ބިން ނުހިއްކާތީ ދޮންފަންނުގައި ކަނޑުމަތީ މުޒާހަރާތަކެއް؛ ޑައިވިންއާ ފީނުން މަނާކޮށްފި

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމުމާ ދެކޮޅަށް ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރާތީ އެރަށުގެ ކަނޑުމަތީ ވަކި ސަރަހައްދުތަކެއްގައި  ފީނުމާއި، ޑައިވްކުރުން ވަގުތީ ގޮތުން މިއަދު މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބި ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެ އާންމުންނާއި ތިމާވެއްޓާ ގުޅުން ހުރި ޖަމްއިއްޔާތަކުން ފާޅުކުރަން ފެށި ކަންބޮޑުވުންތަކާ އެކު، އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.
ތަފްސީލް - ދޮންފަނު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފީނުމާއި ޑައިވިން މަނާކުރީ އެރަށުގެ ފަރުން ފެށިގެން 700 މީޓަރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ކައުންސިލުން ބުނިގޮތުގައި:
އެކަން މަނާކުރީ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން، ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށްގެންދާ މުޒާހާރާތަކާ ގުޅިގެން
ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިޔަށް ގެންދަން ވަނީ ނިންމާފައި
ޑައިވިން އާއި ފީނުން މަނާކުރީ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީ އާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގަން ފުރުސަތު އޮތް ކަމަށް ފެންނާތީ 
އެ ސަރަހައްދުގައި ފީނުމާއި ޑައިވުކުރުން މަނާކުރީ މިއަދުން ފެށިގެން އެ ކައުންސިލުން  ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. އެ އެންގުމާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމާ މެދު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެ މަޝްރޫއު ފަށަން ނިންމީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ. އެ މަޝްރޫއު ހުއްޓާލަން ނިންމީ، އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ. 
އެކަމަކު އޭގެ ފަހުން ދޮންފަނު ކައުންސިލުން ބުނީ ރައީސް އެހެން ވިދާޅުވިޔަސް އެކަމާ ބެހޭ ގޮތުން ސަރުކާރުން ރައްޔިތުންނާ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. ރައްޔިތުން ބުނަނީ ހުއްޓާލަން އެދިފައި ނުވާނެ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ