މިރޭގެ މެޗުގެ ފޯރީގައި، އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

މިރޭ އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ޙައްޤުތަކަށް އިޙުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުންފަދަ އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، އާންމު ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުންފަދަ ކަންކަން ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ، އެފަދަ ޙަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެކަމަށެވެ.
އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، އަވައްޓެރިންގެ ޙައްޤުތަކަށް އިސްކަންދިނުމަށް އެ އިދާރައިން ވަނީ ނަސޭޙަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ