އޮކްޓޯބަރު 3 ގައި އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި މިއަދު ހދ. ކުޅުދުއްފުށީ، ގއ. ދާންދޫ، އަދި. މާފުށީގައި މުޒާހަރާ ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު އާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެ އެވެ.
އެމްޑީޕީ ބުނެފައި ވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލަން ދާންދޫގައި ބާއްވާ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:30 ގައި އެ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށެވެ.
ކުޅުދުއްފުށީގައި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އެރަށުގެ ބަންޑާރަ މައިދާނުގައި ކަމަށާއި، މާފުށީގައި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އެމްޑީޕީގެ ހަރުގޭގައި ކަމަށް އެ ޕާޓީން ބުނެ އެވެ.
ހައްޔަރު ކޮށްފައިވާ މީހުން މިހާރު ބައިތިއްބާފައި ތިބީ ދޫނިދޫގަ އެވެ.
ސިޔާސީ ހައްޔަރީން ދޫކޮށްލުމުގެ ސިލްސިލާ ހަރަކާތްތައް ފެށުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އެހެން ނަމަވެސް މުޒާހަރާއިން ހައްޔަރު ކުރި މީހުން ބަންދުގައި ބައިތިއްބާފައި ތިބީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ނިޔާޒު ވިދާޅުވި އެވެ.
"އެހެންވީމާ މި ހައެއް ބަދަލުވެގެން ދާނެ އެތައް ގުނައަކަށް، އެހެންނަމަވެސް އަޅުގަނޑުމެން އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހައްގުތައް ހިމާޔަތް ކުރުމަށް، އަދި ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިބޭ މީހުންގެ ދިފާއުގައި މީގެ ކުރިން ވެސް އެމްޑީޕީން ނުކުމެފައި ތިބޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއިން އަށް މީހަކު ފުލުުހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން ހަތް މީހަކު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިނީ އޭގެތެރެއިން ހަ މީހަކަށެވެ.
މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް އެވެ. ޚަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ސިޔާސީ ހައްޔަރީން ދޫކޮށްލަން ގޮވާލުމަށް ކުޅުދުއްފުށި، ދާންދޫ، މާފުށީގައި މިއަދު މުޒާހަރާ ސިޔާސީ ހައްޔަރީން ދޫކޮށްލަން ގޮވާލުމަށް ކުޅުދުއްފުށި، ދާންދޫ، މާފުށީގައި މިއަދު މުޒާހަރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ