ދިވެހި ތަރިކަ ދިރާސާކުރުމަށް، މި އަހަރު ވެސް ސްކޮލަޝިޕް ދެނީ

ދިވެހި ތަރިކައިގެ އިލްމު އުފައްދައި، ގާބިލު ތަރިކަވެރީންތަކެއް އުފެއްދުމުގެ މަގުސަދުގައި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްކޮލަޝިޕެއް ފުރުސަތުތަކެއް މިއަދު އިއުލާންކޮށްފިއެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް، "ސިގްނޭޗަ ރިސާޗް ސްކޮލަޝިޕް" ފުރުސަތުތަކެއް ހުޅުވާލާ ކަމަށެވެ. އެ ފުރުސަތުތަކަކީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާކުރާ ދިރާސާ ކުރުމުގެ ފުރުސަތުތަކެއް ކަމަށް އެ މަރުކަޒުން ބުންޏެވެ. އެ މަރުކަޒުން ވަނީ އެ ސްކޮލަޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، ގާބިލު ތަރިކަވެރީންތަކެއް އުފެއްދުމުގެ މަގުސަދުގައި ހިންގާ މަޝްރޫއެއްކަން ފާހަގަކޮށްފައެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނީ އެ ސްކޮލަޝިޕް ފުރިހަމަކުރާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ރިސާޗް އެންޑް ޕަބްލިކޭޝަންސް މާސްޓާސް ސަނަދު ހާސިލްކުރެވޭނެ ކަމަށެވެ. އެ ސްކޮލަޝިޕްގައި ދިރާސާކުރާ މައުޟޫޢު ކަނޑައަޅާނީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ކަމަށްވާއިރު، ދަރިވަރުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެ ވެސް އެއް ފަންނެއް ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްކޮލަޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ. އިއުލާނުގައިވާ ގޮތުން، އެ ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުން ބައިވެރިވާ ކޯހުގެ ފީ ދައްކައި، އެ މީހުން ދިރާސާ މަސައްކަތްކުރާނެ ތަނެއް ގައުމީ މަރުކަޒުން ހަމަޖައްސައިދޭނެއެވެ. https://sun.mv/214001 އެ ސްކޮލަޝިޕަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އިއުލާނުގައިވާ ގޮތުން، ސްކޮލަޝިޕަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ އޮންލައިން ލިންކެއް މެދުވެރިކޮށެވެ. ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، އެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް އޮންނާނެއެވެ. މި ފަހަރު ދެނީ ކިތައް ސްކޮލަޝިޕް ކަމެއް އިއުލާނުގައި ބުނެފައިނުވެއެވެ. ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު، 2024ގައި ވަކި އިދާރާއެއްގެ ގޮތުގައި އުފެއްދެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މަރުކަޒުން އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން، މާސްޓާސް ޑިގްރީއަށް ކިޔެވުމަށް މިދިޔަ އަހަރު 40 ފަރާތަކަށް ސްކޮލަޝިޕް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ