ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ޒުވާނުން އޭގައި ހިފިޔަ ނުދިނުމަށް: މުސްތަފާ

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ސިނގިރޭޓުގެ އަގު ބޮޑުކުރަން ނިންމީ ވޭޕް ބޭނުންކުރާ ޒުވާނުން އޭގެ ބަދަލުގައި ސިނގިރޭޓަށް ހިފިޔަ ނުދިނުމަށް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މި ބަހުސްގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއް ކަމަށެވެ. ސްކޫލް ކުދިންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވެ، އޭގެ ތެރެއަށް އެކި ކަހަލަ މަސްތުވާތަކެތި އެއްކުރާކަން ފާހަގަކުރެވުމުން ވޭޕް މަނާކުރަން ނިންމި ނިންމުމާއެކު، ޒުވާނުން ސިނގިރޭޓަށް ބަދަލުވެދާނެތީ އެކަމަށް ފިޔަވަޅު އެޅި ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭޕް މަނާކުރުމަށްފަހު ކުރެވުނު ދިރާސާތަކުން ދައްކަނީ ޒުވާނުން ސިނގިރޭޓަށް ބަދަލުނުވާ ކަމަށެވެ. އަދި ސިނގިރޭޓުގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވާ ކަމަށާއި، ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާ 'ޖެނެރޭޝަނަލް ބޭން' ތައާރަފްކުރުމުން މިހާރު ޑިއުޓީ ކުޑަކުރަން އެކަށީގެންވާ މާހައުލެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެންގެ ދިރާސާތަކުން ދައްކަނީ އެ ބަދަލު ނާަންނަކަން. އެހެންކަމުން މިހާރު ޑިއުޓީ އަލުން ކުޑަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ،" މުސްތަފާ ވިދާޅުވިއެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވަނީ ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން ނަގާ ޑިއުޓީ ކޮންމެ ޔުނިޓަކުން 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ނިކޮޓިން ގަމާއި ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީވެސް ކުޑަކުރުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ