ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ފޯރިގަދަ ދެ ފައިނަލަކަށް ތައްޔާރު ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ފޯރިގަދަ ދެ ފައިނަލަކަށް ތައްޔާރު

ތިނަދޫ ސިޓީގައި ކުރިއަށްދާ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ފޯރިގަދަ ދެ ފައިނަަލަކަށް ތައްޔާރުވެއްޖެ އެވެ.
ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރި އެވެ. އެ ތިން ޓީމުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމަކަށް ފައިނަލުން ފުރުސަތު ލިހިގެންދިޔަ އެވެ. ލީގު ބުރުގެ އެއް ވަނަ ހޯދި ސްކޯޕިއަންސް އާއި ދެ ވަނަ އަށް ދިޔަ ވެމްކޯ އަށް ވެސް ލިބިގެންދިޔައީ ނުވަ ޕޮއިންޓެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ފަޔާ ސްޓޯމް ވަނީ ކަޓައިފަ އެވެ.
ތިނަދޫގެ ހޭންޑްބޯޅަ ކޯޓުގައި މިރޭ 21:45 ގައި ފަށާ ފައިނަލަށް ނުކުންނައިރު، ސްކޯޕިއަންސް އަށް ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަލަ ކުރިމަތިވި ނަމަވެސް ފައިނަލުގައި ވެމްކޯ އަތުން މޮޅުވެ، ތަށި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރެވެ.
ފިރިހެން ޑިވިޝަނުގައި، ލަނޑު ލިސްޓުގެ ކުރީގައި އޮތީ 44 ލަނޑާ އެކު ފަޔާ ސްޓޯމްގެ މުހައްމަދު ޝަހުބާން އެވެ. އަދި، ދެ ވަނައިގައި ސްކޯޕިއަންސްގެ މުހައްމަދު ޔަޝްމު އޮތީ 42 ލަނޑާ އެކު އެވެ. ތިން ވަނައިގައި އޮތީ 23 ލަނޑާ އެކު މުހައްމަދު އަފްއާން އެވެ.
ފަސް ޓީމު ވާދަކުރި ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި، މިރޭ 20:00 ގައި ބައްދަލުކުރާނީ، ހަތަރު މެޗުން ވެސް މޮޅުވި، ސިޓީ ސްޓާސް އާއި ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބް (އޭއެސްއެމްއެޗް) އެވެ.
އަންހެން ޑިވިޝަނުގެ ލަނޑު ލިސްޓަށް ބަލާއިރު، އެއް ވަނައިގައި އޮތީ 71 ލަނޑު ޖަހާފައިވާ ފިޓް ފެމިނިންގެ ހަދީޖާ އަހުމަދު އެވެ. ދެ ވަނައިގައި އޮތީ 32 ލަނޑު ޖަހާފައިވާ ފާތިމަތު ނިއުޝާ އެވެ. އަދި، ތިން ވަނައިގައި އޮތީ އޭއެސްއެމްއެޗްގެ އައިމިނަތު ޒައިނާ، 29 ލަނޑާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ