ދޮގު ފަތުރައިގެން އިންތިހާބު ވަގަން ނަގަން އިދިކޮޅުން ދަނީ ރާވަމުން

ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުން ތުހުމަތުކޮށްފި އެވެ.ރައީސްގެ ސޯލިހްގެ ކެމްޕޭން ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ދޮގު ހަބަރުން ކެމްޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއް ނެތް ދޮގުތަކެއް ފަތުރަން އިދިކޮޅު ފަރާތްތަކުން އުޅޭ ކަމަށެވެ."ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓި ކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައިވާ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑި އަމަލެކެވެ.މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާވާއިގެން ހިންގާ ދޮގުތައް ފަތުރައިގެން ކުރާ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާަތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާ މެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ