ތަމްވީލް ފިންލިޓް ޗެލެންޖުން 10،000ރ. ހޯދުމުގެ ފުރުސަތު، ސުންގަޑިއަކީ މި މަހުގެ 30 ތަމްވީލް ފިންލިޓް ޗެލެންޖުން 10،000ރ. ހޯދުމުގެ ފުރުސަތު، ސުންގަޑިއަކީ މި މަހުގެ 30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ، ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތެއް ކަމުގައިވާ އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ 30 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހެވެ.
މި މުބާރާތުގައި 10،000ރ. ހަމައަށް ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އެބައޮތެވެ. 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ހާއްސަކޮށް އިސްލާމީ ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ބާއްވާ ކުއިޒް މުބާރާތެކެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ހަ އޮންލައިން ބުރު ހިމެނޭނެ އެވެ. މި ބުރުތަކުގައި ތިނެކާއި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑާބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެ އެވެ.
އެންމެ މަތިން ޕޮއިންޓް ލިބޭ ފަސް ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ހާޒިރުވެގެން ބޭއްވޭ ފައިނަލް ބުރަށެވެ. މި ބުރުގައި ވާދަކޮށް އަގުހުރި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގެ ސުވާލުތައް އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ހައްލުތައް ރައްކާތެރިކަމާއެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް، އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް، ޓީމުތަކުން އެޕްލިކޭޝަން ފޯމު މާދަމާ ރޭ 11:59 ގެ ކުރިން ހުށަހަޅަންވާނެ އެވެ. ކޮންމެ ޓީމަކުންވެސް ޓީމު ލީޑަރެއް އައްޔަންކުރަންވާނެ އެވެ. ލީގު ބުރުތަކަށް ބޭނުންކުރާނެ އޮންލައިން ޕްލެޓްފޯމް ބަލަހައްޓާނީ އެމްއެމްއޭ އިންނެވެ.
މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ.، ދެވަނައަށް އަންނަ ޓީމަށް 7،000ރ. އަދި ތިންވަނައަށް އަންނަ ޓީމަށް 5،000ރ. ލިބޭނެ އެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް: https://shorturl.at/awZ9B
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ