ފިލްމު 'ބޭބީ ޑޫ ޑައި ޑޫ'ގައި ހުމާ ނުރައްކާތެރި ގާތިލަކަށް
މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ސިނަމާތަކަށް ގެންނަ, ބަތަލާ ހުމާ ގުރައިޝީގެ ފިލްމު "ބޭބީ ޑޫ ޑައި ޑޫ"ގެ ޓްރެއިލާ ދައްކާލައިފިއެވެ. މަޝްހޫރު ބަތަލާ މި ފިލްމުގައި ފެންނާނީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ، އަޑުނީވޭ އަދި ވާހަކަ ނުދެއްކޭ, ކޮންޓްރެކްޓަށް މީހުން މަރާ އަންހެނެއްގެ ރޯލްއިންނެވެ. ފިލްމުގެ ޓްރެއިލާއިން ވެސް ބަތަލާ ފެންނަނީ، ވަރަށް ހުށިޔާރުކަމާ އެކު މީހުން މެރުމުގެ އޮޕަރޭޝަންތައް ހިންގާ ގާތިލެއްގެ ގޮތުގައެވެ. ފިލްމުގެ ވާހަކަ މުޅިން އެހެން އަމާޒަކަށް ބަދަލުވަނީ ފިލްމުގައި ކުރިއަށްގެންދާ މިޝަނެއްގައި ދިމާވާ ކަންތައްތަކެއްގެ ސަބަބުން ބަތަލާގެ މާޒީއާ ކުރިމަތިލާންޖެހި، ސަލާމަތްވުމަށްޓަކައި އުނދަގޫ ނިންމުންތަކެއް ނިންމަން މަޖުބޫރުވުމުންނެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ސިކަންދަރު ކޭރު، ޗަންކީ ޕާންޑޭ، ރާހިތު ސިންގް، ސީމާ ޕަހްވާ، ހިމާންޝޫ މަލިކް އަދި ހުމާގެ މަންމަގެ ރޯލުން މަންގަލާ ކެންކްރޭ ފެންނާނެއެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ޖަސްމީތު ކޭ ރީން، ނާޗިކެތު ސަމަންތު އަދި ފަރުވޭޒް ޝެއިޚެވެ. ފިލްމު "ބޭބީ ޑޫ ޑައި ޑޫ"ގެ މަންޒަރެއްގައި ބަތަލާ ހުމާ ގުރައިޝީ--ފޮޓޯ/އެންޑީޓީވީ ހުމާގެ ކޮއްކޮ އަދި އެކްޓަރު ސާގިބް ސަލީމް ޕްރޮޑިއުސްކޮށްފައިވާ "ބޭބީ ޑޫ ޑައި ޑޫ" ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ. ހުމާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތައް ކަމަށްވާ "ބަޔާން"، "ޖޮލީ އެލްއެލްބީ 3" އަދި "ސިންގްލް ސަލްމާ"އިންނެވެ. މީގެއިތުރުން މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ދިއްލީ ކްރައިމް"ގެ ތިން ވަނަ ސީޒަންގެ ވެސް މުހިއްމު ރޯލަކުން ހުމާ ވަނީ ފެނިފައެވެ. ފިލްމު "ބޭބީ ޑޫ ޑައި ޑޫ"އަށްފަހު ހުމާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޯގަސްޓް މަހުގެ 26 ގައި ރިލީޒްކުރާ ކަންނާޑާ ފިލްމު "ޓޮކްސިކް"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ