ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

22 ވަނަ ބަޔާ ގުޅޭ
"މައި.. އައި މެސްޑް އަޕް!" ނަދާލް ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަ ފެށި އެވެ.
"އިޒޫއާ މައްސަލައެއް ޖެހުނީތަ؟ ޕާޓީގަވެސް ތިދެމީހުން ޒުވާބު ކުރިހެން ހީވިއޭ" މައިރާގެ ސުވާލު އިވުމާއެކު ނަދާލްއަށް ދެއްކެން މި އުޅެނީ ކިހާވަރެއްގެ ވާހަކައެއްކަން ވިސްނުނެވެ. ދެއްކެން މި އުޅެނީ މައިރާގެ އެއްބަނޑު އެއްބަފާ ދޮންބެގެ އަންހެނުންގެ ވާހަކަ އެވެ. އައިލީންއަކީ މިހާރު މައިރާގެ އާއިލާގެ ބައެކެވެ. އޭނާ ދައްކާ ވާހަކައެއްގެ ސަބަބުން އައިލީންއާމެދު މައިރާ ދެކޭގޮތް ގޯސް ގޮތަކަށް ބަދަލުވެދާނެހެން ހީވެ ދައްކަން އުޅުނު ވާހަކަ ބަދަލުކޮށްލި އެވެ. "ސަމްތިންގް ލައިކް ދެޓް" ނަދާލް ބުންޏެވެ.
"ނެޑް.. ތިހެން ކިތަންމެ އިރަކު އިނަސް އަހަރެންނަކަށް ވެގެން އުޅޭގޮތެއް ނޭނގޭނެ ދޯ" މައިރާ ބުންޏެވެ.
"އަޅާނުލާ.. ބޭނުމެއް ނޫން އެވާހަކަ ދައްކާކަށް" ނަދާލް ބޯ ހޫރައިލި އެވެ.
"އެކަމަ-"
"އިޓްސް އޯކޭއޭ މައި.. ދެން އަޅާނުލާ.. ކޮންއިރަކު ފުރަން ދަނީ؟ އަހަރެން ދާނަން އެއާޕޯޓަށް" މައިރާއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ ނަދާލް އެނދުން ތެދުވި އެވެ. އޭނާ އިތުރަށް އެވާހަކަ ނުދައްކާނެކަން ޔަގީންވުމުން މައިރާވެސް ބޯ ޖަހައިލުމަށްފަހު ހިނިތުންވެލި އެވެ. "ހައެއް ޖަހާއިރު.. ދޮންބެވެސް އަންނާނެ ފުރުވަން ދާން.. މިރޭ އެ ހޮޓެލްގަ މަޑުކުރީ ލީންއާއެކު" މައިރާ ބުންޏެވެ. ނަދާލް އެންމެ ރަނގަޅޭ ބުނެ ކޮޓަރިން ނުކުތެވެ. އޭނާއާއެކު މައިރާ އެ އެޕާރޓްމެންޓްގެ ބޭރު ދޮރާހަމައަށް އައެވެ.
"ނެޑް.. ދެން އެހާ ވަރަށް ނުވިސްނާ.. އިޒޫއާ ވާހަކަ ދައްކާލަބަ މާދަމާ.. ހުރިހާކަމެއްވެސް ރަނގަޅުވާނޭ" މައިރާ ބުންޏެވެ.
"ހްމްމް.. ދެން މާދަމާ ދޯ؟ ގުޑްނައިޓް މައި" ނަދާލް ސިޑިން ތިރިއަށް ހިނގައިގަތެވެ.
*************
ތިންމަސް ފަސް..
ނިތްކުރިއަށް އަރައިގެންދިޔަ ތޫނު ތަދާއެކު އައިލީންގެ މޫނުމައްޗަށް އަނދިރިވި އެވެ. މޫނު ޖެހުނީ ފާރުގައިކަން ރޭކައިލީ އެހިސާބުންނެވެ. ނެތް ހިތްވަރުން ލޯ ހުޅުވާލައި ފަހަތް ބަލައިލިއިރު އަނގުރު އަލިފާންފަދަ ދެލޮލުން އޭނާއަށް ބަލަހައްޓައިގެންހުރި މައިޝާންގެ އަތް ރުޅިން ތުރުތުރުލަމުން ދާތަން ފެނުނެވެ. މަދު ސިކުންތުކޮޅެއް ކުރިން އެ ބާރުގަދަ އަތުން އޭނާގެ އިސްތަށިގަނޑަށް ވާންކޮށްލާފައި ހުރި ހިސާބު އައްސިވެ ވިންދު ޖަހަމުންދިޔަ އެވެ. އައިލީންގެ ގައިގައި ކޮޅަށް ތެދުވެ ހުންނާނެހާވެސް ހިތްވަރެއް މިހާރަކު ނެތެވެ. ފާރުގައި ކޭތެމުންކަހަލަ ގޮތަކަށް ބިންމަތީގައި އިށީނދެވުނެވެ. ދެނޭވާ ހަމައަށް ނުލެވެނީސް މައިޝާން އައިސް އޭނާގެ ކަރުގައި ހިފައި ބާރުކޮށްލި އެވެ. އައިލީން ނޭވާއަށް ތެޅެން ފެށި އެވެ.
"މަށަށް ނުބުނެވޭތަ ކަލޭ ކައިރިއަކު މަ ބޭރުގަ އުޅޭއިރު ގުޅާ އުނދަގޫ ނުކުރާށޭ! އޭން؟ މަ ކަލެއާ އިނީ އެ ޝަރުތު ނުކޮށްތަ؟ ކިހާ ބޮޑު **އެއްތަ މީ ދެން؟" މައިޝާން ކުއްލިއަކަށް އައިލީންގެ ކަރުން ދޫކޮށްލި އެވެ. ތަދާއި ވޭނަށް ކެތްކުރާހާލު އައިލީންއަށް އަމިއްލަ ނަފްސު ދިފާއު ކުރުމަށްޓަކައި ވާހަކަދައްކަން މަޖުބޫރުވި އެވެ.
"އަހަރެން.. އަހަރެން ގުޅަން ބޭނުންވެގެނެއް ނޫނޭ… ބައްޕަ ބުނީމަ.. މަޖުބޫރުވީ.. މައިޝާން ހެޔޮނު-"
"އޭނަ ބުނާހާ އިރަށް މަށަށް ގުޅާކަށް ނުޖެހޭނޭ މިހިރަ ބީތާގަނޑާ! އެމީހުން ބޭނުންވީ މަ މީހަކާ އިންނާކަށްނު؟ އިނދެގެން ގެނެސް ހަވާލުކޮށްފަ ހުންނާނީ!" މައިޝާން މިފަހަރުވެސް ހިނގައިގަތީ އައިލީންއާ ދިމާލަށެވެ. ނަމަވެސް އޭގެ ކުރިން އައިލީން މިފަހަރު މަޢާފަށް އެދުނެވެ.
"ސޮ.. ސޮރީ.." އައިލީން ގަނެފައިހުރި ބިރުން އިތުރަށް ގުޅައަކަށްޖެހި ކުޑަވެލުމާއެކު މައިޝާން ހިތްހަމަނުޖެހުމުގެ ދެތިން ބަހެއް ބުނެލާފައި ކޮޓަރީގައިހުރި ރީތިވާ މޭޒާ ދިމާލަށް ހިނގައިގަތެވެ. ލޯގަނޑުގެ ކުރިމައްޗަށް ހުއްޓި، ގަމީހުގެ އަތުކުރިއާއި ކަރުގައި އޮތް ޓައި ރަނގަޅު ކޮށްލުމަށްފަހު އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި ތަރުތީބު ކޮށްލި އެވެ. އެއީ މީގެ ތިންމަސް ކުރިން ތާކުންތާކު ނުޖެހޭހެން ލާޗާރު ބިޗާރަށް އުޅުނު މީހެކޭ ބުނާނެ އެކަކުވެސް މިހާރު ނުހުންނާނެ އެވެ. ފެންނަ ފެނުމަށް އެހާވެސް އިސްލާހުވެފައި ޒިންމާދާރެވެ.
"ހަނދާން ކުރާތި! މަގޭ އަތުން އިތުރު ބޮނޑިއެއް ބޯން ނޫނީ މަށަށް ނުގުޅާތި! މިރޭ މަށެއް ނާންނާނަން. މަންމަ އެހިއްޔާ ބުނޭ މަ އޮތީ ބޮލުގަ ރިއްސާތީ ނިދާފައޭ" ގަޔަށް ސެންޓު ބުރުވައިލުމަށްފަހު ފޯނާއި ތަޅުދަނޑި ހިފައިގެން ކޮޓަރިން ނުކުތުމުގެ ކުރިން މައިޝާން ބުންޏެވެ.
މައިޝާން އެޕަރޓްމެންޓްގެ ދޮރުން ނުކުމެއްޖެކަން ޔަގީން ކުރެވުމާއެކު އައިލީންއަށް އިން ދިމާލުން ބިންމަތީގައި އޮށޯވެލެވުނެވެ. ބޮލަށް އަރާފައިވާ އެނބުރުމަށް ހައްލެއް ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ. މެރެމުންދިޔަ ދެލޮލުގެ ތެރެއިން އޭނާގެ ހިޔާލަށް އައީ މައިޝާންއާ ކުރި ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އޭނާ އުޅުނު ހަމަޖެހޭ ދިރިއުޅުމެވެ. ކައިރި މާޒީއެއްގައި އެފަދަ ހަމަޖެހޭ ދުވަސްވަރެއް އޭނާގެ ހަޔާތަށް އައިސްފައެއް ނުވެ އެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އޭނާ ހީވެސް ނުކުރާހާ އަވަހަށެވެ. އައިލީންގެ ކުރިމަތީގައި މިއަދު މައިޝާނަކީ އޭނާއާ ދިމާވި ހިތްހެޔޮ ޒުވާނާ އަރައި ކައިގެންހުރި ރަންނަމާރިއެއްފަދަ ބިރުވެރި މީހެކެވެ.
ނުވައެއް ޖަހަން ކައިރިވުމާއެކު އައިލީން ނެތް ހިތްވަރުން ކޮޅަށް ތެދުވެ ފާހަނައަށް ވަނެވެ. ހަށިގަނޑުގައިވާ ތަދު މަޑުވެ، އައްސިވަންދެން މާގަނޑުން ވެހެމުންއައި ފިނިފެނުގެ ދަށުގައި ހުރުމަށްފަހު ނުކުމެ ކޮލެޖަށް ދާން ތައްޔާރުވެލައިގެން ނިތްކުރިމަތީގައި ބޭސް މަލަންކޮޅެއް ތަތްކޮށްލި އެވެ. ކޮލާއި ކަރުގައިހުރި ނިޝާންތައް މޭކަޕުން ފަރުދާކޮށްލި އެވެ. އާދައިގެ މަތިން ދަބަސް ހިފައިގެން ގޮސް އޭނާ ފުރަތަމަ ވަނީ އެ އެޕަރޓްމެންޓްގެ ކުރިމަތީގައި ހުންނަ ޒީނިޔާމެންގެ އެޕަރޓްމެންޓަށެވެ. މައިޝާން ހުންނަ ދުވަސްދުވަހުވެސް ނާސްތާ ކުރަނީ ޒީނިޔާމެންނާއެކު ކަމަށްވާތީ އެވެ.
"މަންމާ. ހުރިހާ ކަމެއް ނިމުނީތަ؟ އަޅުގަނޑު ކީއް ކޮށްދޭންވީ؟" އުނދުން ކައިރީގައިހުރި ޒީނިޔާގެ ގާތަށް ހުއްޓިލަމުން އައިލީން އަހައިލި އެވެ. އޭރު ޒީނިޔާ އެންމެ ފަހު ރޮށި ފިހެލުމަށްފަހު އުނދުން ނިއްވައިލަނީ އެވެ. އޭނާ އާންމު ގޮތެއްގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ޒީނިޔާއަށް އެހީވެދީ އުޅުނަސް މިއަދު ކަންތައްތައް ހިނގައިދިޔަ ގޮތުން އޭނާއަށް ތަންކޮޅެއް ލަހުން އާދެވުނީ އެވެ.
"ނޫނޭ ދެން މި ނިމުނީނު. ދެން މިތަނުން އެއްޗެއް ކައިގެން ކޮލެޖަށް ދެވޭތޯ ބަލާ" ޒީނިޔާގެ އަޑުގައިވާ ރުންކުރުކަން ފާހަގަ ކުރެވުނަސް އައިލީން އެކަން ނޭނގޭކަމަށް ހެދުނެވެ. އެއީ އޭނާއަށް މިފަހަކަށް އައިސް ޒީނިޔާގެ ފަރާތުން ފެންނަ ރުންކުރު ކަމެކެވެ. އެކަމާ ދޭތެރޭ އެއްޗެކޭ ބުނަން ނުކެރެނީ އެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރައިފާނެކަމުގެ ބިރަށެވެ.
ހިމޭންކަމުގައިހުރެ ޒީނިޔާއާއެކު ސުފުރާމަތި ތައްޔާރުކޮށް ނިންމައިލުމަށްފަހު އައިލީން އައިސް ސުފުރާދޮށުގައި އިށީނީ އާދައިގެ ކަޅުސައި ތައްޓަކާއެކު ދެތިން ބިސްކޯދު ހިފައިގެނެވެ. އެއްވެސް ހާލެއްގައި އޭނާއަށް އެ ގެއިން ކެއުން މަނަލީކީ ނޫނެވެ. މައިޝާންގެ އަނިޔާތަކުގެ ސަބަބުން އޭނާގެ ކިބައިގައި ރަނގަޅަށް ކައިބޮއި އުޅޭނެހާ ހިތްވަރު ނެތީ އެވެ.
"ކޮބާ ދަރިފުޅާ؟ މައިޝާން އޮފީހަށް ދިޔައީތަ؟" އޮފީހަށްދާން ތައްޔާރުވެލައިގެން ކޮޓަރިން ނުކުތް މުރުޝިދަށް އައިލީން ފެނި ހިތްހެޔޮކަމާއެކު އަހައިލި އެވެ. މުރުޝިދުގެ ސުވާލަށް އައިލީން ބޯ ޖަހައިލުމުން ދެންވެސް ވާހަކަދެއްކީ މުރުޝިދެވެ. "އެސޮރު މިހާރު ވަރަށް ބަރާބަރޭ.. ޒީނިޔާއަށް އެނގޭތަ އޮފީހަށްވެސް ދާނެ އެންމެނަށްވުރެން ކުރިން.. އަހަރެން ހަމަ އަޖާއިބުވެފަ މި ހުންނަނީ.. މިއީ ހުސް ލީންގެ ސަބަބުން އައި ބަދަލު. އަލްހަމްދުލިއްﷲ.. ލީން.. ދަރިފުޅު މިއަދުވެސް ހަމައެކަނި ކަޅުސައި ތައްޓަކުން ތި ފުއްދާލަނީ؟"
"އަޅުގަނޑު ކާހިތެއް ނެތް" އައިލީން ފަނޑު ހިނިތުންވުމަކާއެކު ބުންޏެވެ.
"ޒީނިޔާ.. އައިލީން މި ދުވަސްކޮޅު މާ ކާހިތް ނުވާތީ މި އުޅެނީ.. އަހަރެންނަށް ހީވަނީ ވަރަށް އަވަހަށް އުފާވެރި ހަބަރެއް ލިބިދާނެހެން" މުރުޝިދު ހެވިފައި އިނދެ ބުނެލި ޖުމްލައިން އައިލީންގެ މޫނު އެކީ ރަތްވި އެވެ. އޭނާއާ މައިޝާންއާ ދެމެދުގައި ކުރެވުނު ކައިވެނީގެ ހަގީގަތް މައިޝާންގެ މައިންބަފައިންނަށް ނޭނގެންޏާ އެފަދަ އުއްމީދުތަކެއް އެ ކައިވެންޏާމެދު ކުރެވިދާނެކަމަށް ގަބޫލު ކުރެވޭތީ އައިލީން ހިމޭންކަން އިޚްތިޔާރު ކުރި އެވެ.
"އަދިވެސް ނިތްކުރި ފަސޭހަ ނުވަނީތަ؟ މިހާރު ދެން މާ ގިނަ ދުވަސް ވެއްޖެހެން ބައްޕައަށް ހީވަނީ" އައިލީންގެ ނިތްކުރީގައި ޖަހައިފައިވާ ބޭސްމަލަންކޮޅު ފެނުމުން މުރުޝިދު ސުވާލުކުރި އެވެ. ލަކުނު ނުފިލަންދެން އިތުރު ލަކުނެއްލީމައި ކުރާނީ ކީއްހޭ އައިލީންގެ ހިތަށް އެރި އެވެ.
"ބަލާލައިގެނެއް ނޫނޭ އުޅެނީ ކޮލެޖުގެ ސިޑިންނާ ތަންތަނުން ފައިބާއިރު.. މީހަކާ އިނަސް ރާއްޖެތެރޭ މީހުންގެ ގަމާރުކަން ނުފިލާނެ" މުރުޝިދަށް ޖަވާބުދޭން އުޅުނު އައިލީންއަށް ސިހުމެއް ލިބުނީ ޒީނިޔާ އެ ދެމެދަށްވަދެ ފޮނުވައިލި ރައްދަކުންނެވެ.
"އެއްކަލަ ޒީނިޔާ.. އަބަދު މާލެ ރާއްޖެތެރެ ކިޔާލަ ކިޔާލަ ތި ހުންނަނީ.. ބަލަ މިހާރަކު ތި ބުނާހާ ވިސްނުމުގެ ފަރަގެއް ނޯވެޔޭ މާލޭ މީހުންނަކާ ރަށްރަށުގެ މީހުންނަކާ.. ޒީނިޔާ ތި ގެންގުޅެނީ މާ ބޯދާ ވިސްނުމެއް.. އެހެންނޫނަސް އައިލީން ސިޑިން ވެއްޓުމަކާ.. މާލެއަކާ.. ރާއްޖެތެރެއަކާ.. އޮތީ ކޮން ގުޅުމެއް؟" މުރުޝިދުގެ ވާހަކަތަކުން ޒީނިޔާގެ އަނގަ ބަންދުވި އެވެ. ނަމަވެސް އެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.
އައިލީން އެއްފަހަރު މުރުޝިދަށް އަނެއްފަހަރު ޒީނިޔާއަށް ބަލައިލުމަށްފަހު އިންތަނުން ތެދުވެ ޖޯޑު ހިފައިގެން ސިންކުދޮށަށް ޖެހިލި އެވެ. އެތަނުގައި ހުރުމަކީ އެންމެ މަސްލަހަތު ރަނގަޅުގޮތް ނޫންކަން ވިސްނުމުން އޭނާ އަވަސްވެގަތީ އެތަނުން ދާށެވެ. ލިފްޓަށް އަރައި ހަމަޖެހިލުމަށްފަހު ބޮލުގައިވާ ހުޅި ދޫކޮށްލަމުން ނިތްކުރި މަތީގައިވާ ބޭސްމަލަންކޮޅު ބުޅި އިސްތަށިތަކުގެ ނިވަލުގައި ފޮރުވައިލެވޭވަރު ވީ ކިރިޔާ އެވެ. ޖެހިގެންހުރި ފަންގިފިލާއަށް ލިފްޓު ހުއްޓައިލި އެވެ. އިސްއުފުލައިނުލައި ލިފްޓަށް އެރި މީހާގެ ބޫޓުން އެކަނިވެސް އައިލީންއަށް އެމީހަކު ފާހަގަކުރަން އެނގުނެވެ. ލޯ މަރާލައިގެން ހުރިނަމަ އެމީހެއް ޖަހައިގެންހުރި އަރްމާނީ ސެންޓުގެ މީރުވަހުން އެކަނިވެސް އައިލީންއަށް އެމީހަކު ފާހަގަ ކުރެވުނީހެވެ.
އެހެން ދުވަސްދުވަހެކޭ އެއްފަދައިން ނަދާލް އޭނާގެ މޫނު އައިލީންއާ ދުރަށް އަނބުރައިލި އެވެ. ތިން ފަންގިފިލާ ހުރަސްކޮށް އެންމެ ތިރީ ފަންގިފިލާއަށް ލިފްޓު ހުއްޓައިލި އިރުވެސް އެދެމެދުގައި ވާހަކައެއް ނުދެކެވެ އެވެ. އަދި ކިއެއްތަ؟ މައިޝާންއާއި އައިލީން ކައިވެނި ކުރީއްސުރެންވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެ އެވެ. ލިފްޓުން ފައިބައިގެން ގެއިން ނުކުތުމަށް އެންމެ ފުރަތަމަ ހިނގައިގަތީ ނަދާލް އެވެ. އޭނާގެ ފިޔަވަޅުތަކުގައި އަވަސްކަމެއް ހުއްޓެވެ. އައިލީންއާ ބައްދަލުވާ ކޮންމެ ފަހަރަކު އޭނާގެ ހަމަބުއްދީގެ މައްޗަށް ހިތް އިސްކުރެވިދާނެ ކަމަށްޓަކައި ނަދާލް ބިރުގަނެ އެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާހާލު އައިލީންއަށް ނަދާލްގެ އަމަލުތައް ދޭހަވަމުންދިޔައީ ނަދާލްގެ ހިތުގައި އައިލީންގެ މައްޗަށް އުފެދިފައިވާ ނަފްރަތުގެ ރަމްޒެއްގެ ގޮތުގަ އެވެ.
************
"އައި ކޯލް ބުލްޝި*" އަތުގައި އޮތް ފައިލު މޭޒުމައްޗަށް ހޫރައިލުމަށްފަހު ނަދާލް ދުރުގައި އިން މައިޝާންއަށް ބަލައިލި އެވެ. މީޓިންގްރޫމުގައި ބަހައްޓާފައިވާ ދިގު މޭޒުގެ ދެކޮޅުގައި މައިޝާނާއި ނަދާލް އިށީނދެލައިގެން ތިބި އިރު އެމީހުންގެ ހުރަހަށް ވާގޮތަށް މޭޒުގެ ދެފަރާތުގައި އޮފީހުގެ އިސް މުވައްޒަފުން "ކުޅިވަރު" ބަލަން ތިއްބެވެ.
"މިހާރުވެސް ކޮންމެ ރީޖަނަކަށް ހުންނާނެ މެނޭޖަރެއް އައްޔަންކޮށްފަ.. މިލަދޫ، ހިންނަވަރު، މާމިގިލި، ކުޑަހުވަދޫ އަދި ތިނަދޫ. މިއީ ރީޖަނަލް މެނޭޖަރުންގެ ލޮކޭޝަންސް. އެ ލޮކޭޝަނަކާ ކައިރި ރިސޯޓުތަކުގެ އައުޓްލެޓްސްގަ ހިނގާ ހުރިހާ ކަމެއް މިހާރުވެސް އެމީހުން ދަނީ ބަރާބަރަށް މިކޮޅުގެ ޓީމްއާ ކޮމިއުނިކޭޓް ކުރަމުން.. އޮން ޓޮޕް އޮފް އޯލް ދިސް.. ކޮންމެ ރެސްޓޯރަންޓެއްގަ މެނޭޖަރެއް ބަހައްޓައިގެން މި އުޅެނީ. އައްޑޫގައާއި ކޭ.އެލްގަ ހުންނަ ތަން އަދި ނަޕޯލީގަ ހުންނަ ތަނުގަވެސް. މިހާރުވެސް ބޮޑު ހޭދައެއް ލޮޖިސްޓިކްސް އެންޑް ހިއުމަން ކެޕިޓަލްއަށް ކުރާއިރު، އަހަރުމެންނަށް ސިވިއަރ ކޮމްޕްލެއިނެއް ނުލިބޭހާ ހިނދަކު މައިޝާން ވަކިވަކިން އަހަރުމެންގެ 19 އައުޓްލެޓްސް އޮބްޒާވްކުރަން ދިޔުމަކީ ހިނގާނެ ބޭކާރު ހަރަދެއް" ނަދާލްގެ ހިޔާލު އިއްވައިލި އެވެ. "އައި އަންޑަރސްޓޭންޑް ދެޓް ޔޫ އަރ ދަ ނިއުލީ އެޕޮއިންޓަޑް ހެޑް އޮފް އޮޕަރޭޝަންސް.. އެނގޭ ކަންތައްތައް ގާތުން ބަލަން ބޭނުންވާނެކަންވެސް.. އެކަމަކު މިވަގުތު މި ތައްޔާރުވަނި ވަރަށް ބޮޑު ކަމަކަށް. ކަލިނަރީ ސްކޫލް ހުޅުވަން ބާކީ ހަތަރު މަސް. ވީ ނީޑް އޭޒް މަޗް ފަންޑްސް އެންޑް ކޭޝް ވީ ކޭން ސޭވް" ނަދާލްގެ ވާހަކައަށް އެތަނުގައި ތިބި ގިނަ ބައެއްގެ ތާއީދު ލިބުނެވެ.
"އަހަރެން ހީކުރީ ނަދާލްގެ ތި ޑައިމަންޑް ޕްރޮޖެކްޓަށް ފަންޑުކުރަނީ ނަދާލްގެ ބަފާބެ ކަމަށް. އެހެނެއް ނޫންތަ އެ ކަން އޮތީ؟" މައިޝާން މަލާމާތުގެ ރާގެއްގައި ބުނެލި ވާހަކައާއެކު ނަދާލްގެ ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނެވެ. އޭނާ އިޝާރާތްކޮށްލުމާއެކު މައިޝާން ފިޔަވައި އެ ބައްދަލުވުމުގައި ދެންތިބި މީހުން ހަލުވިކަމާއެކު އެތަނުން ނުކުންނަން ފެށި އެވެ.
"އަހަރުމެންގެ ޒާތީ ވާދަވެރިކަން ވިޔަފާރީގެ ތެރެއަށް ނުގެނޭ މައިޝާން. މިހާރު މިއީ އަހަރުމެން ދެމީހުންގެވެސް ތަނެއް. ދެމީހުންވެސް ވިސްނަން ވާނީ މި ވިޔަފާރިއަށް ފައިދާވާ ގޮތަށް" އެތަނުން މީހުން ހުސްވުމާއެކު ނަދާލް މައިޝާނަށް ނަސޭހަތްތެރިވި އެވެ.
"ހެހެ.، ޒާތީ ވާދަވެރިކަމޯ.. ތިބުނާ ޒާތީ ވާދަވެރިކަމުގެ އަސްލަކީވެސް މި ވިޔަފާރިކަން ނަދާލްއަށް ހަމަ ރަނގަޅަށް އެނގޭނެ! އެއީ ވަކި ނުކުރެވޭނެ ދެ ކަންތައް. ޒާތީ އޭ ކިޔަން ރަނގަޅެއްނު.. ފާޑެއްގެ ފޭކް ސްކޫލް ޕްރޮޖެކްޓެއްގެ ހުވަފެން ކާފައަށް ދައްކައިގެން މިތަނުގެ ހެޑް އޮފް މާރޖާޒް އެންޑް ބިޒްނަސް ޑެވެލޮޕްމަންޓްގެ މަގާމަށް އައިސް ތިހިރީ" މައިޝާންގެ ބަހުގެ ހަމަލާއަށް ނަދާލް އިނީ ފުރިހަމައަށް ތައްޔާރުވެގެން ކަހަލަ އެވެ. އޭނާގެ ފަރާތުންވެސް ހަމަ އެ ހޫނުކަމާއެކު މައިޝާނަށް ރައްދުގެ ހަމަލާއެއް ފޮނުވައިލި އެވެ.
"ދެން މައިޝާންއޯ؟ މައިޝާން ތި ގޮނޑީގަ އިށީނދެ ތި އިނީ ނިކަމެތި އަންހެން ކުއްޖެއްގެ ދިރިއުޅުމުގަ ކަސްތޮޅު ޖަހާފަ އައިސް ނޫންތަ؟ އާއިލާގެ ލޮލުގަ އަނދުން އަޅުވާފަ ނޫންތަ؟" ނަދާލް އިށީނދެ އިން ގޮނޑިން ތެދުވި އެވެ. "ލުކް. ޕަރސަނަލް ވެވެންޏާ އަހަރެންނަށްވެސް ވެވިދާނެ. މައިޝާން މި ޓްރިޕް ބޭނުންވެގެން ތިއުޅެނީ ކިޔާރާ ގޮވައިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރެއް އަޅާލާފަ މެލޭއަށާއި އިޓަލީއަށް ޖައްސާލަން ބޭނުންވާތީއޭވެސް އެ އެންމެންގެ ކުރިމަތީގަ މަށަށް ބުނެވިދާނެ.. އެކަމަކު ނުބުނަމެއްނު؟ ދެން ފަހުބަސް ބުނާނީ ސީ.އެފް.އޯ.. އަހަރެން ހިޔާލާ އެއްގޮތަށް އަހަރެން ވަކާލާތު ކުރާނަން. މައިޝާން ބޭނުންވާކަމަކާ އެއްކޮޅަށް ވަކާލާތު ކޮށްގެން ކުރި ހޯދުމަކީ މައިޝާންގެ ކަމެއް. މީޓިންގް ޑިސްމިސްޑް" ނަދާލް މީޓިންގްރޫމުން ނުކުތެވެ.
****************
ގަޑިތަކުން ރޭގަނޑު ބާރަ ޖަހަނީ އެވެ. ކިޔަވާ މޭޒުދޮށުގައި އިން އައިލީންގެ ސަމާލުކަން ދެވިފައިވަނީ ކޮލެޖުގެ ފިލާވަޅަކާ ގުޅިގެން ބަލަމުންދިޔަ ޔޫޓިއުބް ޓިއުޓޯރިއަލަކަށެވެ. އެހެން އިންދައި މައިޝާން އައިސް ކޮޓަރިއަށް ވަނުމުން އައިލީންގެ ހިތް ނެގިނެގިފައި ޖެހަންފެށި އެވެ. މައިޝާންގެ މޫޑު އެވަގުތު ހުންނާނެ ގޮތެއް ނޭނގޭތީ އެވެ.
"މައިޝާން.. ކައިފިންތަ؟" ބިރުން ރޫރޫ އަޅަމުން ދިޔައެއްކަމަކު އައިލީން އަހައިލި އެވެ. ޖަވާބުގައި މައިޝާން ފަރުވާކުޑަ ގޮތަކަށް "ހޫން" ލައްވައިލުމަށްފަހު ތުވާލި ހިފައިގެން ފާހަނައަށް ވަނުމުން އައިލީންއަށް އޭނާ ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ. މައިޝާން ހުރީ އެހެން ރޭރެއަށްވުރެން ތަންކޮޅެއް ހަމަޖެހިފައިކަން އެނގުމުންނެވެ. އޭނާ އަނެއްކާވެސް ފިލާވަޅަށް ސަމާލުކަން ދިނެވެ. އިރުކޮޅަކުން މައިޝާންވެސް ފާހަނައިން ނުކުމެ، ނިދަން ތައްޔާރުވެލައިގެން އެނދުގައި އޮށޯތެވެ. އައިލީންއަކީ އެތަނުގައި އިން މީހެއްތޯވެސް ބަލައިލުމެއްނެތި މައިޝާން ގުޅީ ކިޔާރާއަށެވެ. އެ ދެމީހުން ވާހަކަ ދައްކަން ފެށިތާ މާ ގިނައިރެއް ނުވަނީސް އައިލީންގެ ލެޕްޓޮޕުން އިވެމުންދިޔަ ޓިއުޓޯރިއަލްގެ އަޑުން މައިޝާންއަށް އުނދަގޫވާން ފެށި އެވެ.
"ދެން މިއޮއްފަދަ ގަޑީގަ ކޮން ބޮލިރަވައެއް އަޅުވައިގެންތަ ތި ބޮލަށް އުނދަގު ކުރަނީ؟ ހަމަ މިހާރު ނިވާލާ ތި!" ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު މައިޝާން ހަރު އަޑުން އަމުރުކުރި އެވެ. އެއަށްފަހު އަނެއްކާވެސް ކިޔާރާއާ ވާހަކަދެއްކުން ކުރިއަށް ގެންދިޔަ އެވެ. އޭރު އައިލީން އިނީ ލެޕްޓޮޕްގެ ކުރިއަށްވުރެން މަޑު ކޮށްލައިގެނެވެ. ނަމަވެސް އޭނާ ހަދަމުންދިޔަ ފިލާވަޅަކީ ކޮންމެހެންވެސް މާދަމާއަށް ނިންމަންޖެހޭ ފިލާވަޅެއްކަމުން މައިޝާން ބުނި ބުނުމަށް ލެޕްޓޮޕް ނިއްވައިނުލީ އެވެ. އެކަންވީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހަކަށެވެ.
"ކިހާ ބޮޑު ނުހޮރުއްޕާނެއްތަ މިއީ އޭނ!" ކުއްލިއަކަށް މައިޝާން އެނދުން ތެދުވެގެން އައިސް އައިލީންގެ ލެޕްޓޮޕް ލައްޕައިލި އެވެ. "ބުނާހާ ކަމެއް ކޮށްދީގެން އުޅޭ އިރުވެސް ބުނާ އެއްޗެއް އަޑު އަހަނީކީ ނޫނޭ! ނުކުމޭ މި ކޮޓަރިން" މައިޝާން އައިލީންގެ އަތުގެ އުޅަނބޮށްޓާ ދިމާލުގައި ހިފައި ކޮޅަށް ނެގި އެވެ. "ނުކުންނާށޭ! އަޑެއް ނީވޭތަ؟"
މައިޝާންގެ ވާހަކަ ނުނިމެނީސް އައިލީން މޭޒުމަތީގައިހުރި ފޮތްތަކާއި ލެޕްޓޮޕު ހިފައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އޭނާ ނުކުތުމާއެކު މައިޝާން ބަންލާފައި ކޮޓަރީގެ ދޮރުޖަހައި ތަޅުލައިފި އެވެ. އައިލީން ފުންނޭވާއެއް ދޫކޮށްލަމުން އޭނާގެ ކިޔަވާ ސާމާނު ކާމޭޒުމަތީގައި އަތުރައިލީ އެރޭ މައިޝާންގެ ފަރާތުން އަނިޔާއެއް ނުލިބުނީތީ މާތް ރަސްކަލާނގެއަށް ހަމްދު ކުރާ ހާލުގަ އެވެ.
ހަމަ އެ ރޭގެ ކުޑަ ވަގުތުކޮޅެއް ފަހެވެ. އެގޭގެ ހަވަނަ ފަންގިފިލާގައި ހުންނަ މާޒިޔާމެންގެ އެޕަރޓްމެންޓުގައި އެންމެން ނިދައި ފައިހިލަވަޅު އޮބުމަށްފަހު ގޭތެރެއަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެކެވެ. ޖެހިލުންވެފައިހުރި މަލަކް ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅައިލުމަށްފަހު ހުސްކޮށް އޮތް ސިޓިންގްރޫމުގެ ވަށައިގެން ހޯދައިލިއެވެ. މީހެއްގެ ހިލަމެއްވާން ނެތުމުން އޭނާ ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ބެލްކަންޏާ ދިމާލަށެވެ.
އެގޮތަށް މަލަކް ކޮޓަރިން ބޭރަށް ނުކުންނަން ފެށިތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެ އެވެ. ނަމަވެސް މީހަކާ ކުރިމަތިލާނެހާ ހިތްވަރު ނެތުމުން އޭނާ ނުކުމެ އުޅެނީ ދަންވަރުގެ ވަގުތުގަ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ އުޑުގައި ރަސްކަންކުރަމުންދިޔަ ތަރިތަކަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުރިއިރު ބޮޑު ހިތާމައެއް ތަހައްމަލު ކުރަމުންދާފަދަ އަސަރުތަކެއް މަލަކްގެ މޫނުމަތިން ފެންނަން ހުއްޓެވެ. ދެލޯ މަރައިލި ހިނދު ދެލޮލުން ނީރައިލި ކަރުނަ ތިކިތައް ދަތްދޮޅީގެ ދަށަށް ހިނދިގެން ދިޔައިރުވެސް އެގޮތުގައި މަޑުކޮށްލައިގެން ހުރީ އެވެ. އޭނާ އެތަނުން ހިނގައިގަތީ ފަސްވަރަކަށް މިނަޓު ފަހުންނެވެ. ކޮޓަރިއަށް ވަތްއިރު ފެންފުޅި ހުސްވެފައި ހުރުމުން އަނެއްކާވެސް ބޭރަށް ނުކުތީ ފެންފުޅިއެއް ހޯދުމުގެ ބޭނުމުގަ އެވެ. އައިސް-އަލަމާރީގެ ކައިރިއަށް ހުއްޓިލި ވަގުތު މާޒިޔާއާއި ޒުހޫރުގެ ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވެ މަލަކްއަށް ތެޅިގަނެވުނެވެ. ކުއްލިއަކަށް މުޅި ސިޓިންގްރޫމަށް ފެތުރިގެންދިޔަ ހުދު އަލީގެ ތެރެއިން ދުރުގައި ހުއްޓިލައިގެންހުރި ޒުހޫރުފެނި މަލަކްގެ އަތުގައި އޮތް ފެންފުޅި ބިންމައްޗަށް ވެއްޓުނުއިރު އޭނާއަށް ބިރުގެންފައި ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ.
"ދަ..ދަރިފުޅާ"
"ނޫން! ނޫން! ނޫން! ނޫނެކޭ.. ނޫން ނޫން!" ޒުހޫރު ގޮވައިލުމާއެކު މަލަކް ފެށީ ހަޅޭއްލަވާށެވެ. "ނޫން ނާންނާތި ކައިރިއަށް.. ނާންނާތި.. ދުރަށް.. ދުރަށްދޭ!" ތުރުތުރު އަޅަމުންދިޔަ މަލަކް ބިންމައްޗަށް ވެއްޓުމާއެކު ޒުހޫރަށް ދުވެފައި ގޮސް މަލަކްގެ ގައިގައި ހިފެހެއްޓުނެވެ.
"ދަރިފުޅާ.. ދަރިފުޅާ މަލަކް ހަމަޖެހިބަލަ.. މިއީ ބައްޕައޭ" މަލަކްއެކޭ އެއްފަދައިން ޒުހޫރަށްވެސް ދިޔައީ ރޮވެމުންނެވެ. އޭރު މާޒިޔާއަށްވެސް ނިދިން ހޭލެވިގެން އެމީހުންގެ ގާތަށް އަތުވެއްޖެ އެވެ.
"ދަރިފުޅާ..މަލަކް" މަލަކްއަށް ވަމުންދިޔަ ގޮތް ފެނި މާޒިޔާއަށްވެސް ރޮއެގަނެވުނެވެ.
"ނާތްލާ.. ނާތްލާށޭ!! މަންމާ.. ބައްޕާ.. ހެލްޕް.. ބައްޕާ" މަލަކް ހަޅޭއްލަވަމުންދިޔަ އެވެ. މާޒިޔާއާއި ޒުހޫރަށް އެކަކު އަނެކަކަށް ބަލައިލެވުނީ މަލަކްއަށް އެމީހުން ނުފެންނަނީބާއޭ ހީކުރަމުންނެވެ.
"ދަރިފުޅާ.. މިއީ މަންމަމެނޭ.. ދަރިފުޅާ މަލަކް" މާޒިޔާގެ އަޑު އެހުމެއްނެތި މަލަކް ހޭ ހުސްވަންދެން ހަޅޭއްލެވި އެވެ. މަލަކްގެ ދެލޯ މެރުނުހިނދު ޒުހޫރު ހަލުވިކަމާއެކު މަލަކްގެ އަތް ކަންފަތާ ގާތަށް ގެނެސް ވިންދު ހުރިތޯ ބަލައިލުމަށްފަހު މާޒިޔާއަށް ބޯ ޖަހައިލި އެވެ. މާޒިޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހިސާބުންނެވެ. މަލަކްގެ ގައިގައި ހިފަހައްޓައިލައިގެން އިނދެ ޒުހޫރުގެ ކޮނޑުގައި ބޯ އަޅައިލަމުން ދެލޯ މަރައިލި އެވެ.
*************
"މިއަދަކު ފާޑުފާޑެއް ނުޖެއްސޭނެ.. އަހަރެންވެސް ތައްޔާރުވެގެން މި ހުންނަނީ.. ތި ބުނާހެން މަގޭ މައިޝާނާ އިނދެވުނީމަ އޭނައަށް އެ ހުންނަނީ ފެންވަރު އޮޅިފަ.. އޭ މަޑުކުރޭ.. އަށްގަޑި ބައި ވަނީއެއްނު.. އެބަ ގުޅަން މައިޝާނަށް ގުޅާފަ" ސިޓިންގްރޫމުގެ ސޯފާގައި އިން ޒީނިޔާ ފޯނު ކަނޑައިލުމަށްފަހު ކޮޓަރިއާ ދިމާލަށް އަވަސް ނަޒަރެއް ދިނީ މުރުޝިދު ނުކުމޭތޯ ޔަގީން ކޮށްލުމަށެވެ. އެއަށްފަހު އޭނާ އަވަސްވެގަތީ މައިޝާނަށް ގުޅާށެވެ.
"ހަ. އެހެމް އެހެމް. ހަލޯ ދަރިފުޅާ.. އޮފީހަށް ދިޔައީތަ؟" ދެފަހަރަކު ކެއްސައިލުމަށްފަހު އަޑަށް ބަލިކަށިކަން ގެނުވަމުން ޒީނިޔާ ގޮވައިލި އެވެ.
"އާނ މަންމާ.. މިހާރު އޮފީހުގަ. ކިހިނެއްވީ؟" މައިޝާން އަހައިލި އެވެ.
"މިއީ.. މަން.. އެހެމް.. މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ.. މިއަދު ހިއެއްނުވޭ ބައްޕައަށް ހެނދުނު ސައި ތައްޔާރު ކުރެވޭނެހެނެއް.. ދަރިފުޅު ނިކަން ސައިބޯނެ އެއްޗެއް ގަނެލައިގެން ގެނެސްދީބަ" ޒީނިޔާ ބުންޏެވެ.
"މަންމާ.. ލީން ކޮބާ؟ ލީން ނުނިކުމޭތަ ސައި ހަދަން؟" ފޯނުގެ އަނެއް ފަރާތުގައިހުރި މައިޝާންގެ ދެބުމަ ގޮށް ޖެހުނެވެ.
"އާން.. ދަރިފުޅު ހުންނަ ދުވަހެއްގަ މިތަނަށް އައިސް އަތް ގާތްކޮށްލަދިނަސް ލީންގެ ކަންތައް ހުންނަގޮތް ދަރިފުޅަށް އެނގެއެއްނު. ދެން އެކަމާ އަޅާނުލާ.. ކިޔަވާއިރު އެހެންވެސް ވާނެ. ދަރިފުޅު އާދެބަލަ ސައިބޯނެ އެއްޗެއް ގަނެލައިގެން" ޒީނިޔާ ކަނޑައެޅިގެން ދޮގުހެދި އެވެ.
"މަންމަވެސް ނުކައި ދޯ ތި އުޅެނީ؟ ޕިސް ޕިސް. އާން އޯކޭ މި ދަނީ" މައިޝާން ފޯނު ކަނޑައިލުމާއެކު ޒީނިޔާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އެހެނަސް އެވަގުތު މުރުޝިދު ކޮޓަރިން ނުކުތުމާއެކު އޭނާ އެ ހިނިތުންވުން ފޮހެލި އެވެ.
"ޒީނިޔާ؟" ސުފުރާ މައްޗަށް ބަލައިލުމަށްފަހު މުރުޝިދު ގޮވައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ތަންކޮޅެއް ލަހުން ހޭލެވުނީމަ މައިޝާން ފޮނުވައިގެން މި އުޅެނީ ސައިބޯ އެއްޗެހި ގަންނަން" މުރުޝިދުގެ ހިތުގައި އޮތް ސުވާލަށް ޒީނިޔާ ޖަވާބުދިނެވެ.
"އެހެންތަ؟ ރަނގަޅުވާނެ.. އަހަރެން އޮފީހުން ސައި ބޮއެލާނަން.." މުރުޝިދު ބުންޏެވެ.
މުރުޝިދު ގެއިން ނުކުތުމާއެކު ޒީނިޔާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެ ރަޖާ އަޅައިލުމަށްފަހު ގަދަކަމުން ކެއްސައިލީ އޭނާ ކުޅެން އުޅޭ "ބަލިމީހެއް" ގެ ރޯލަށް ރަނގަޅަށް ތައްޔާރުވެލުމުގެ ގޮތުންނެވެ.
ރޭގައި މާ ލަސްވަންދެން ފިލާވަޅުތައް ނިންމަން އިނުމުން އައިލީންއަށް ހޭލެވުނީ ހެނދުނު ނުވައެއް ޖެހުމާ ގާތްވެފައި ވަނިކޮށެވެ. ގަޑި ބަލައިލުމަށްފަހު ސިޓިންގްރޫމްގައި އޭނާ ނިދަން އޮތް ސޯފާއިން ތެދުވެ ކޮޓަރީގެ ތަޅުގައި ހިފައިލީ މައިޝާން އެ ދޮރު ހުޅުވައިފިތޯ ޔަގީން ކޮށްލުމަށެވެ. ކޮޓަރީގެ ތެރެއިން މައިޝާންގެ ހިލަމެއް ވާން ނެތުމުން އޭނާ ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. ފެންވަރައި ތައްޔާރުވެލައިގެން ސިޓިންގްރޫމަށް ނުކުތްއިރު ކާމޭޒު ދޮށުގައި އިން މައިޝާން ފެނި ލިބުނު ސިހުމުގައި އައިލީންގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. އޭނާ ކިޔަވަން ގެންގުޅޭ ލެޕްޓޮޕާއި ފޮތްތައް ރޭގައި ބެހެއްޓި ގޮތަކަށް އެ މޭޒުމަތީގައި ހުއްޓެވެ.
"ކޮފީއެއް ގިރާލަ ދީބަ. މިލްކް ކޮފީ.. ހޫނުކޮށް" މައިޝާން ކިޔައިފާނެ އެއްޗަކާއި، ދީފާނެ އަނިޔާއަކާމެދު ވިސްނަމުންދިޔަ އައިލީންއަށް ހައިރާންކަމެއް ލިބުނީ މައިޝާން މާ ހަމަޖެހިލާފައި އެހެން ބުނުމުންނެވެ. އައިލީން އެއްވެސް ސުވާލެއްނެތި ކޮފީ ދަޅު ބަހައްޓާފައިހުރި ކެބިނެޓްގެ ކައިރިއަށްގޮސް ހުއްޓުނެވެ. ބުޅި އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން ކޮފީ ގިރުމުގެ މަސައްކަތް ފެށި އެވެ. ދެތިން މިނަޓުގެ ތެރޭގައި އެކަން ނިންމައިލުމަށްފަހު ކޮފީތަށި ހިފައިގެން އައިސް މައިޝާންގެ ގާތަށް މަޑުކޮށްލި އެވެ.
"ލީން.. ލީންއަށް އެނގޭތަ މަންމަ ބަލިވެ އުޅޭކަން؟" މައިޝާން އިންތަނުން ތެދުވެ އައިލީން ދިއްކޮށްލި ކޮފީތަށީގައި ހިފައިލި އެވެ.
"ނު.. ނޫން" އައިލީން އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރައިލި އެވެ. "ރޭގަ ފިލާވަޅު ހަދަން އިނދެފަ އަހަރެންނަށް ތަންކޮޅެއް ލަހުން ނިދުނީމަ.. އަދި މި ހޭލެވުނީ.. މައިޝާން ދިޔައިރު އަހަރެންނަސް ގޮވާލިނަމަ.. މަންމަގާތަށް އަދި ނުދެ-"
"އަހަރެންގެ މަންމައަށްވުރެން އައިލީންއަށް މުހިއްމީ ފިލާވަޅުތަ؟" މައިޝާންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެ ސުވާލުތައް އަންނަން ފެށިގޮތުން އައިލީންގެ ހިތް ބިރުގަންނަން ފެށި އެވެ.
"ނޫން އެކަމު.. މި ބުނިހެން.. ރޭގަ ފިލާވަޅު-"
"ކޮން ފިލާވަޅެއް؟ މި ފިލާވަޅު؟" އައިލީންގެ ވާހަކަ ނުނިމެންދެން ފެނުނީ މައިޝާންގެ އަތުގައިހުރި އާވި އަރަމުންދިޔަ ކޮފީތަށި މޭޒުމަތީގައިހުރި ލެޕްޓޮޕާއި ފޮތްތަކުގެ މައްޗަށް އޮއްސައިލި ތަނެވެ. އައިލީންއަށް "ނޫނެކޭ" ބުނެ ބޭއިޚްތިޔާރުގައި އެދިމާލަށް އަތް ދިއްކޮށްލެވުމާއެކު ޖޯޑުގައި ބާކީހުރި ކޮފީތަށް އަޅައިލީ އައިލީންގެ އަތަށެވެ. ނަގައިގަތް ދިލައިން އައިލީން ރޮއިގަތް އަޑަށްވުރެ ބާރަށް އިވުނީ މައިޝާން ހަޅޭއްލަވައިގަތް އަޑެވެ.
"ހަނދާންކުރާތި! ތިއީ އަހަރެން އެއްވެސް ވަރަކަށް ލޯބިވާ މީހެއްނޫން! އަހަރެން ކަލެއާ ކައިވެނި ކުރީ ހަމަ އެންމެ ކަމަކު! އަހަރެންގެ މައިންބަފައިން ރުއްސަން ވެގެން! ކަލެއަށް އެކަން ނުވަންޏާ އަހަރެންނަށް ކަލޭގެ ބޭނުމެއްނެތް! އައި ޑޯންޓް ގިވް އަ ** ވެދަރ ޔޫ ޑައި އޯރ ލިވް!" މައިޝާން ހިތް ފުރެންދެން އައިލީންއާ ދިމާލަށް އެއްޗެހި ކިޔުމަށްފަހު ގެއިން ނުކުމެގެން ދިޔައިރު އައިލީންއަށް ހުރެވުނީ ފިހުނު އަތުގައި ހިފަހައްޓާލައި ގެނެވެ. ބިރުގެންފައި ހުރި ވަރުން އެ އަތް ސިންކާ ދިމާކޮށް ފެން އަޅައިލަންވެސް އޭނާގެ ހިޔާލުގައި ނެތެވެ. އަވަސްވެގަތީ ދެލޯ ފޮހެލައިގެން ޒީނިޔާގެ ހާލެއް ބަލައިލަން ދިޔުމަށެވެ. ރަޖާ ދަށުގައި ބަލިކަށިވެފައި އޮތް ޒީނިޔާ ފެނުމާއެކު އައިލީންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ޒީނިޔާގެ ގާތަށް ދިޔަ އެވެ.
"މަންމާ؟ މައިޝާން ބުނި ބަލިވެ އުޅޭ ވާހަކަ.. އެއްޗެއް ކައިފިން؟" އައިލީން އަހައިލި އެވެ.
"މައިޝާން ގެނެސްދިނީމަ ސައި ބޮއެފިން ދަރިފުޅާ" ޒީނިޔާ އައިލީންއާ ވާހަކަދެއްކީ މިފަހަކަށް އައިސް ދުވަހަކުވެސް ނުދައްކާހާ ރީތި ކޮށެވެ. ފަރުދާގެ ފުރަގަހުގައިހުރެ ޒީނިޔާ ރާވައިލި މޮޅު ރޭވުމުގެ ހިލަމެއް ނުވާހާލު އައިލީންގެ މައުސޫމު ހިތަށް އެކަމުން ހަމަޖެހުމެއް ލިބުނެވެ. ޒީނިޔާއަށްޓަކައި ހިތް ސާފުވި އެވެ.
"ސޮރީ މަންމާ.. ރޭގަ މާ ލަސްވަންދެން ކިޔަވަން އިނީމަ ނުހޭލެވުނީ" އައިލީން މާފަށް އެދުނެވެ.
"ރަނގަޅުވާނެ ދަރިފުޅާ. މައިޝާން ގެނައި އެއްޗެހި ހުންނާނެ ބޭރުގަ. ސައި ބޮއެލައިގެން ކޮލެޖަށް ދޭ" ޒީނިޔާ ބުންޏެވެ. އައިލީން ބޯ ޖަހައިލުމަށްފަހު އެ ކޮޓަރިން ނުކުތެވެ. ނަމަވެސް ޒީނިޔާ އެ ހާލުގައި އޮއްވައި އެހާ އަވަހަށް ދާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވި އެވެ. އެހެންކަމުން އަތުގައި ނަގަމުންދިޔަ ދިލައާއެކުވެސް އޭނާ އަވަސްވެގަތީ ޒީނިޔާއަށް ފަސޭހަ ކޮށްލައި ދިނުމަށްޓަކައި މެންދުރަށް ކައްކާށެވެ. އެގޮތުން ބަތް ކައްކައި، ކުކުޅާއި ސެލެޑެއް ހަދައިލުމަށްފަހު ހުރިހާ ކަމެއް ނިމުމުން ޖޫސްތަށްޓެއް ހިފައިގެން އަނެއްކާވެސް ޒީނިޔާގެ ގާތަށް ވަނެވެ.
"މަންމާ.. އަން.. މި ޖޫސްތަށި ބޯލައިގެން އޮވޭ.. މެންދުރަށް ކައްކާފަ ހުންނާނީ އެނގޭ. އަޅުގަނޑު މިދަނީ ކޮލެޖަށް ދާން" އައިލީންގެ އަތުން އެ ޖޫސްތަށި ޒީނިޔާގެ ތުނބުގައި ޖަހައި ދިނެވެ.
އައިލީންއަށް އޭނާ ދިރިއުޅޭ އެޕަރޓްމެންޓަށް އަލުން ވަދެވުމާއެކު ލަސްފިޔަވަޅު ތަކެއްގައި ކާމޭޒާ ދިމާލަށް ހިނގައިގަނެވުނެވެ. ކޮފީއިން ފޯވެފައިވާ ފޮތަށް ބަލައިލުމަށްފަހު މާޔޫސްވެފައި އިނދެ ލެޕްޓޮޕް ހުޅުވޭތޯ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބު ނުވާނެކަން ކުރިންވެސް އޭނާއަށް އޮތީ ހީވެފަ އެވެ. އެހެނަސް އެކަން ޔަގީންވުމުން އައިލީންއަކަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އޭނާ ހޭލާ އިނދެ ކުރިހާ މަސައްކަތެއް އެ ވީ ބޭކާރެވެ. އެދުވަހަކީ އެ ފިލާވަޅު ކިލާހުގެ ކުރިމަތީގައި ހުށަހަޅަންޖެހޭ ދުވަސްކަމުން ދެން އެދުވަހު ކޮލެޖަށް ދިޔުމުގެ ބޭނުމެއްވެސް ނެތްތާއޭ ހީކުރެވިފައި އިންދައި ފޯނު ރިންގުވާން ފެށި އެވެ. ގުޅަނީ އޭނާއާ އެއް ކިލާހެއްގައި ކިޔަވަމުންދާ ރައްޓެއްސެކެވެ.
"ހަލޯ.. މިއީ.. ލެޕް ހަލާކުވެގެން.. ދެން ކީއްކުރަން ދަނީ" އައިލީން ނައިސްގެން އެކުއްޖާ ކުރި ސުވާލަށް ޖަވާބުދިނެވެ.
"ލީންގެ ޑްރައިވްއަށް ސޭވް ކޮށްފަ ނޫންތަ އިންނާނީ؟ އާދޭ.. އަހަރެންގެ ޕްރެޒެންޓޭޝަން ނިމުނީމަ އަހަރެންގެ ލެޕުން ލޮގިން ވެލާނީ" އައިލީންގެ މާޔޫސްކަމަށް އެކުއްޖާ ހައްލެއް ދިނެވެ. އައިލީން އެންމެ ރަނގަޅޭ ބުނެ އަވަހަށް ފޯނު ކަނޑައިލުމަށްފަހު ކޮލެޖަށް ދާން ތައްޔާރުވެލި އެވެ.
----------------
"އަހަރެއްހާ ދުވަހުގެ މަސައްކަތަށްފަހު ޑައިގްނޯސިސްއެއް ޔަގީން ކުރެވިއްޖެ. ސްކިޓްޒަފްރީނިއާ" މަލަކްގެ ޑަކްޓަރު ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ބުންޏެވެ. މަލަކްއަށް ރޭގައި ދިމާވި ކަންތަކަށްފަހު މާޒިޔާ ކުރި ކޯލަކާ ގުޅިގެން އެ ޑަކްޓަރު މިވަގުތު އައިސް އިނީ މާޒިޔާމެންގެ ގޭގަ އެވެ.
"ކަމް އަގައިން؟ ސްކިޓްޒަފްރީނިއާ؟" ޑަކްޓަރު ދައްކަމުންދިޔަ ވާހަކައިގެ ބުރަދަން ކިރިޔާވެސް އިހުސާސް ކުރެވުނީ އެތަނުގައި އިން ނަދާލްއަށެވެ. މާޒިޔާއާއި ޒުހޫރުގެ އިތުރުން އެ ޑަކްޓަރުގެ ވާހަކަތައް އަޑުއަހަން އެތަނުގައި އިން ހަމައެކަނި މީހަކީ އޭނާ އެވެ. މަލަކްއާމެދު ކަންބޮޑުވެފައިވި ވަރުން އޭނާ އޮފީހަށް ދިޔުންވެސް ލަސްކޮށްލުމަށްފަހު މަލަކްގެ ޑަކްޓަރާ ވާހަކަ ދައްކަން މަޑުކުރީ އެވެ.
"ޔެސް. ރަނގަޅަށް ތި އިވުނީ. ސްކިޓްޒަފްރީނިއާ. އެންމެ ސިމްޕަލްކޮށް ކިޔާދެވެންޏާ ބުނެވޭނީ މަލަކްއަށް ހަގީގަތެއް ފަދައިން ހަގީގަތާ ހިލާފު މަންޒަރުތަކެއް އެބަ ފެނެޔޭ. އަސްލު މިއީ ޕޭޝަންޓަށް ވަރަށްބޮޑު ބިރުވެރިކަމެއް އިހުސާސް ކުރެވޭނެ ބައްޔެއް. މީގެ ސިމްޕްޓަމްސް މަލަކްގެ ފަރާތުން މީގެ ކުރިންވެސް ފެންނަމުން ދިޔައީ. ހަނދާން ނެތުން.. އިޙުސާސްތައް ފާޅުކުރަން އުނދަގޫވުން.. މީހުންނާ އެކަހެރިވާން ބޭނުންވުން.. ހިޔާލާއި ހަގީގަތް ވަކި ކުރަން ނޭނގޭތީ މަލަކް މީހުންނާ ބައްދަލުކުރަން ބޭނުން ނުވަނީ ކަމަށް ބެލެވެނީ. މީހުން ފާހަގަކުރަން ނޭނގޭތީ.. ދެން ރޭގަވެސް އެގޮތަށް އެކަން ދިމާވީ މަލަކްއަށް ސިފަ ވަކިކުރަން ނޭނގިގެން ކަމަށް ވެދާނެ" ޑަކްޓަރުގެ ވާހަކަތައް އަޑުއަހަން ތިބި މާޒިޔާއާއި ޒުހޫރުގެ ދެލޯ ބޮޑުވި އެވެ. ނަދާލް މަޑުމަޑުން އަތް އުފުލާލައި މާޒިޔާއަށް ހިތްވަރުދިނުމުގެ ގޮތުން ކޮނޑުގައި ފިރުމައިލި އެވެ.
"ދެން.. ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދަންވީ؟" ޒުހޫރަށް އަހައިލެވުނެވެ.
"ހިތާމައަކީ މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނެތްކަން. އެކަމަކު ބަލީގެ އަސަރުތައް މިނިމައިޒްކުރަން އަޅުގަނޑުމެންނަށް ބޭހާއި ތެރަޕީ ދެވިދާނެ. އޭރުން އިރާދަކުރެއްވިއްޔާ އެންމެ ނޯމަލް ސްޓޭޓަށް ނުގެނެވުނަސް ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވާނެ" ޑަކްޓަރު ޖަވާބު ދިނެވެ.
"ދެވެން އޮތް ކޮންމެ ފަރުވާއަކާއިގެން އަޅުގަނޑުމެން ކުރިއަށް ދާނަން" މާޒިޔާއާއި ޒުހޫރަށްވުރެން ކުރިން ނަދާލް ބުންޏެވެ. ޑަކްޓަރު އެންމެ ރަނގަޅޭބުނެ ބޯ ޖަހައިލުމަށްފަހު އަދިވެސް އެއްފަހަރު މަލަކްއާ ބައްދަލު ކޮށްލަން އެދުމުން މާޒިޔާ އެ ޑަކްޓަރާއެކު މަލަކްގެ ކޮޓަރިއަށް ވަނެވެ.
"ނަދާލް.. ދަރިފުޅުވެސް ދެން ދޭ އޮފީހަށް.. މިހާރު މާ ބޮޑަށްވެސް ލަސްވެއްޖެ އެއްނު" ނަދާލްގެ ކޮނޑުގައި ޖަހައިލަމުން ޒުހޫރު ބުންޏެވެ.
"ބޭބޭ.. ކުޑާއްތައަށް ބަލައްޗޭ.. މަލްއަށް އެއްވެސް ކަމެއް ވަންޏާ އަހަރެންނަށް އަންގާލާތި" ނަދާލްގެ ވާހަކައަށް ޒުހޫރު އެއްބަސްވުމުން ނަދާލް އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ލިފްޓަށް އެރުމަށްފަހު ވަރުބަލިވެފައިވާ ފަދައަކުން ލޯގަނޑުގައި ލެގިގަތްތާ އިރުކޮޅެއް ނުވަނީސް ތިރީ ފަންގިފިލާއަކަށް ލިފްޓު ހުއްޓައިލި އެވެ. އެތެރެއަށް ވަތް އައިލީން ފެނުމާއެކު ނަދާލްއަށް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނެވެ. މިއީ އާންމުކޮށް އައިލީން ކޮލެޖަށްދާ ވަގުތަށްވުރެން ދެ ގަޑިއިރެއްހާތަން ލަސް ވަގުތެއްކަމުން އެދުވަހު ލިފްޓުން އައިލީންއާ ދިމާވާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. އައިލީން މަޑުކޮށްލީ އޭނާއަށްވުރެން ދެތިން ފިޔަވަޅު ކުރީގައި ކަމުން ނަދާލް އެހެން ދުވަސްދުވަހާ ހިލާފަށް އިސްޖަހައިލާކަށް ނޫޅުނެވެ. އައިލީންގެ މޫނު ނުފެނުނު ކަމުގައިވިޔަސް ބޭނުންވީ ހިތް ފުރޭވަރަށް އައިލީންއަށް ބަލައިލާށެވެ. އެގޮތުން ކަޅި ޖަހާނުލައި އައިލީންގެ ބުޅި އިސްތަށިގަނޑަށް ބަލަން ހުއްޓައި އައިލީންގެ ހަށިގަނޑު އަރި އަޅައިލިތަން އޭނާއަށް ފެނުނެވެ.
ލިފްޓަށް އެރި ވަގުތު ބޯ އަނބުރަން ފެށުމުން ސައި ނުބޮވުނުކަމުގެ މޮޔަ އައިލީންއަށް ހީވާންފެށި އެވެ. އެހެނަސް މައިޝާންއާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ލެޕްޓޮޕަށް ވީ ގޮތުން އޭނާގެ ހައި ހޫނުކަންވެސް އިހުސާސް ނުކުރެވުނީ އެވެ. ހިނދުކޮޅަކަށް އަރިއަޅައިލުމާއެކު އައިލީން ހުށިޔާރު ކަމާއެކު ލިފްޓުގެ އަރިމަތީގައި އަތް ވިއްދައިލަމުން ހަށިގަނޑު ސީދާކޮށްލިއެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ފޯނާއި ދަބަސް ބިންމައްޗަށް ވެއްޓުނެވެ.
އައިލީންގެ ދަބަހާއި ފޯނު ނަގައިދިނުމަށްޓަކައި ނަދާލްއަށް ތިރިވެވުނީ ބޭ އިޚްތިޔާރުގަ އެވެ. އޭނާއާ އެކު އެކީގައި ކަހަލަ ގޮތަކަށް އައިލީންއަށްވެސް ތިރިވެވުނެވެ. ދެމީހުންނަށްވެސް ފުރަތަމަ ހިފުނީ އެކައްޗެއްގަ އެވެ. އައިލީންގެ ދަބަހުގަ އެވެ. އެހިނދު އައިލީންގެ އަތްތިލައިގެ ނުފުށުގައި ފިހިގެން ރަތްވެފައިވި ހިސާބު ނަދާލްގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ބުމަ ގޮށްޖެހުނެވެ. މާ ބޮޑު ވިސްނުމަކާނުލައި އައިލީންގެ އަތުގައި ހިފަހައްޓައިލެވުނެވެ.
"ޓްސްސް އާހް" އައިލީން ކުއްލި ހަރަކާތަކާއެކު އަތް ދަމައިގަތެވެ. އެއާއެކު ނަދާލް އިސްއުފުލާލައި އައިލީންގެ މޫނަށް ބަލައިލި އެވެ. އައިލީންގެ ނިތްކުރީގައި ޖަހާފައިވާ ބޭސްމަލަންކޮޅު ފެނި ނަދާލްއަށް ލިބުނީ އިތުރު ސިހުމެކެވެ. އައިލީން ހާސްވެފައި އެ ބޭސްމަލަންކޮޅު ފޮރުވައިލި ގޮތުން އެކަނިވެސް ނަދާލްގެ ހިތް ގޯސް ގޮތަކަށް ތެޅިލި އެވެ.
"ލޫނާ؟" ނަދާލްގެ އަޑު ނުކުތީ ކިރިޔަކިރިޔާ އެވެ. އެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. އެ އަޑަށް ސަމާލުކަން ނުދީ އައިލީން އަވަސްއަވަހަށް ދަބަހާއި ފޯނު ހިފައިގެން ކޮޅަށް ތެދުވި އެވެ. އެހާ ކުއްލިއަކަށް ތެދުވުމުން މިފަހަރުވެސް އައިލީންގެ ބޮލަށް އެނބުރުން އަރައި ހަށިގަނޑު އަރިއަޅައިލި އެވެ. ނަދާލް ހަލުވިކަމާއެކު ތެދުވެ އައިލީންގެ އަތުގައި ހިފައި ހަށިގަނޑު ސީދާ ނުކުރުވި ނަމަ އައިލީން ވެއްޓުނީސްކަން ގައިމެވެ. ނަމަވެސް ކަން ދިމާކުރިގޮތުން ނަދާލްއަށް އައިލީންގެ އަތުގައި ހިފުނުއިރު ހިފުނީ މައިޝާންވެސް އަންނަ ރުޅީގައި އެންމެ ބާރަށް ހިފައިގަންނަ ހިސާބުގަ އެވެ. އަތުގެ އުޅަނބޮއްޓާ ހިސާބުން ތަންކޮޅެއް މަތީގަ އެވެ. އެތަނުގައި މިހާރު ނުފިލާ ރިހުމެއް އަބަދުމެ ހުރެ އެވެ. އެހެންކަމުން މިފަހަރުވެސް އައިލީންގެ ދުލުން ބޭއިޙްތިޔާރުގައި ވޭނީ އާހެއްގެ އަޑު ނުކުތެވެ. "ޓްސްސް އާހް."
ނަދާލްއަށް ދެލޯ ބޮޑުކޮށްލަމުން އައިލީންގެ އަތުން ދޫކޮށްލެވުނެވެ. "ލޫނާ؟ ވަޓްސް ހެޕެނިންގް؟" ތެޅިތެޅި އޮތް ހިތަކާއެކު ނަދާލް އަހައިލި އެވެ. ހިތުގައި އުފެދުނު ބިރުވެރި ޝައްކަކީ ހަގީގަތުގައިވެސް ޝައްކަކަށް ވޭތޯ ދުޢާ ކުރަމުންނެވެ. ނަމަވެސް އެވަގުތު އެންމެ ތިރީ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވުމާއެކު އައިލީން ލިފްޓުން ފޭބީ އޭނާގެ ސުވާލު އިވުނު ކަމަށްވެސް ހަދައިނުލަ އެވެ. ނަދާލްއަށް ހުރި ފިޔަވަޅުގެ މަތީ ހުއްޓުން އަރާފައި ހުރެވުނވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ