މެދުކެނޑުމެއްނެތި ފަސް އަހަރު ދިރިއުޅުމުން ނޫނީ ރަށްވެހިކަން ބަދަލުނުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ ރަށަކުން ބިމެއް، ގެއެއް ނުވަތަ ފުލެޓެއް މިލްކުވެފައިވާ ފަރާތްތަކަށް ރަށްވެހިކަން ހޯދޭނެ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު އަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުން ހުށަހެޅި މި ބިލް ސްޕޮންސަ ކުރައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހުރި ދަތިތައް ނައްތާލައި، މިޒަމާނުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތާ އެއްގޮތަށް ރަށްވެހިކަން ބަދަލުކުރުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މި ބިލުގައިވާ ގޮތުން ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފުލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާނަމަ، އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދުމުގެ އިހުތިޔާރު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތަށް އެފަދަ ހައްގަކާއި މިލްކުވެރިކަމެއް އޮތްކަން ރަސްމީ ލިޔެކިޔުންތަކުން ސާބިތުކޮށްދިނުމުން، އަދި އެ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއިން ކަށަވަރުކުރުމަށްފަހު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އާ ރަށެއްގައި ރަޖިސްޓަރީ ކުރެވުމާއެކު، ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓަރީން އެމީހަކު އުނިކުރެވޭނެ ކަމަށާއި، އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ރަށަށްވުރެ ގިނަ ރަށެއްގައި ރަޖިސްޓަރީވެފައެއް ނުހުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.
މި އިސްލާހާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭއިރު، އެ ގަވާއިދުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިޖުރާއާތުތަކުގެ އިތުރުން ބަލަދުވެރިކަމުގެ ދަށުގައިވާ ކުދިންގެ ރަށްވެހިކަން ބަދަލުކުރުމުގެ އުސޫލުތައް ބަޔާންކުރަންޖެހެ އެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
ފަސް އަހަރު މަޑުކުރަން ނުޖެހި ރަށްވެހިކަން ބަދަލު ކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ