ޓޮރޮންޓޯ، ކެނަޑާ (ޖޫން 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަމާ 1-0 އިން ބަލިކޮށް ކްރޮއޭޝިއާ އިން މި ފަހަރުގެ މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފި އެވެ.
އެންމެ ފަހުން ދެ ވޯލްޑް ކަޕްގެ ވެސް ގަދަ ހަތަރެއްގައި ހިމެނި ސެމީ ފައިނަލުގައި ކުޅުނު ކްރޮއޭޝިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް އަތުން 4-2 އިން ބަލިިވި އެވެ. އަދި، ގާނާ އިން ވަނީ ޕެނަމާ ކޮޅަށް ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ ތިން ވަަނަ މެޗުން ރޭ އިންގްލެންޑުން ވަނީ ގާނާއާ 0-0 އިން އެއްވަރުވެފަ އެވެ.
ގްރޫޕް އެލްގެ އެއް ވަނައިގައި އޮތް އިންގްލެންޑާއި ދެ ވަނައިގައި އޮތް ގާނާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޕެނަމާ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފަ އެެވެ.
ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އަވަސް ކުޅުމަކާ އެކު އެޓޭކަށް ޖެހިގެން ކުޅެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގޯލާ ސީދާކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ.
އެ ގޮތުން، މެޗުގެ 23 ވަނަ މިނިޓްގައި ޕެނަމާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ޕެނަމާގެ އާމިރު މުރީލޯ ނަގައިދިން ހުރަހަކުން ޖޯސޭ ލުއިސް ރޮޑްރިގޭޒް ބޮލުން ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު، ޑޮމިނިކް ލިވާކޮވިޗް އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން ވެސް ޕެނަމާ އިން އެޓޭކުގައި ރަނގަޅުތަންތަނަށް ބޯޅަ ގެންދިޔަ ނަމަވެސް ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
މި މެޗުގައި ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް، 41، ކުޅުނީ ގައުމީ ޓީމަށް 200 ވަނަ މެޗެވެ.
ކްރޮއޭޝިއާ އިން ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ މި ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެ ގޮތުން، އޭރިއާބޭރުން ކްރޮއޭޝިއާގެ ހުނަރުވެރި ވިންގް، މާޓިން ބަޓުރީނާ ފޮނުވާލި ބާރު ޝޮޓް ޕެނަމާގެ ކީޕަރު، އޯލަންޑޯ މޮސްކޭރާ ވަނީ މަތަކޮށްފަ އެވެ .
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ ކްރޮއޭޝިއާ އިން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެ ވަނަ ހާފުގައި ބަަދަލަކަށް ކުޅެން އެރި އަންޓޭ ބުޑިމީރް އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ ފުލްބެކްް، ޖޯސިޕް ސްޓަނިސިޗް ނެގި ހުރަހަށް އަަރައި ބުޑިމީރު ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ލަނޑު ޖެހިތާ އިރުކޮޅެއް ތެރޭ، ކްރޮއޭޝިއާގެ މާކޯ ޕަސަލިޗަށް މުޅިން ހުސްކޮށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
މެޗުގެ 67 ވަނަ މިނިޓްގައި ޕެނަމާގެ މުރީލޯ ގާތްގާތުގައި ފޮނުވާލި ދެ ބޯޅަ ވެސް ކީޕަރު ލިވާކޮވިޗް ވަނީ މަަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ޕެނަމާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ، ވޯލްޑް ކަޕްގައި އެ ޓީމުން ފުރަތަމަ ޕޮއިންޓު ހޯދަން ކުރާ މަސައްކަތް ދިގުލައިދިޔައީ އެވެ.
ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ކްރޮއޭޝިއާ އިން ކުޅޭނީ ގާނާއާ އެވެ. އަދި، ޕެނަމާ އިން އިންގްލެންޑާ ބައްދަލުކުރަނެ އެވެ.
ޕެނަމާ ބަލިކޮށް ކްރޮއޭޝިއާ އަށް ހިތްހަމަޖެހުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ