތީ އެވްރެޖް ހޯދައި، އަދި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރަކަށެވެ. 2019 ވަނަ އަހަރުން ފެށިގެން، ކޮލެޖް މެޑަލް ދެމުން އަންނަނީ، ކޮންމެ ދާއިރާއެއްގެ "އިންޑަސްޓްރީ ލީޑަރުންނާ" ގުޅިގެންނެވެ.
މި އަހަރުގެ އެވޯޑު ހަފްލާގައި ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލަންސް 36 ދަރިވަރަކަށް ލިބުނުއިރު، ވިލާ ކޮލެޖް ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް 54 ދަރިވަރަކަށް ލިބުނެވެ. އަދި އޭސީސީއޭ ނޭޝަނަލް ރެޒިޑެންޓް ޕްރައިޒް ތިން ދަރިވަރަކަށް ލިބުނެވެ.
އެވޯޑު ހަފްލާގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ، ޑރ. އަހްމަދު އަންވަރު ވިދާޅުވީ ދަރިވަރުންގެ ދާއިރާތަކުން، ހަމައެކަނި ދިވެހިރާއްޖޭގައި ނޫން، ބައިނަލްއަގްވާމީ ފެންވަރުގައިވެސް އިސް ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އޭގެއިތުރުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖުގެ ޕްރޮގްރާމަކުން ކޮލެޖް މެޑަލް ހާސިލްކުރާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ޕްރޮފެޝަނަލް ބޮޑީ ތަކާއި، ފައުންޑޭޝަންތަކުގެ ތެރެއިން 26 ފަރާތަކުން އިންޑަސްޓްރީ ޕްރައިޒް ހުށަހަޅުއްވާ، ކޮލެޖުން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އެ ކޮލެޖާއި އިންޑަސްޓްރީތަކުގެ މުހިއްމު ބައިވެރިންނާއި އޮތް ގުޅުން ރަމްޒްކޮށްދޭ ކަމެއް ކަމަށެވެ.
ވިލާ ކޮލެޖާ ގާތް ގުޅުމެއް ބާއްވަމުންދާ އިންޑަސްޓްރީތަކާއި އެ އިންޑަސްޓްރީތަކާ ގުޅޭ ދާއިރާތަކުން މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، މަތީ ތައުލީމުގެ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް އަންނަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ