ބައޯމެޓްރިކްސް އަދާހަމަނުކުރާ 27،723 ބިދޭސިއެއް، މަސްދުވަހުގެ ތެރޭ އަދާހަމަނުކުރާ ނަމަ ޑީޕޯޓުކުރަނީ

މިވަގުތު ބައޯމެޓްރިކްސް އަދާހަމަނުކޮށް ތިބި 27،000 އަށް ވުރެ ގިނަ ބިދޭސީން، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ ބައޯމެޓްރިކްސް އަދާހަމަނުކުރާ ނަމަ ރާއްޖޭން ފުރުވާލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން މިރޭ ދީފިއެވެ. އެ މިނިސްޓްރީގެ އިއުލާނުގައި އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ވަޒީފާދޭ ފަރާތްތަކުގެ ގޮތުގައި އެކްސްޕެޓް ސިސްޓަމްގައި 3،942 ފަރާތެއް ރަޖިސްޓްރީކޮށް، އެ މީހުންގެ ދަށުގައި ތިބި ބިދޭސީންގެ ތެރެއިން 27،723 ބިދޭސިއަކު އަދިވެސް ބައޯމެޓްރިކްސް އަދާހަމަނުކޮށް އެބަތިއްބެވެ. މިނިސްޓްރީން ބުނީ، ބައޯމެޓްރިކްސް އަދާހަމަކުރުމުގެ ފަހު ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އިމާރާތުގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރުން ބައޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް، އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ފުރުވާލައި އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، އެ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތައް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ. "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ބިދޭސީންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގަން ފެށީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. މިދިޔަ މަހު 24ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެ ހަރަކާތުގެ ތެރެއިން 178،982 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އޭގެފަހުން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ، ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ގައުމީ އޮޕަރޭޝަނެއް ފަށާފައެވެ. ހަމަ އެހެންމެ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި، ގަވައިދާ ޚިލާފަށް އެތެރެވެ މަސައްކަތްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ފުލުސް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެފައިވެއެވެ. މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ