އެމްޑީޕީގެ އެއްވުމަށް ބަޑި ޖަހަން ގޮވާލި ކަމަށް ބުނާ ޝުއައިބުގެ ފޯން ނުހިފަހައްޓާ، ހާޒިރުކުރަނީ
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމުގައި އުސޫލާ ޚިލާފުވާނަމަ ބަޑި ޖަހަން، ފޭސްބުކްގައި ގޮވާލި ކަމަށް ބުނާ ޝުއައިބު އަލީ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ޝުއައިބު ވަނީ، "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ" ކަމަށް ފޭސްބުކްގައި ލިޔެފައެވެ. އެ ޕޯސްޓް މިހާރު އޭނާގެ ޕޭޖުން ފެންނަން ނެތެވެ. ނަމަވެސް އޭނާ ވަނީ އެ ޕޯސްޓު ދިފާއުކޮށް ވާހަކަދައްކައިފައެވެ. އިންޒާރުދީ ޝުއައިބް ލިޔުނު ކަމަށް ބުނާ ޕޯސްޓުގެ ސްކްރީންޝޮޓެއް -- މިރޭ ޝުއައިބު ވަނީ، އެމްޑީޕީގެ އެއްވުމުގެ ބައިވެރިން ބަޑިޖަހައިގެން ވިޔަސް މައިތިރިކުރަންޖެހޭ ކަމަށް ލިޔެފައިވާ ޕޯސްޓާ ގުޅިގެން ގަލޮޅު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، މިވަގުތު އޭނާ ހުރީ އަތޮޅުތެރޭގައި ކަމުން އޭނާގެ ބަޔާން ނެގުމަށް ފުލުހުން އެހެން ގޮތެއް ހަމަޖައްސަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ލިޔެފައިވެއެވެ. ޝުއައިބު ވަނީ އޭނާގެ ޕޯސްޓު ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ތުހުމަތުކޮށްފައެވެ. "ފޭސްބުކްގައި އަޅުގަނޑު ޖެހި ޕޯސްޓުތަކުގެ އަސްލާއި ދޮގުވެރި ފާސިގުން އެ ޕޯސްޓުތައް ބަދަލުކޮށްގެން ފެތުރިގޮތް ވަރަށް ތަފުސީލުކޮށް އެނގޭނެ ގޮތަށް ހުރިހާ މައުލޫމާތެއް އެއްކޮށް މިހާރު މި ހުރީ ޖަވާބުދާރީވުމަށް ތައްޔާރުވެގެންނެވެ. އަދި ކުރުސީއާއި އެމްޑީޕީއަށް ނިސްބަތްވާ މީހުން އަޅުގަނޑުގެ އަބުރަށް ހުތުރުވާ ގޮތަށް ފެތުރި ދޮގު ވާހަކަތައްވެސް ވަރަށް ތަފުސީލުކޮށް ހިމަނާފައިވާނެއެވެ." އޭނާގެ އެ ޕޯސްޓުގައިވެއެވެ. ޝުއައިބު ލިޔެފައިވާ ގޮތުގައި އޭނާ ވިޔަސް، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ގާނޫނުތަކުގެ ތެރެއިން ފިޔަވަޅު އެޅެންޖެހޭނެއެވެ. ބަޑި ޖަހައިގެން ވިޔަސް މައިތިރިކުރަންޖެހޭ ކަމަށް ލިޔެ ޝުއައިބު ކުރި ޕޯސްޓު ދިފާއުކޮށް އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އިންޒާރު ދިނުމުގެ ގޮތުން ފުލުހުން ބަޑި ޖަހަނީ ހަމައެކަނި ގަޔަށްތޯ، ނުވަތަ އެއްވުންތައް ހުއްޓުވަން ބޭނުންކުރަނީ އެންމެ ބަޑިއެއްތޯ ސުވާލު އުފައްދައިފައެވެ. އަދި އެއްވުންތައް މައިތިރިކުރުމަށްޓަކައި ތަފާތު ބަޑި ބޭނުންކުރާ ކަމަށްވެސް، މިކަމާ ގުޅިގެން ކުރި އިތުރު ޕޯސްޓެއްގައި އޭނާ ލިޔެފައިވެއެވެ. https://sun.mv/212419 މި މައްސަލައިގައި ފާޑުކިޔުން ބޮޑުވެފައިވަނީ، ފުލުހުންނަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ދެ މެންބަރެއްގެ ފޯނު ފުލުހުން ހިފަހައްޓައިފައިވާތީއެވެ. އެގޮތުން، ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހިފަހައްޓައިފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނުވެސް ރޭ ވަނީ ހިފަހައްޓައިފައެވެ. އެކަމަކު ޝުއައިބު ކުރި ޕޯސްޓުތަކާ ގުޅިގެން ފުލުހުން އޭނާގެ ފޯނު ހިފަހައްޓަން މަސައްކަތް ނުކުރާތީ، ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ