ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިނގިރޭސިންނާއި އާޖެންޓީނާ ބައްދަލު ކުރާ މެޗަކީ މާޒީގެ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މެޗެކެވެ. އެންމެ ބޮޑަށް އޮތީ ކުލައިގެ ވާދަ އެވެ. މިހެންވެ މިރޭގެ މެޗަކީ ބޮޑަށް ކުލައިގެ ހަނގުރާމައެކެވެ.
މި ދެބައި މީހުން ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނީ ފަސް ފަހަރު އެވެ. އެންމެ ފުރަތަމަ ދެ މެޗު އިނގިރޭސިން ކާމިޔާބު ކުރީ ދެ ގައުމުގެ ވެސް އެއްވަނަ ކުލައިގެން ކުޅެގެންނެވެ. މީގެ ތެރެއިން 1962 ވަނަ އަހަރުގެ މެޗާމެދު މާބޮޑު ޝަކުވާއެއްނެތެވެ. އޭގެ ހަތަރު އަހަރު ފަހުން 1966 ވަނަ އަހަރުގެ އިނގިރޭސިން އަމިއްލަ ގައުމުގައި އާޖެންޓީނާ ބަލިކުރި ކުރުން އެ މީހުން ގަބޫލެއް ނުކުރެ އެވެ. އާޖެންޓީނާ ގަބޫލު ކުރާ ގޮތުގައި މި މެޗުން އެ މީހުން ބަލިވީ ގަސްތުގައި ރާވައިގެން ރެފްރީން ނިންމި ބޭއިންސާފު ނިންމުންތަކާހެދި އެވެ.
ފުޓްބޯޅަ ދަނޑުގެ މި ވާދަވެރިކަމުގެ ތެރެއަށް ހަސަދައިގެ އަލިފާން ރޯވީ 1982 ވަނަ އަހަރުގެ ފެށި އިނގިރޭސިން ބޮޑުވަޒީރު އާޖެންޓީނާ އަށް ދެކޮޅަށް ފެށި ވަރުގަދަ ހަނގުރާމައިގެ ސަބަބުންނެވެ. މަޝްހޫރު ފޯކްލޭންޑް ހަނގުރާމައާ ހެދި އެވެ. މި އުދާސްގަނޑަށް ފަހު ދެ ބައި މީހުން އެންމެ ފުރަތަމަ ބައްދަލުކުރީ 1986ގެ ވޯލްޑް ކަޕުގަ އެވެ. މިމެޗުގައި އިނގިރޭސިން ބަލިކުރަން ޑިއެގޯ މަރަޑޯނާ ޖެހި ދެ ގޯޅުގެ ތެރެއިން އެއް ގޯލު ޖެހީ އަތުންނެވެ. ފަސް ކުޅުންތެރިންނާއި ކީޕަރަށް ވެސް ފުރުސަތު ނުދީ އަތުން ގޯލު ޖެހި މި ގޯލު ވެގެންދިޔައީ ހުސްވި ގަރުނުގެ އެންމެ މޮޅު ގޯލެވެ. އެންމެ ބޮޑު ބަހުސަށެވެ. ރެފްރީ އަށް ވެސް މަރަޑޯނާ މި ގޯލު އަތުން ޖެހިކަން ޔަގީންވީ އެތައް އަހަރެއް ފަހުން އޭނާ އިސްވެ އެވާހަކަ ތެދަށް ކިޔައި ދިނުމުންނެވެ. މި މެޗުގައި އާޖެންޓީނާ ލައިގެން ތބީ ގަދަ ނޫ ޖާޒީގަ އެވެ. އަދި މިއީ ވޯލްޑް ކަޕެއްގައި އިނގިރޭސިންނަށް މައްޗަށް އެ މީހުން ގަދަވެގަތް ފުރަތަމަ ފަހަރެވެ.
މިއަށްފަހު މި ދެބައި މީހުން ވޯލްޑް ކަޕުގައި ކުރިމަތިލީ 12 އަހަރު ފަހުން ފްރާންސް 98ގަ އެވެ. އެ މުބާރާތުން އިނގިރޭސިން ކެޓީ ޕެނަލްޓީ ޖަހައިގެން 4-3އިންނެވެ. މި މެޗުގައި ވެސް އާޖެންޓީނާ ލައިގެން ތިބީ އެ މީހުންގެ ގަދަ ނޫ ޖާޒީ އެވެ. މި މެޗު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އިނގިރޭސި ކެޕްޓަން ޑޭވިޑް ބެކަމަށް މާބޮޑު ކަމަކާ ނުލައި ރެފްރީ ރަތްކާޑު ދައްކައި ފޮނުވާލުމުންނެވެ. އެއީ ވެސް އާޖެންޓިނާގެ ޑިއެގޯ ސިމިއޯނޭ މަރަކު ހެދުމުގެ ހަރަކާތްތަކުގެ ތެރެއިން ރެފްރީ އަށް ނިންމުމުނު ގޯސްތަކެކެވެ. ކުރީގެ މި ދެ ކުޅުންތެރިން މިރޭ ބައްދަލުވާނީ ރޮސްޓްރަމުން އިއްޒަތްތެރިންގެ ގޮތުގަ އެވެ.
މިއަށްފަހު މި ދެ ގައުމު ވޯލްޑް ކަޕުގައި ވާދަ ކުރީ 2002 ވަނަ އަހަރު އެވެ. މި ފަހަރު އާޖެންޓީނާ ބަލިކޮށް އިނގިރޭސިން ދެ ވަނަ ބުރަށް ދެމިގަތީ ބެކަމް ވައްދާލި ޕެނަލްޓީންނެވެ. މި މެޗުގައި އިނގިރޭސިން ތިބީ ރަތް ކުލައިގަ އެވެ. އާޖެންޓީނާ ތިބީ އެ މީހުންގެ މަޑުނުލާއި ހުދު ރޮގު ދެމި ޖާޒީގަ އެވެ. މިހެންވެ އާޖެންޓީނާ ގަބޫލު ކުރާ ގޮތުގައި އިނގިރޭސިންނާ ދެކޮޅަށް އެ މީހުންނަށް ނަސީބު އެހީވާނީ ގަދަ ނޫލު ކުލައިގަ އެވެ.
މިހާތަނަށް ވޯލްޑް ކަޕް ތިން ފަހަރު އާޖެންޓީނާ ހޯދިއިރު ވެސް ލައިގެން ތިބީ ނުލާއި ހުދު ޖާޒީ އެވެ. އިނގިރޭސިން ތަށި ހޯދީ ރަތުގަ އެވެ. އެކަމަކު އިނގިރޭސިން އަތުން މޮޅުވުމުގައި ގަދަ ނޫލައިގެ މުހިންމުކަން ބޮޑު ކަމަށް އާޖެންޓީނާ ގަބޫލު ކުރަނީ އާދައިގެ ވިސްނުމަކުންނޫނެވެ. މިރޭގެ މެޗަށް ގަދަ ނޫކުލަ އެ މީހުން އިހްތިޔާރު ކުރީ ވެސް މާޒީ އަށް ބަލައިފަ އެވެ. އެކަމަކު އިނގިރޭސިން ނިންމައިގެން އެތިބީ މާޒީގެ އަށް ބަލައިގެން ވާނެ ކަމެއް ނެތް ކަމަށާއި ކޮންމެ ކުލައެއްގައި ތިއްބަސް ކާމިޔާބު ވާނީ ދަނޑުމަތީގައި ކުރާ މަސައްކަތުން ކަމަށެވެ. އެ މީހުން މިރޭ ވެސް ލައިގެން ތިބޭނީ ހުދު ކުލަ އެވެ.
ވަކި ކުލައަކުން މޮޅުވާނަމަ މިރޭގެ މެޗު ކާމިޔާބު ކުރާނީ އާޖެންޓީނާތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ