އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް ދޭ 152 މިލިއަން ޔެން (1.02 މިލިއަން ޑޮލަރު)ގެ ހިލޭ އެހީގެ އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ޖަޕާނުގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ނުވަތަ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖެއަށް ދޭ މި އެހީއަކީ "ޖަޕަނީޒް ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)"ގެ ދަށުން، ކުރިއަށް އޮތް މާލީ އަހަރަށް ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ފޯރުކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިން އެހީއެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާއި ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޖަޕާނުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް 152 މިލިއަން ޔެންގެ ހިލޭ އެހީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ