ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ހިންގުންތެރިންގެ ސިޔާސީ ރޮނގު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ މި ލިޔުން މި ލިޔާ އަޅުގަނޑާއި، މި ލިޔުން ކިޔާ ތިބާ ގިންތި ކުރެވޭނީ ސިޔާސީ ސްޕެކްޓްރަމްގެ ކިހާ ހިސާބެއްގައި ހެއްޔެވެ؟ އަޅުގަނޑާއި ތިބާގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ގައުމު ހިންގާން ބޭނުންވާނަމަ އަޅުގަނޑުމެންގެ ތާއީދު ލިބެންވާނީ އެ ވިސްނުމުގެ ސިޔާސީ ޖަމާއަތަކަށެވެ. އެހެން ނޫންނަމަ އަޅުގަނޑުމެން ނިސްބަތްވާ ސިޔާސީ ރޮނގާ ބައްދަލުނޫން ފިކުރަކަށް ތާއީދުދެވި އޭގެ ދެރަ ތަހައްމަލުކުރަންޖެހޭ ގޮތް މެދުވެރިވުމަކީ ދުރުކަމެއް ނޫނެވެ.
މި ޒަމާނުގެ ސިޔާސީ ޕާޓީތަކުގެ ފިކުރާއި، ސިޔާސީ ފިކުރުތަކަކީ ވެސް ތެދު ރޮނގެއްގެ މަތީގައި އެކި މިނުގައި ގިންތިކޮށް ކަނާތާއި ވައަތަށް ސިއްކަޖެހޭހައި ސާފު ސިޔާސީ ފިކުރުތަކެއް ނޫނެވެ. ކޮންމެ މައްސަލައެއްގެ ވެސް ފިކުރުތައް ގިނަ ގޮފިތަކަށް ބެހި، އޭގެ ތެރެއިން ބައެއް ގޮފި އަނެއް ގޮފިތަކާ ކޮންމެވެސް މިންވަރަކަށް އެކުލުންވާއިރު އެ ފިކުރުތަކުގައި ކޮންމެވެސް މިންވަރެއްގެ މުޑިއެރުމެއް ވެސް އަންނަ ފަހަރު ހުރެ އެވެ. ކަނާތުފިޔައާއި ވައަތުފިޔައިގެ ސިޔާސީ ސްޕެކްޓްރަމްގެ ވިސްނުން އުފަންވީއިރު މިއީ މާބޮޑު މައްސަލަތަކެއް ނެތި ވަޒަން ކުރެވެން އޮތް ކަމެއް ކަމަށް ވީނަމަވެސް މި ޒަމާނުގައި އެކަން އޮތީ އެހެނެއް ނޫނެވެ. އެހެންވީމާ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ދެނެގަތުމާއި، ސިޔާސީ ރޮނގުގައި އެ ޕާޓީއެއް ފެތެނީ ކިހައި ހިސާބަކަށްތޯ ދެނެގަތުމުގައި ހޯދަންޖެހޭނީ އައު ވިސްނުމެކެވެ.
ސިޔާސީ ކަނާތުފިޔައާއި ވައަތުފިޔަ އަކީ ބޯދާ ބްރޭންޑެކެވެ. ސިޔާސީ ފިކުރުގައި ކަނާތާއި ވައަތެއްގެ ވިސްނުން އުފަންވެގެން އައީ ފަރަންސޭސި އިންގިލާބުގެ ދުވަސްވަރު، މީލާދުން 18 ވަނަ ގަރުނުގެ ތެރޭގަ އެވެ. ފަރަންސޭސިވިލާތުގެ އައު ސިޔާސީ ނިޒާމު އެކަށައެޅެމުން ދިޔައިރު އައު ސިޔާސީ ނިޒާމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް ވީޓޯ ކުރުމުގެ ބާރު ރަސްގެފާނަށް ދޭންވާނެތޯ ނުވަތަ ނޫންތޯ ނިންމަންޖެހި، އެކަމުގައި ބޮޑު ބަހުސެއް އުފެދުނެވެ. މަޖިލީހުގެ ބައެއް ނިންމުންތައް އެކަނި ވީޓޯ ނުކުރެވޭ ގޮތަށް ބޭއްވުމަށްފަހު އާންމު ގޮތެއްގައި ނިންމުންތައް ވީޓޯ ކުރުމުގެ ބާރު ރަސްގެފާނަށް ބޭއްވުމަށް އެއް ބަޔަކު ތާއީދުކުރި އެވެ. ބައެއް މީހުންގެ ވަކާލާތަކީ ވީޓޯ ކުރުމުގެ ބާރު ރަސްގެފާނަށް މުތުލަގަށް ލިބިފައި އޮތުމެވެ. އެކަމުގައި ގޮތެއް ނިންމުމަށް ނޭޝަނަލް ކޮންސްޓިޓިއުޓިވް އެސެމްބްލީގެ ބައްދަލުވުން އޮތީ 1789 ވަނަ އަހަރު އެވެ.
މި ބައްދަލުވުމަށް އެސެމްބްލީގެ މެންބަރުން އައީ އެމީހުންގެ ފިކުރަކީ ކޮބައިކަމާއި ވޯޓު ދޭނީ ކިހިނެއްކަން ވެސް ސާފުކޮށް ދެއްކުމަށް ނިންމައިގެންނެވެ. އެހެންވެ، މަޖިލީހުގެ ނިންމުންތަކާއި ސަރުކާރުގެ ނިންމުންތައް ވީޓޯކުރުމުގެ ބާރު ރަސްގެފާނަށް އޮންނާންވާނޭކަމަށް ދެކޭ މެންބަރުން އިށީނީ މަޖިލީހުގެ ރިޔާސަތުގެ ކަނާތްފަރާތަށްވާ ގޮނޑިތަކުގަ އެވެ. ރަސްގެފާނަށް އެ ބާރު ނުބޭއްވުމަށް ފެނުނު މީހުން އިށީނީ މަޖިލީހުގެ ރިޔާސަތުގެ ވައަތްފަރާތަށްވާ ގޮތަށް ހުރި ގޮނޑިތަކުގަ އެވެ. ފަރަންސޭސިވިލާތު ކޮންސްޓިޓިއުޓިވް އެސެމްބްލީގެ މެންބަރުން އެދުވަހު އަމަލުކުރި ގޮތުން، މާލަމުގެ ގޮނޑިތައް ރޭވިފައިވާ ގޮތް ސިޔާސީ ގޮތުން މުހިންމުވެގެން ދިޔައީ އެވެ. ކަނާތްފަރާތުގައި ތިބީ ރަސްގެފާނުގެ ގިނަ ބާރުތައް ދަމަހައްޓަން ބޭނުންވާ، ރަސްކަމުގެ ނިޒާމުގެ ތާއީދުކުރާ އަދި ރަސްގެފާނަށް ވަފާތެރި މީހުންނެވެ. ވާތްފަރާތުގައި ތިބީ ރަސްގެފާނުގެ ބާރުތައް މަދުކޮށް، ރައްޔިތުންނަށް ފުރިހަމަ ބާރު ދިނުމަށް ވަކާލާތުކުރާ މީހުންނެވެ.
ސިޔާސީ މައިދާނުގައި މި ބަސް އާންމު ވެގެން ދިޔައީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. ފަރަންސޭސީ ބަރުލަމާނު މެންބަރުންގެ ސިޔާސީ ވިސްނުން ބަޔާންކުރުމަށް ކަނާތުފިޔައާއި ވައަތުފިޔައިން ގިންތި ކުރެވެން ފެށުނެވެ. މިގޮތަށް ގިންތިކުރުމުގެ އެންމެ ބޮޑު ފަސޭހައަކީ އޭގެ ސާދާކަމެވެ. އޮޅުންބޮޅުން ގިނަ ސިޔާސީ ވިސްނުންތައް، ސާދާ ޑައިކޮޓަމީއަކަށް ނުވަތަ ދެ ހިޔާރަކަށް ހަނިކޮށްލާތީ މިއީ ސިޔާސީ ވިސްނުން ގިންތި ކުރުމުގައި ފަސޭހަ ގޮތަކަށް ވެގެން ދިޔައީ އެވެ. އަދި އާންމުންނަށް ވެސް އެމީހެއްގެ ސިޔާސީ ފިކުރު އަމިއްލައަށް ދެނެގަނެ، އެ ފިކުރާ ގުޅޭ ސިޔާސީ ފިކުރުތަކުގެ މީހުން ވެސް ދެނެގަންނަން ފަސޭހަ ގޮތަކަށް ވީ އެވެ.
އެހެންނަމަވެސް، ނަވާރަ ވަނަ ގަރުނުގެ ތެރޭގައި މި ސިޔާސީ ސްޕެކްޓްރަމްގައި އިތުރު ހުއްޓުންތައް، ނުވަތަ ކުލަތައް ފާހަގަކުރެވެން ފެށި އެވެ. ކަނާތުގެ ބައެއް ފިކުރުތަކަށް ތާއީދުކޮށްފައި ވައަތުގެ ބައެއް ފިކުރުތަކާ މާބޮޑަށް ދެކޮޅުނޫން ފިކުރާއި، ވަކިގޮތެއް ހިޔާރު ނުކުރުމާއި، ވަރަށް ހަރުކަށިކޮށް އެއްފަރާތް ހިޔާރުކުރުންފަދަ ގިނަ ގޮފިތަކަކަށް މި ސިޔާސީ ސްޕެކްޓްރަމް ފުޅާވެގެން ދިޔަ އެވެ. ސެންޓަރ-ރައިޓާއި، ސެންޓަރ-ލެފްޓާއި، އެންމެ ހަރުކަށި ކަނާތުފިޔައާއި، މެދުމިނުގެ ވައަތުފިޔަ ފަދަ އެތައް އައު ކުރިތަކެއް ފަޅައި ހެދެމުން ދިޔަ އެވެ. ކޮންމެއަކަސް، މިހާތަނަށް ވެސް ހެދެމުން، އެކި ބަހާތަކުގެ މައްޗަށް ބެހެމުންދާ މި ސިޔާސީ ސްޕެކްޓްރަމްގެ ފެށުމަކީ ފަރަންސޭސި ކޮންސްޓިޓިއުޓިވް އެސެމްބްލީގެ އެތުރުމެވެ.
ފަރަންސޭސީ އިންގިލާބުގެ ފަހަށް ގަރުނެއްހައި މުއްދަތެއް ވެއަތުވީއިރު ވެސް ސިޔާސީ ފިކުރުތައް މިންކޮށް، ގިންތިކުރާނޭ ގޮތަކާމެދު ދިޔައީ ފަންނީ ދިރާސާތައް ކުރެވެމުންނެވެ. އެއްވެސް ހިޔާލަކީ އެއް ދުވަހުން ތަރައްގީވެ ނިމޭނޭ ހިޔާލެއް ނޫނެވެ. ފަރަންސޭސި ބަރުލަމާނުގެ އެތުރުމުން ސިޔާސީ ގިންތި ކުރުމަށް ލިބުނީ ދެ ބަހެކެވެ. އެއީ ކަނާތުފިޔަ އަދި ވައަތުފިޔަ އެވެ. އެ ދެމެދުގައި ހިމެނޭހައި ބަހާތަކެއް ހޯދައި، އެކަންކަން ބެލުމުގައި ކުރާނޭ ޓެސްޓުތައް އެކަށައެޅުނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އެ ހުރިހައި ޓެސްޓެއްގެ ވެސް އެންމެ އަސާސީ ވިސްނުން ބިނާވީ ރައްޔިތުންގެ ބާރު ގަދަވާނީ ނުވަތަ ރައްޔިތުންނަށް ލާބަ އޮތީ ކޮން ގޮތްތަކަކުންތޯ ބެލުމުގެ މައްޗަށެވެ. ރައްޔިތުންގެ ބާރު ގަދަވާނީ ނުވަތަ ރައްޔިތުންނަށް ލާބަ ހުރީ ކޮން ގޮތަކުން ކަމާމެދު ސިޔާސީ ޖަމާއަތްތަކުގެ ވިސްނުން ހުރި ގޮތެއްގެ މައްޗަށް ބަލައިގެން ސިޔާސީ ސްޕެކްޓްރަމްގައި އެ ޕާޓީތައް ނުވަތަ ޖަމާއަތްތައް ދަރަޖަ ކުރުމުން އެ ކަނޑައެޅުނީ އެ ސިޔާސީ ޕާޓީއެއްގެ ފިކުރުގެ ފަޅި އެވެ.
މި ހިޔާލު ތަރައްގީވުމުގައި މީލާދުން 1800 ގެ ފަހުކޮޅާއި 1900 ގެ ކުރީކޮޅުގެ ފަލްސަފާވެރިންގެ ނުފޫޒު ވަރަށް ބޮޑު ދައުރެއް އަދާކުރި އެވެ. ޖަރުމަނަށް އުފަން، އިނގިރޭސި ސައިކޮލޮޖިސްޓް ހާންސްއައިސެންކް އާއި، ޕޮލޭންޑަށް އުފަން އިނގިރޭސި ސޯޝަލް ސައިކޮލޮޖިސްޓް މިލްޓަން ރޮކީޗް ގެ ހުށަހެޅުމަކީ، ކަނާތު އަދި ވައަތުފިޔައިގެ ސާދާ ރޮނގުގެ ބަދަލުގައި ސިޔާސީ ސްޕެކްޓްރަމްއަކީ މަލްޓިޑައިމެންޝަނަލް ނުވަތަ ވަށާޖެހޭ އުސޫލުން މިން ކުރެވޭ ކަމަކަށް ހެދުމެވެ. ދަ ސައިކޮލޮޖީ އޮފް ޕޮލިޓިކްސް (1954) ފޮތުގައި އައިސެންކް ކުރެއްވި ވަކާލާތަކީ އެއީ އެވެ.
މިއަދާ ހަމައަށް ވެސް، މި ސިޔާސީ ސްޕެކްޓްރަމްގައި ސިޔާސީ ފިކުރުތައް ގިންތި ކުރާނޭ ގޮތުގެ އެއް ފޯމިއުލާއެއް އެކުލަވާލެވިފައެއް ނުވެ އެވެ. އެކުލަވައި ނުވެސް ލެވޭނެ އެވެ. ދުނިޔޭގެ އިންތިޒާމުތަކާއި އަލަށް ތައާރަފުކުރެވޭ ކަންކަމާއެކު އިންސާނީ ވިސްނުމަށް އަންނަ ބަދަލުތަކާއެކު، މި ފަލްސަފާ އަދިވެސް ދާނީ އިތުރަށް ތަރައްގީވަމުން ނުވަތަ ބަދަލުވަމުންނެވެ.
ކުރިންވެސް ދެންނެވި ފަދައިން މި ޒަމާނުގައި ސިޔާސީ ސްޕެކްޓްރަމްއެއްގައި ޕާޓީތައް ގިންތި ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމުގައި ބަލާނީ ކޮންކޮން ކަންތައްތަކަކަށްތޯ އެއީވެސް އެއް އުސޫލަކުން، އެންމެން އެއްބަސްވާ ގޮތަށް ކަނޑައެޅިފައި ހުރި ކަންކަމެއް ނޫނެވެ. އެހެނީ ކޮންމެ ސިޔާސީ ޕާޓީއެއް ވެސް ސިޔާސީ ރޮނގުގެ ކަނާތު ނޫނީ ވައަތު ނޫނީ މެދުގައި ގިންތި ކުރެވޭ މިންގަނޑު ބަލާ ނިޒާމަކީ އާލަމީ ގާނޫނެއް ވެސް ނޫނެވެ.
ސިޔާސީ ވައަތުފިޔައިގެ އެންމެ އަސާސީ ގަބޫލުކުރުމަކީ، މުޖުތަމައުގެ ކޮންމެ މީހަކީވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންވާ މީހަކަށްވުމާއި، ކޮންމެ މީހަކަށްމެ އެ ފުރުސަތުތައް ލިބޭކަން ކަށަވަރުކުރުމުގެ ދައުރު ސަރުކާރުން އަދާކުރުމެވެ. ވައަތުފިޔައިގެ ވިސްނުމުގައި މުޖުތަމުގައި ހިމެނޭ މަސައްކަތްތެރިންނާއި، ހާއްސަ ހާލަތު ކުރިމަތިވެފައިވާ މީހުންނާއި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ފުޅާ ދައުރެއް އަދާކުރަންޖެހޭނެ އެވެ. ޒަމާންވީ އާދަކާދަތަކުގައި ހިފެހެއްޓުމުގެ ބަދަލުގައި ޒަމާނާއެކު މުޖުތަމައުއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތައް ބަލައިގަތުމުގައި ވިލުންވެރިވާންޖެހޭނެ އެވެ. އައު ހިޔާލުތަކަށް މަރުހަބާކިޔައި އެއީ ސަގާފަތުގެ ބައެއްގެ ގޮތުގައި ހިމަނަން ފުރުސަތު ދޭންޖެހޭނެ އެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ، އެ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކޮށް ތިމާވެށި ރައްކާތެރިކުރަންޖެހޭނެ އެވެ. އިގްތިސާދުގައި ނަމަ، މުޅި އިގްތިސާދު އެކީއެކަށް އަމިއްލަ ވިޔަފާރިތަކުގެ މައްޗަށް ދޫކޮށްލެވިގެން ނުވާނެ އެވެ. މުއްސަނދިންގެ އަތުން ނެގޭ ޓެކްސްގެ މިންވަރު އެނޫން މީހުންނަށްވުރެ އިތުރުކޮށް، މުޖުތަމައުގައި ބޭނުންޖެހިފައިވާ މީހުންނަށް އެފައިސާއިން ހޭދަކުރަންޖެހޭނެ އެވެ.
ސިޔާސީ ކަނާތުފިޔައިގެ ވިސްނުން ބިނާވާ އަސާސަކީ ފަރުދީ މިނިވަންކަމާއި، އިޖުތިމާއީ ހަމަޖެހުމާއި ގައުމިއްޔަތާއި އާދަކާދަ ހިފެހެއްޓުމެވެ. ކަނާތުފިޔައިގެ ވިސްނުމުގައި މުޖުތަމައުއެއްގައި ހިމެނޭ އަފްރާދުންނަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ފުރިހަމަ ޒިންމާ އުފުލާންޖެހޭ ބައެކެވެ. އެ މުޖުތަމައުއެއްގައި އޮތް ފުރުސަތުތަކުގެ ބޭނުންކޮށް، އެމީހެއްގެ ދިރިއުޅުން ބިނާކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ. ސަރުކާރަކުން އެކަންކަމުގައި ބަސްބުނެ، އެކަންކަމުގެ ތެރެއަށް ވަންނަންވާނީ ވީހާ ވެސް ކުޑަކޮށެވެ. ވިޔަފާރިކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް ބޮޑު އިސްކަމެއް ދެވޭއިރު، މަސައްކަތްތެރިންގެ ޖަމްއިއްޔާތަކާއި އެފަދަ ހައްގުތަކަކީ މިނިވަން ވިޔަފާރިއަށް އެޅޭ ހުރަހެއްކަމަށް ދެކެ އެވެ. ކަނާތުފިޔައިން ދެކޭގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލްކޮށްގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރަންވާނޭ މައިގަނޑު ކަންކަމަކީ އިންތިޒާމުތައް ރާވައިދީ، މުދާ ހިމާޔަތްކޮށްދީ އަދި ގައުމު ދިފާއުކޮށްދިނުމެވެ. އިޖުތިމާއީ އަހުލާގާއި ގައުމިއްޔަތާއި ދީނަށް ބޮޑު އިސްކަމެއް ދެވޭއިރު، ކަނާތުފިޔައަކީ އާދަކާދައާ ތަފާތު އިޖުތިމާއީ ބަދަލުތަކަށް މަރުހަބާ ކިޔާ ފިކުރެއް ނޫނެވެ. ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަކީ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށް މި ވިސްނުމުގެ މީހުން ގަބޫލުކުރެ އެވެ. އިގްތިސާދުގެ އަސާސީ ގަބޫލުކުރުމަކީ ވާދަވެރި ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމެވެ. ސަރުކާރުން ވިޔަފާރިތަކަށް ވަނުން ވީހާވެސް ބޮޑަށް މަދުކުރަންވާނެ އެވެ. އަދި ވިޔަފާރިވެރިންނަށް ލިބޭ އާމްދަނީން ނަގާ ޓެކްސް ވީހާވެސް ކުޑަކުރުމެވެ.
ސިޔާސީ މެދުމިނުގެ ފިކުރުގެ މީހުން ގަބޫލުކުރާ ގޮތުގައި، މުޖުތަމައުގެ މައިގަނޑު މައްސަލަތަކުގެ ހައްލު، ކަނާތުފިޔައިގެ މީހުންނަށްވެސް އަދި ވައަތުފިޔައިގެ މީހުންގެ އަތަކުވެސް ނެތެވެ. މެދުގެ މީހުން ހިޔާރުކުރަނީ މި ދެފިކުރުގެ ވެސް މެދު މިންގަނޑެވެ. މެދުގެ ވިސްނުމަކީ މުޖުތަމައުގައި އެހީއަށް ބޭނުންވެފައިވާ މީހުންނަށް ސަރުކާރުން އެހީވާންވާނެ އެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ކޮންޓްރޯލްކުރަން މަސައްކަތްކޮށްގެން ނުވާނެ އެވެ. ކޮންމެ މީހެއްގެ ވެސް އަމިއްލަ ދިރިއުޅުން އަމިއްލައަށް ބިނާކުރުމަށް ސަރުކާރުން ހިތްވަރު ދޭންވާނެ އެވެ. އެއާއެކު އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން އެހީލިބޭނޭ އިންތިޒާމުވެސް ހަމަޖެހިފައި އޮންނަންވާނެ އެވެ. މުޅި ދައުލަތުގެ ވިޔަފާރި އަމިއްލަ ވިޔަފާރިތަކަށް އެކީއެކަށް ދޫކޮށްލައިގެން ނުވާނެ އެވެ. ވާދަވެރި ވިޔަފާރިތަކަށް ހުޅުވާލުމާއެކު ވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާ، ކޮންމެވެސް އިންތިޒާމެއްގެ ދަށުން ސަރުކާރުން އުފުލަންވާނެ އެވެ. ޓެކްސްތައް ނެގެންވާނީ ސަރުކާރުގެ ޒަރޫރަތާއި އެ މުޖުތަމައުގެ ހާލަތަށް ރިއާޔަތްކުރެވި މެދުމިނެއްގަ އެވެ. ވިޔަފާރީގެ ކުރިއެރުމާއެކު މަސައްކަތްތެރިންގެ ހައްގުތައް ވެސް ހިމާޔަތްވާންޖެހޭނެ އެވެ. ހުޅުވިގެންވާ ސިކުނޑިއަކުން އިޖުތިމާއީ ބަދަލުތަކާމެދު ވިސްނިނަމަވެސް އެފަދަ ބަދަލެއް މުޖުތަމައުއަށް ބަލައިގަންނަން ވާނީ ފަރުވާތެރިކަމާއެކުގަ އެވެ.
ކަނާތާއި ވައަތުގެ ވިސްނުމުގައި ކައްޓަރު ފަޅިއަކީ ހަރުކަށި-ކަނާތު ނުވަތަ ހަރުކަށި-ވައަތުފިޔަ އެވެ. ކަނާތުފިޔައިގެ ބައެއް އުސޫލުތަކާއި ހަމަތައް ގަބޫލުކުރުމާއެކު ވައަތުފިޔައިގެ ގިނަ އުސޫލުތައް ގަބޫލުކުރާނަމަ އެއީ މެދު-ވައަތުފިޔަ އެވެ. މެދު-ކަނާތުފިޔަ އަކީ މީގެ އިދިކޮޅެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައީ ހަމަ ސީދާ ސިޔާސީ ސްޕެކްޓްރަމްގެ ތަތްގަނޑަށް ފެތިގެންނެވެ. ތިރީސް އަހަރުގެ ދިގު ވެރިކަން ނިންމައި ރައްޔިތުންނަށް ބާރުދޭންޖެހޭނޭ ކަމަށް ގޮވާލައި އެއްފަރާތަކަށް އެރި ސިޔާސީ ފިކުރަކީ ވައަތުފިޔަ އެވެ. އެ ވެރިކަން ހިމާޔަތްކޮށް، އިހަށް ވެސް ކަންކަން އޮތްގޮތަށް ބާއްވަން މަސައްކަތްކުރީ ކަނާތުފިޔަ އެވެ. އެއީ އެމްޑީޕީއާއި ޑީއާރުޕީގެ އުފެދުމެވެ. އޭގެ ފަހަށް ޑީއާރުޕީއާ ފިކުރު ތަފާތުކޮށް އުފެދުނު ޕާޓީތަކަކީ ވައަތަށް ބުރަވާ، މެދުގެ ޕާޓީތަކެވެ. އެޕާޓީތައް ބޮޑުވެ، ޕާޓީތަކެއްގެ ގޮތުގައި ހިނގިނަމަ މި ތަފާތު ބޮޑަށް ފެނުނީހެވެ. އެހެންނަމަވެސް، އެފަދަ ޕާޓީތަކުން ސަރުކާރުގައި ބައިވެރިވުމަށްޓަކައި އެހެން ބޮޑު ޕާޓީއެއްގެ ނިވަލަށް ވަނުމުން، އެ ޕާޓީގެ ހަގީގީ ފަލްސަފާތައް ފަރުދާވެ، ސިޔާސީ ސްޕެކްޓްރަމްގައި އެ ޕާޓީތަކަށް ޖާގަ ގެއްލެނީ އެވެ.
އެހެން ވާހަކައެއް ދަންނަވާލަން ޖެހެ އެވެ. ޒަމާނީ މިންގަނޑުން ކަނާތުފިޔައާއި ވައަތުފިޔަ އަދި މެދު އެކަށައެޅުމުގައި ބަލާ ކަންކަން ސާފުވީމާ އެނގިގެން މިދިޔަ އެންމެ އަސާސީ ކަމަކީ، ސިޔާސީ ސްޕެކްޓްރަމްގައި ޕާޓީތައް ގިންތިކޮށް އަތުރާލެވެނީ އެ ޕާޓީއަކުން ގެންގުޅޭ ފަލްސަފާގެ މައްޗަށް ކަމެވެ. މާނައަކީ، ސިޔާސީ ސްޕެކްޓްރަމްގައި ގިންތިކުރެވެނީ ފަލްސަފާތަކަކަށް ބަލައިގެންނެވެ. މީހުންނަށް ބަލައިގެންނެއް ނޫނެވެ. ރާއްޖޭގައި އެކަން އޮތީ އެހެންބާ އެވެ؟
ސިޔާސީ ޕާޓީތައް ގިންތިކޮށް އަތުރާލުމުގައި އަސާސީ ގޮތުން ބަލާނީ ގައުމުގެ އިގްތިސާދީ ހިންގުމުގައި އެޕާޓީއެއްގެ ފަލްސަފާއާއި، ގައުމުގެ އިޖުތިމާއީ ކަންކަމުގައި އެ ޕާޓީގެ ފަލްސަފާއާއި، ވެރިކަން ހިންގުމުގެ ސިޔާސަތުގައި އެ ޕާޓީގެ ފަލްސަފާ އޮތްގޮތަކަށެވެ. މި ތިން ގިންތިން އެ މުޖުތަމައުއެއްގައި ހުންނަ އަސާސީ މައްސަލަތަކުގައި، ނުވަތަ މި ތިން ގިންތީގެ އަސާސީ ބަހުސްތަކުގައި އެ ޕާޓީއެއްގެ ފަލްސަފާއަކީ ކޮބައިކަން ދެނެގަނެވުމުން ސިޔާސީ ސްޕެކްޓްރަމްގައި އެ ޕާޓީއެއް ޕްލޭސްކުރާނީ ކިހާ ހިސާބެއްގައިކަން ދެނެގަނެވުނީ އެވެ.
ރާއްޖޭގައި އާންމުގޮތެއްގައި ފެންނަނީ މެދު-ވައަތުފިޔައާއި ދުރު-ކަނާތުފިޔައިގެ ޕާޓީތައް ކަމަށް ދެންނެވިދާނެ އެވެ. ބައެއް ފަލްސަފާތަކުގައި ޕާޓީތަކުން ސްޕެކްޓްރަމްގެ މެދާ އެންމެ ދުރަށް ޖެހިލަ އެވެ. އެންމެ ކައްޓަރު ފަޅިއަށެވެ. އެކި ކަންކަމާމެދު ޕާޓީތަކުން ގެންގުޅޭ ފަލްސަފާތައް ޕޮލިޓިކަލް ސްޕެކްޓްރަމްގެ ތަރާދަށް ލައި ކިރާލީމާ މިކަން ފެންނާނެ އެވެ.
މިސާލަކަށް، އެމްޑީޕީ އަކީ ރާއްޖޭގެ ވައަތުފިޔައިގެ ޕާޓީ އެވެ. އެހެންނަމަވެސް، އެޕާޓީގެ ބައެއް ފަލްސަފާތަކުގައި ކަނާތުގެ ސިފަތައް ހުރެ އެވެ. މިސާލަކަށް އެމްޑީޕީން އިއުލާނުކުރާ އިގްތިސާދުގެ އަސާސީ ގަބޫލުކުރުމަކީ ވާދަވެރި ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމެވެ. ސަރުކާރުން ވިޔަފާރިތަކަށް ވަނުން ވީހާވެސް ބޮޑަށް މަދުކުރުމާއި، ވިޔަފާރިކުރާ މީހުންނަށް ލިބޭ އާމްދަނީން ނަގާ ޓެކްސް ވީހާވެސް ކުޑަކުރުމެވެ. މިއީ ނަޒަރިއްޔާއެއްގެ ގޮތުން ބަލާއިރު ކަނާތުފިޔައިގެ ވިސްނުމެކެވެ. އެހެންނަމަވެސް، ރާއްޖޭގެ މާހައުލާ އެކަށީގެންވާ ފިކުރެއް ކަމަށް ދެކޭތީ އެމްޑީޕީން މި ފިކުރަށް ތަބާވީ އެވެ. މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމެއްގައި ނަމަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރެ އެވެ. އެހެންނަމަވެސް މުޅި ދައުލަތަކީ ވެލްފެއަރ ސްޓޭޓަކަށް ހެދުމަށް އެމްޑީޕީން ވަކާލާތެއް ނުކުރެ އެވެ. ތިމާވެށްޓަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެ އެވެ. އެހެންނަމަވެސް ތަރައްގީއަށްޓަކައި ބައެއް ފަހަރު ތިމާވެށީގެ ވަކާލާތުގައި ދޫ ދެ އެވެ. ވައަތުގެ ޕާޓީއަކަށް ވުމާއެކުވެސް ކަނާތާއި މެދުގެ މި ފަލްސަފާތައް ގަބޫލުކޮށް ތަންފީޒުކުރާތީ އެ ދާއިރާތަކުން މިންކުރާނަމަ އެމްޑީޕީއަކީ މެދު-ވައަތުފިޔައިގެ ޕާޓީއަކަށް ވަނީ އެވެ.
ޕީޕީއެމްއާއި ޕީއެންސީއަކީ ކަނާތުފިޔައިގެ ޕާޓީތަކެވެ. މި ޕާޓީތަކުގެ ބާރު ހިނގާ ކޮންމެ ފަހަރަކު 'ދީން'، 'ގައުމިއްޔަތު' އަދި 'އާދަކާދަ'، 'އިހުތިރާމުކުރުމުގެ ސަގާފަތު' ފަދަ ބަސްތައް ގުގުމާލަނީ މާ ވަރުގަދަ އަށެވެ. އެއީ އަލަށް ތައާރަފުވާ ފަލްސަފާތަކެކޭ ހީވާ ދަރަޖައަށެވެ. ދާދި ފަހުން އެ އިއުލާނުކުރި 'ރެސްޕެކްޓް' ކެމްޕެއިނަކީ އޭގެ މިސާލެކެވެ. އެއީ ކުރިން އޮތް ޕީޕީއެމްގެ ވެރިކަމުގައި ވެސް އިއުލާނު ކުރެވުނު ކެމްޕޭނެކެވެ. 'ކުރިން ރާއްޖެ އޮތްގޮތަށް' ގެންދިއުމުގެ ކެމްޕޭނެކެވެ. އެއީ ޕާޓީތައް އުފެދުނުއިރު، އޭރު އޮތްގޮތް ދިފާއުކުރަން ކަނާތު ފަޅިއަށް އެރި ފިކުރެވެ. އެހެންވީމާ މި ފިކުރުތަކުގައި މި ޕާޓީތައް ގިންތި ކުރެވޭނީ ސްޕެކްޓްރަމްގެ ކަނާތުން އެންމެ ދުރުގަ އެވެ. މާނައަކީ ހަރުކަށި-ކަނާތު ފިކުރުގެ ގޮތުގަ އެވެ. އެހެންނަމަވެސް ހަމަ މި ޕާޓީތަކުން އިގްތިސާދުގައި ބައެއް ފަހަރު ވައަތުފިޔައި އުސޫލުތައް ގެންގުޅެ އެވެ. ގިނަ ސިޔާސަތުތަކުގައި އެންމެ ހަރުކަށި ކަނާތުފިޔައިގެ އުސޫލުތަކެވެ.
މިގޮތަށް ކިތަންމެ ދާއިރާއެއްގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަސްހުނި ފިކުރު ގެންގުޅެ އެވެ. އަމުދުން އެޕާޓީއެއްގެ ފިކުރުކަމަށް އިއުލާނުކުރާ ގޮތާ ދިމާ އިދިކޮޅަށް ކަންކަން ތަންފީޒުކުރަމުންދާތަން ވެސް ފެނެ އެވެ. އަނެއްކާ ދުވަސްކޮޅަކުން، ހަމަ އެއްބާވަތުގެ އެހެންކަމެއްގައި ކުރިން އަމަލުކުރި ގޮތާ ދިމާ އިދިކޮޅަށް އަމަލުކޮށްފާނެ އެވެ. އެހެންވީމާ ޕާޓީތަކުން މި ފަލްސަފާތަކުގައި ގެންގުޅެނީ ފަސޭހައިން ބަދަލުވާ، ކަށަވަރު ނޫން ވިސްނުންތަކެއްކަން އެނގިގެން ދެ އެވެ.
މި ހާލަތުގައި ޕާޓީއެއްގެ އަސާސީ ވިސްނުން ދެނެގަތުމުގައި ކުރަންޖެހޭނޭ ކަމަކީ އެ ޕާޓީއަކުން ވެރިކަން ހިންގާން ލިބުނު ފުރުސަތުގައި އާންމުގޮތެއްގައި އަމަލުކޮށްފައިވާ ގޮތަށް ބެލުމެވެ.
ސިޔާސީ ޕާޓީ ގިންތިކުރުމުގައި ރާއްޖޭގައި ބަލަންވާނީ، އަދި ގެންގުޅޭން ވާނީ އެމެރިކާގައި ނުވަތަ އިނގިރޭސިވިލާތުގައި ގެންގުޅޭ ޓެސްޓެއް ނޫނެވެ. އަޅުގަނޑުމެން ގެންގުޅޭ އުސޫލަކީ ދިވެހިރާއްޖޭގެ ސަގާފަތާއި، ދުނިޔޭގެ މަސްރަހަށް ބަލައި އެކަށައެޅޭ ހާއްސަ އުސޫލަކަށް ވުމަކީ އަމުދަކުން ބައިނަލްއަގުވާމީ ގާނޫނަކާ ހިލާފު ކަމަކަށް ނުވާނެ އެވެ. އަދި އެއީ އެއްވެސް ބައެއްގެ މަލާމާތެއް ވެސް ރައްދުވާނޭ ކަމެއް ނޫނެވެ. އެހެނީ ސިޔާސީ ސްޕެކްޓްރަމްގައި ޕާޓީތައް ދަރަޖަކޮށް ގިންތިކުރުމަކީ އާލަމީ ގާނޫނެއް އޮތް ކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައި ސިޔާސީ ގިންތިކުރުމަށްޓަކައި ތިރީގައިވާ ކަންކަމާމެދު ޕާޓީތަކުން ގެންގުޅޭ ފަލްސަފާތަކާއި އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަކީ ކުރެވިދާނެ ކަމެކެވެ.
މިހެންގޮސް ބެލިދާނޭ ކިތަންމެ ދާއިރާތަކެއް އެބަހުއްޓެވެ. މިއިން ކޮންމެ ކަމަކުން ތިމާއަށް ފެންނަ ގޮތުގައި ރަނގަޅު، ވ.ރަނގަޅު، ކަމަކު ނުދޭ، ނުވަތަ އެއްގޮތަކަށްވެސް ކަމަކުނުދޭ ފަދަ މިންގަނޑުތަކެއް އެކަށައަޅައި މާކްސް ދެމުން ގެންދިއުމުން ތިމާ ހުންނަންވީ ސިޔާސީ ފިކުރު އޮންނާނީ ސާފުވެފަ އެވެ.
މި ސިޔާސީ ތަރުތީބަށް ދީލާލުމުން މިހާރު މި މުޖުތަމައުއިން މި ފެންނަ ވަރަށް ގިނަ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ފެނެ އެވެ. ސިޔާސީ މީހުންނަށް ތަބާވުމުގެ ބަދަލުގައި ސިޔާސީ ފިކުރަށް ތަބާވެ، ފިކުރުގެ ފަހަތުން އެތުރޭ ސިޔާސީ މަސްރަހެއް އުފެދިގެން ހިނގައިދާނެ އެވެ. ވަކި މީހަކު ވެރިކަމަށް ގެނައުމަށް ނުވަތަ ވަކި މީހަކު ނޫން ގޮތެއް ހޯދުމުގެ ވިސްނުން ދޫކޮށް ގައުމީ މައްސަލަތަކަށް ހައްލު ހޯދަން ވޯޓު ދިނުމުގެ ރޫހެއް އުފެދިގެން ދާނެ އެވެ. މިގޮތަށް ވިސްނުން ބަދަލުވެއްޖެ ނަމަ މީހުން ވޯޓުދޭނީ ގައުމެއް ހިންގުމުގައި އެމީހަކަށް ކަމުދާ ފިކުރު ގެންގުޅޭކަން ސާބިތުވާ ޕާޓީއަށެވެ. އެ ޕާޓީއަކުން ޕާޓީގެ ފަލްސަފާއާ ހިލާފަށް އަމަލުކޮށްފިނަމަ އެކަން ސާފުކޮށް ފެންނާން އޮންނާނެ އެވެ. އޭރަށް ސިޔާސީ ގިންތިކުރުމުގައި އެޕާޓީއެއް އޮތް ހިސާބަށް ބަދަލު އައި މަންޒަރު ވޯޓު ދިން މީހާއަށް ފެންނާން އޮންނާނެ އެވެ.
މިމަގަށް ކަންކަން ބަދަލުވުމުގައި ސިޔާސީ ޕާޓީތަކުން ބޮޑު ދައުރެއް އަދާކުރަންޖެހޭ ކަމަށް ދެކެމެވެ. ސިޔާސީ ޕާޓީއަކީ ވަކި މީހެއް ނޫންކަމާއި އެއީ ފިކުރުތަކެއްކަން ސާފުކޮށް ރައްޔިތުންނަށް ބުނެދޭންޖެހެ އެވެ. ސިޔާސީ މީހާއަށް ވުރެ، އޭނާގެ ސިޔާސީ ފިކުރުތަކަކީ ކޮބައިކަން ބުނެދިނުމުގެ މުހިންމުކަން ބޮޑުކަމަށް ޕާޓީތަކުން ދެކެންޖެހެ އެވެ. މިހާރު މިފަދަ ކެމްޕޭނެއް ފެށިއްޖެނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް ވެސް ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުމަކީ ނުވާނޭ ކަމެއް ނޫނެވެ.
ސިޔާސީ ކަނާތާއި ވައަތާއި މެދުގެ އޮޅުންބޮޅުމުގައި ޕާޓީގެ ރޮނގު ދެނެގަތުން ސިޔާސީ ކަނާތާއި ވައަތާއި މެދުގެ އޮޅުންބޮޅުމުގައި ޕާޓީގެ ރޮނގު ދެނެގަތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ