އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު މަދަދުގާރު، އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ރާއްޖޭގެ މީޑިއާއަކަށް ބުނެފައިވަނީ، އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވަން ނިންމެވި ސަބަބަކީ، ޖިނާއީ ހުކުމެއްގައި ހުންނަވަނިކޮށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުންވަނީ މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނު ކެންޑިޑެސީ ފޯމު ހުށަހެޅުއްވިއިރު، އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަތީ ވެސް އެ ހުކުމާ ގުޅިގެންނެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގައި ގޭގައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް އެ މަހުގެ 28 ވަނަ ދުވަހު ލުއިތަކެއް ދީފައިވެއެވެ.
ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ރައީސް ޔާމީނަށް ދައުވަތުދީފައިވާއިރު، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބު ހާމަކުރައްވައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެއެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ 46 ގައުމަކުން މަންދޫބުން ވަޑައިގަންނަވާއިރު، ގައުމެއްގެ ރައީސެއްގެ ހައިސިއްޔަތުން ވަޑައިގަންނަވާނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ.
ހުކުރު ދުވަހުގެ ހަވީރު އޮންނަ މި ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ ގިނަ ގައުމުތަކަށް، އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ވަނީ ދައުވަތު ފޮނުއްވާފައެވެ.
ޖިނާއީ ކުށެއް ސާބިތުވެފައިވާތީ ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިނުވާނަން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ