ބިދޭސީ މުވައްޒަފުންނަށް އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން ފަށަނީ، ލައްކައަކާ ހަމައަށް ޖޫރިމަނާކުރެވޭނެ

ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ މީހުން، ވަޒީފާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި އިޝާރާތްކޮށްފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި އިސްލާހަށެވެ. އެ އިސްލާހުގައި ވަނީ ބިދޭސީންނާ މެދު އިހުމާލުވި ކަމަށް ބެލެވޭނެ ހާލަތްތަކާއި އިހުމާލުވާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައެވެ. ބިދޭސީންނާ މެދު އިހުމާލުވި ކަމަށް ބަލާނީ އެ މީހުންނަށް މުސާރަ ނުދިނުމާއި ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކުރުމެވެ. އަދި އެ މީހުން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށްފަހު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެމީހުން ލައްވާ ރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ހިންގުމަކީ ވެސް އިހުމާލުވުމުގެ ގޮތުގައި ބަލާނެއެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުމަކީ ވެސް އިހުމާލުވުމަށް ވާނެ ކަމަށް އިސްލާހުގައިވެއެވެ. އެ އިސްލާހުގައި، އިހުމާލުވާ މީހުންނާ މެދު އެޅޭނެ ފިޔަވަޅުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ: ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 (ފަންސާސްހާސް ރުފިޔާ)ގެ މަގުން ޖޫރިމަނާކުރުން ތަކުރާރުކޮށް އިހުމާލުވުމުގެ އަމަލުތައް ހިންގާ ނަމަ ޖޫރިމަނާކުރުމުގެ އިތުރުން، ވަޒީފާދޭ ފަރާތަށް ދޭ ޚީދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން. އެ އިސްލާހުގައި ވަނީ، ވަކި ފިޔަވަޅެއް އެޅުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި އެ ނޫން ހާލަތްތަކުގައި، އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ވަޒީފާ ދޭ މީހުން ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައެވެ. ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އިސްލާހުގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށާނެ ކަމަށް ބުނެފައެވެ. "އަދި ވަޒިފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދެވޭނެ،" އިއުލާނުގައިވެއެވެ. https://sun.mv/210858 މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭ ހައްލުކުރުމެވެ. އެ މަސައްކަތުގެ ދަށުން، ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މިދިޔަ ހަފުތާގައި ހޯމް މިނިސްޓްރީން ވަނީ ގަވައިދާ ޚިލާފަށް ގިނަ ބިދޭސީން އުޅެނީ ވަޒީފާ ދޭ ފަރާތުގެ އިހުމާލުންކަން ފާހަގަކޮށް، އެކަން ހައްލުކުރުމުގެ ގޮތުން ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭން ބޮޑު ހަރަކާތެއް ކުރިއަށް ގެންދާން ނިންމައިފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ