ކައިރިކައިރީގައި އެއާޕޯޓު އެޅުމުގައި ދުރު ވިސްނުމެއް ނެތް، ރައްޔިތުންނަށް ވާނީ ގެއްލުން: ފިރާގް

އެކި ސަރަހައްދުތަކުގައި ކައިރިކައިރީގައި އެއާޕޯޓުތައް ގާއިމްކުރުމުން ސަރުކާރަށް ގެއްލުންވެ، އާޚިރުގައި ގެއްލުންވާނީ ރައްޔިތުންނަށް ކަމަށާއި، މިއީ އެއްވެސް ދުރު ވިސްނުމެއް އޮވެގެން ސަރުކާރުން ކުރާ ކަމެއްނޫން ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުން ކަމަށްވާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮންނަކަން ކަށަވަރުކުރުމުގެ ރޭވުމެއް ގެންގުޅުނެވެ. އެ ސިޔާސަތުތަކާ ގުޅުވައި، އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ، ގިނަ އެއާޕޯޓުތައް މިހާރު ގާއިމްކުރަނީ އިގުތިސާދު ކުރިއެރުވުމަށް ވުރެ ބޮޑަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެގޮތުން، ވަކި ބޭފުޅުން އެކަމުގެ ނާޖާއިޒު މަންފާ ހޯދުމަށްޓަކައި ސަރުކާރުތަކަށް ޕްރެޝަރުކޮށްގެން އެއާޕޯޓު އަޅާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ފިރާގު ވިދާޅުވީ، ހަމައެކަނި ހަފުތާއަކު އެއް ދަތުރު ކުރާ އެއާޕޯޓުތައް ހުރިއިރު، އެއާޕޯޓުތައް ގާއިމްކުރުން ފަދަ ކަންކަން ރާވަންވާނީ އެކަމާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކޮށް، ސިޔާސީ ސިޔާސަތުތައް ކުރިއެރުވުމަށް ވުރެ ގައުމުގެ އިގުތިސާދީ ސިޔާސަތު ކުރިއަރުވަން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓު ފިޔަވައި، ފައިދާގައި ހިންގާ އެއާޕޯޓެއް ފެންނަން ނެތެވެ. ކޮންމެ އެއާޕޯޓެއް ގާއިމްކުރަން ތިން މިލިއަން ޑޮލަރާއި ހަތް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމާއި، އެއާޕޯޓުތައް ހިންގަން މުވައްޒަފުން ބޭނުންވާނެކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ، މިހާރު އޮންނަ ގޮތުން އިތުރު މުވައްޒަފުން ނަގައިގެން ނޫނީ އެއާޕޯޓުތައް ނުހިންގޭ ކަމަށެވެ. އެގޮތުން ސިޔާސީ ފަރާތްތައް ރުއްސުމަށްޓަކައި އިތުރު މުވައްޒަފުން ނަގަން މަޖުބޫރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ ގެއްލުން ހަމަ ވާނީ ސަރުކާރަށް، ސަރުކާރަށްވާ ގެއްލުމަކީ ރައްޔިތުންނަށްވެސް ވާ ގެއްލުން،" ފިރާގު ވިދާޅުވިއެވެ. "އަޅުގަނޑަކަށް ނުފެނޭ މިއީ ހަމަ އެއްވެސް ވިޝަންއެއް އޮވެގެން ކުރެވޭ ކަމެއް ކަމަކަށް، ވަކި ސިޔާސީ ބޭފުޅުންތަކެއްގެ ހިތްހަމަޖެހުމަކަށް، ނުވަތަ އެ ބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކުރެވޭ ކަހަލަ ކަންތައްތަކެއް މިއީ، ގެއްލުން ބޮޑެތި ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވިގެން މި ދަނީ." އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިކުރުމާ ގުޅޭގޮތުން ފިރާގު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު އައިލެންޑް އޭވިއޭޝަން ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ އުސޫލުތައް ދެނެގަނެ އެ ކުންފުނީގެ އުސޫލުތައް ބަދަލުކޮށްފިނަމަ ޓިކެޓުތައް އަގުހެޔޮކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެހެން ބޮޑު އޮފީހަކުން ޓިކެޓު ދޫކުރުން މުހިންމުނޫން ކަމަށާއި، އޮންލައިން ޕޯޓަލަކަށް ދޫކޮށްލުމުންވެސް އާންމުންނަށް ފަސޭހައިން ޓިކެޓު ގަނެވޭނެ ކަމަށެވެ. ތ. ވިލުފުށީގައި އެއާޕޯޓެއް އަޅަން ހަވާލުކުރުން: އެ ރަށުގައި އެއާޕޯޓެއް އަޅަނީ، ތިމަރަފުށީގައި ވެސް އެއާޕޯޓެއް އޮއްވައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ މިހާރު ހިންގާ ގޮތަށް އައިލެންޑް އޭވިއޭޝަން ހިންގާނަމަ ކުރިއަށް އޮތް 20 އަހަރުވެސް އެ ކުންފުނި ހިންގޭނީ ގެއްލުމުގައި ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި އެއާލައިނެއް ހިންގޭނީ ތަޖުރިބާހުރި މީހުން ލައިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅު މެދުދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ތ. ވިލުފުށީގައި އެއާޕޯޓެއް ގާއިމްކުރަން އެމްއޭސީއެލާ ހަވާލުކޮށް، މިދިޔަ މަހުގެ 24ވަނަ ދުވަހު އެ އެއާޕޯޓުގެ މަސައްކަތް ވަނީ ފަށައިފައެވެ. މިހާރުވެސް ތ. ތިމަރަފުށީގައި އެތެރޭގެ ދަތުރުފަތުރަށް އެއާޕޯޓެއްވެސް އޮވެއެވެ. އެކަމަކު އެ އެއާޕޯޓަށް އެހާ ޑިމާންޑު ބޮޑެއްވެސް ނޫނެވެ. މީގެ އިތުރުން ފ. މަގޫދޫގައި އެއާޕޯޓެއް ގާއިމްކޮށް، އެ ތަނުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު އެ އަތޮޅުގެ ނިލަންދޫގައިވެސް އެއާޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި އެއާޕޯޓުތައް ގިނަ ނަމަވެސް، އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިނުވުމަކީ އާންމުންގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ