އައްޑޫ ކައުންސިލް ދެ ތަޖުރިބާ ދަތުރަކަށް 1.2 މިލިއަން ޚަރަދުކުރި - އޮޑިޓް

އައްޑޫ ސިޓީ ކައުންސިލުން 2023 އަދި 2024 ވަނަ އަހަރު މެލޭޝިއާ އާއި ސިންގަޕޫރަށް ކުރި ދެ ތަޖުރިބާ ދަތުރަކަށް ޖުމުލަ 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތު ސަރކިއުލަރތަކާ ޚިލާފަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ނޮވެމްބަރު މަހު ކައުންސިލްގެ 8 މެންބަރުންނާއި 2 މުވައްޒަފުން ހިމެނޭހެން 10 ބޭފުޅަކު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި 8 ދުވަހުގެ ދަތުރަށް ކައުންސިލްގެ ބަޖެޓުން 515,101 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަތުރަށް ބޭރުގެ އެހީ ނުވަތަ ސްޕޮންސަރޝިޕް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި ދަތުރުގައި ބައިވެރިވި ފަރާތްތަކުން މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގައި ފުރިހަމަކުރި 'ކްރިއޭޓިވް ތިންކިންގ އެންޑް ޕްރޮބްލެމް ސޯލްވިންގ ސްކިލްސް' ޓްރެއިނިންގ އަކީ ދަތުރުގެ މައިގަނޑު މަގުސަދު ކަމަށްވާ އާބަން ޑިވެލޮޕްމަންޓާ ގުޅުންހުރި ކަމެއް ނޫން ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އަދި ސިންގަޕޫރުގައި ޒިޔާރަތްކުރި ގެލެރީތަކަކީވެސް ދަތުރުގެ މަގުސަދާ ސީދާ ގުޅުންހުރި ތަންތަން ނޫންކަން ވަނީ ފާހަގަކޮށްފައެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 9 މެންބަރުންނާއި، ކައުންސިލް މެންބަރަކާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 11 ބޭފުޅަކު ކުރި ދަތުރަށް 685,509 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަތުރުގައި ބައިވެރިވި ކައުންސިލް މެންބަރާއި ސެކްރެޓަރީ ޖެނެރަލް އަކީ އޭގެ ތިން މަސް ކުރިން ކުރި ދަތުރުގައިވެސް ބައިވެރިވި ދެ ފަރާތެވެ. މި ދެ ބޭފުޅުންނަށް އެކަނިވެސް 116,286 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދަތުރުތަކަށްފަހު ލިބުނު ތަޖުރިބާ އައްޑޫ ސިޓީގައި ތަންފީޒުކުރާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުވަތަ ލިޔުމެއް ކައުންސިލުން ބަލަހައްޓާފައެއް ނުވެއެވެ. މިއީ ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރތަކާ ޚިލާފު ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ރިޕޯޓްގައި ބުނެފައެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުންތަކާ އެއްގޮތަށް، ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން އަންގާފައިވެއެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން މި ދަތުރުތައް ކޮށްފައިވަނީ މި އިރުޝާދުތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ