އޮޅުހިޔާގައި 20 ދުވަސް ތެރޭ 51 ބުޅާ މަރުވި ކަމަށް ބުނެ ޖަމިއްޔާތަކުގެ އެތައް ކަންބޮޑުވުމެއް

ހުޅުމާލޭގައި ބުޅާތައް ބެލެހެއްޓުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށުން ހިންގާ އޮޅުހިޔާ ފެސިލިޓީގައި 20 ދުވަސްތެރޭ 51 ބުޅާ މަރުވެފައިވާ ކަމަށް ބުނެ، އެ ފެސިލިޓީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހަތަރު ޖަމިއްޔާއަކުން ފާޅުކޮށްފިއެވެ. އޮޅުހިޔާ އިންސްޕެކްޓްކޮށްފައިވަނީ، ކެއާ ފޯ ޕޯސް އާއި ޒޫފިލިސްޓް ސޮސައިޓީއާއި ނައިން ލައިވްސް ރާއްޖެއާއި ވެލްފެއާ ފޯ އައިލެންޑް ކެޓްސްއިން ގުޅިގެންނެވެ. އެ ޖަމިއްޔާތަކުން އިންސްޕެކްޝަނަށްފަހު ހެދި ރިޕޯޓެއް އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން އޮޅުހިޔާގެ ހިންގުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން (އެފްޑަބްލިއުއޯ)އާ ހަވާލުކޮށްފައެވެ. އެއް އަހަރު ދުވަހަށް ހެދި އެ ކޮންޓްރެކްޓް ރަސްމީކޮށް އިއުލާންނުކުރާ ކަމަށް ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ޖަމިއްޔާތަކުން އޮޅުހިޔާއަށް ޒިޔާރަތް ކުރީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އަދި ސެޕްޓެމްބަރު 15ގައި އޮޅުހިޔާގައި 127 ބުޅާ ގެންގުޅުނު ކަމަށް މައުލޫމާތު ލިބިފައި އޮތް ނަމަވެސް، އޭގެ 20 ދުވަސް ފަހުން މި ޖަމިއްޔާތަކުން ޒިޔާރަތްކުރިއިރު އެ ތަނުގައި ގެންގުޅެނީ 84 ބުޅާ ކަމަށް ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، 20 ދުވަހުގެ ކުރު މުއްދަތުގައި 51 ބުޅާ މަރުވި ގޮތުގެ ތަފްސީލެއް މިނިސްޓްރީންވެސް އެފްޑަބްލިއުއޯއިން ނުދެއެވެ. އަދި ފެސިލިޓީގައި ބަލި ފެތުރުނު ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް، މަރުވާ ބުޅާ ވަޅުލާ ތަނެއް ވެސް ހާމަނުކުރި ކަމަށް ޖަމިއްޔާތަކުން ބުންޏެވެ. އެ ރިޕޯޓުގައި ބުނީ، އޮޅުހިޔާގައި ތިބި ބުޅާތަކަށް ވައިރަލް އަދި ފަންގަސްގެ އެކި ބަލިތައް ޖެހިފައިވާކަމަށް ޖަމިއްޔާތަކަށް ފާހަގަކުރެވުނު ކަމަށާއި، ބަލިތައް ޖެހިފައިވާ ބުޅާތައް ބަލަހައްޓަމުން ގެންގޮސްފައިވަނީ ސިއްހަތު ރަނގަޅު ބުޅާތަކާ އެކު ކަމަށެވެ. އަދި އަންހެން ބުޅަލާއި ފިރިހެން ބުޅާތައް ގެންގުޅެނީ އެއްކޮށް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އޮޅުހިޔާ ތެރޭގައި މައިކޮޕްލާސްމާއާއި އެފްޕީވީވެސް ފެތުރެމުން އަންނަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޖަމިއްޔާތަކުން ކުރި އިންސްޕެކްޝަނަށްފަހު އާންމުކުރި ރިޕޯޓުގައި ފާހަގަކުރި އިތުރު ކަންކަން: އަންހެން ބުޅަލާއި ފިރިހެން ބުޅަލާއި ޅަ ބުޅަލުގެ ސީދާ އަދަދެއް، ޖަނަވާރުތައް ބަލަހައްޓާ ޑޮކްޓަރަށް ވެސް މިނިސްޓްރީއަށްވެސް ނޭނގުން ކަރަންޓީނު ކުރާ ކޮށިތައް ތަޣައްޔަރުވެފައިވުމާއި ކޮށިތައް ސާފުކުރާ މުވައްޒަފު އެއް ބުރުހެއް ބޭނުންކޮށްފައިވުމާއި، ފަރުނީޗަރުތަކާއި ލިޓާ ބޮކްސްތަކުގައި ނަޖިސް ހަރުލާފައި ހުރުން ސީސީޓީވީ ކެމެރާ ހުރި ނަމަވެސް، މުޅި ފެސިލިޓީ އެއްކޮށް ކަވަރުކޮށްފައި ނެތުން މި ރިޕޯޓާ ގުޅޭގޮތުން އެނިމަލް މިނިސްޓްރީގެ ވެސް އަދި އެފްޑަބްލިއުއޯގެ ރަސްމީ ބަހެއް ސީދާ ނުލިބުނު ނަމަވެސް، 'ސަން'އިން ސުވާލުކުރުމުން އެފްޑަބްލިއުއޯއިން ބުނީ، ރިޕޯޓުގައި ތެދު ނޫން ބައެއް މައުލޫމާތު އެބަހުރި ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ. މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ، ބުޅަލަށް އަނިޔާކުރުމާއި މެރުމުގެ ޝަކުވާ ވެސް ބޮޑުވެފައި އޮއްވައި، އޮޅުހިޔާ ފެސިލިޓީ ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެ ތަނާ މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މިނިސްޓްރީން ހަވާލުވި ނަމަވެސް، އެ މަައްސަލަތަކަށް މިއަދާ ހަމައަށް ވެސް ޖުމްލަވީ ހައްލެއް ގެނެވިފައި ނުވާތީ، އާންމުންގެ ފާޑުކިއުން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. މިދިޔަ މެއި މަހު އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާވަނީ އޮޅު ހިޔާއަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި އެ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ