ހަރާމް ގޮތުގައި ހޯދާ ތަނަވަސްކަމުން އޮތީ ބޮޑުވެގެންވާ އަބާއްޖަވެރިކަން: ޚުތުބާ

ހަރާމް ގޮތުގައި ހޯދާ ތަނަވަސްކަމުން އޮތީ ބޮޑުވެގެންވާ އަބާއްޖަވެރިކަންކަން މިއަދުގެ ހުކުރު ޚުތުބާގައި އެންމެންނަށް ހަނދާން ކޮށްދީފިއެވެ. މިއަދު ޚުތުބާ ކިޔާފައިވަނީ މުދަލުގެ ހުރުމަތުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އޭނާގެ އަޖަލާ ބައްދަލުނުކުރާނެ ކަމަށެވެ. އަދި، އިންސާނާއަށް މާތްﷲ ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. "މާތް ނަބިއްޔާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ،" ޚުތުބާގައިވެއެވެ. ޚުތުބާގައި ބުނީ، އެއްވެސް މީހަކު އަނެކާގެ މުދަލާއި ހައްގަކަށް އަރައިގަތުމަކީ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެންވެ، ބާތިލު ގޮތުގައި މުދާ ނުހޯދަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި، ހެޔޮ ގޮތުގައި ވިޔަފާރިކޮށް، ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތްކުރަން މާތްﷲ އަންގަވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަހަރެމެންގެ މުދަލުގައި މާތްﷲ ބަރަކާތް ލައްވާނީ ހަލާލު ގޮތުގައި އެ ތަކެތި ހޯދުމުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، ހަރާމް ގޮތުގައި މުދާ ހޯދައިފި ނަމަ އަހަރެމެންގެ އަމަލުތައް މާތްﷲ ގަބޫލުނުކުރައްވާނެ ކަމަށް ޚުތުބާގައި ވަނީ އިންޒާރުކޮށްފައެވެ. "މުސްލިމް އަޚުންނޭވެ! ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!" ޚުތުބާގައިވެއެވެ. ޚުތުބާގައި ވަނީ ހަލާލް ގޮތުގައި މުދަލާއި ފައިސާ ހޯދަން އެންމެހާ މުސްލިމުންނަށް ބާރުއަޅާފައެވެ. މިއަދު މުޖުތަމައުގެ ހާލާމެދު ފިކުރު ހިންގާއިރު، އަހަރެމެންނަށް ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ މުދަލާ މެދު ދީނުގައި އަންގަވާފައިވާ އުސޫލުތަކަށް އިހުމާލުވުމާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި، ކޮރަޕްޝަނާއި ރިޝްވަތާއި، އަމިއްލަ މަސްލަހަތު އިސްކުރުމާ ދުރުހެލިވާން ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ