ކިޑްސަލް 2026: އެލީޓް، ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި އެސްޕަޔާ ސެމީއަށް
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގެ ސެމީ ފައިނަލަށް އެލީޓް އެކެޑަމީ، ކުލަބު ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި އެސްޕަޔަރ އެކެޑަމީ ދަތުރުކޮށްފިއެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ. މި މުބާރާތުގެ ސެމީއަށް އެލީޓް ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ކްލަބް މޯލްޑިވްސް ކިޑްސަލް 2026 ގެ ކުއާޓާގައި އެޗްވައިއެސްސީ އާޢި އެލީޓް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މި މެޗުގައި އެލީޓުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝައިމަން އަޙްމަދު ރިޒާ، އާދު ބިން މުޙައްމަދު ނިޔާޒް އަދި ހުމާމް މުއާވިޔަތު ޝަކީބެވެ. މީގެ ތެރެއިން އާދު ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގައި އެޗްވައިއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމީސް ބިން އަބްދުލް ހަމީދު އަދި އިބްރާހީމް އަބާން އަޒްލިފެވެ. މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ވެލެންސިއާއިން ހޯދީ ކުއާޓާގައި ބިސް ބުރު ސްޕޯޓްސް އަތުން ފަހަތުން އަރައި 6-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ވެލެންސިއާގެ އިސްމާޢީލް އަޒްޔާން ޖަމާލް، އަލީ އަޒީން އާދިލް އަދި އިބްރާހީމް އިލްޔާސް ބިން ހަސަން، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ބިސް ބުރުގެ ލަނޑުތައް އިބްރާހީމް މިރުޝާން އަދި މުޙައްމަދު ޝައިލް ސޮލާހު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑަކީ ވެލެންސިއާގެ އަޒްޔާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކްލަބް މޯލްޑިވްސް ކިޑްސަލް 2026 ގެ ކުއާޓާގައި ބިސްބުރު ސްޕޯޓްސްއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މި މުބާރާތުގެ ސެމީއަށް ނިއު ރޭޑިއަންޓް ދަތުރުކޮށްފައިވަނީ ކުއާޓާގައި ބީޖީ ސްޕޯޓްސް އަތުން 7-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ރާއިޝް ރަމީޒް، މުޙައްމަދު ޔަމަކް ނަޝީދު އަދި މުޙައްމަދު އަޒުހާން އަލީ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ ބީޖީގެ ޝާއިން މުޙައްމަދު ސިނާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި މެޗުގައި ބީޖީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނޫހު އިޚްލާސް ސަލްމާމް އަދި މިކްޔާލް އަބްދުލް މަޖީދެވެ. ކްލަބް މޯލްޑިވްސް ކިޑްސަލް 2026 ގެ ކުއާޓާގައި ނިއު ރޭޑިއަންޓާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް އެސްޕަޔަރ ދަތުރުކޮށްފައިވަނީ ކުއާޓާގައި ވިލިމާލެ ޔުނައިޓެޑް އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެސްޕަޔަރގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އައްމާރު ބިން ނަވާޒް، އަޙްމަދު އާހިލް ހުސައިން އަދި ޔަލްސަން ބިން ހިސާނެވެ. މި މުބާރާތުގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. ފުރަތަމަ ސެމީގައި އެރޭ 20:15 ގައި ބައްދަލުކުރާނީ އެލީޓް އެކަޑަމީއާއި ނިއު ރޭޑިއަންޓްގެ އިތުރުން ވެލެންސިއާ އަދި އެސްޕަޔާ އެކަޑަމީއެވެ. މި ދެ މެޗުވެސް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ