ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުުހުންދީފި އެވެ.މީރާގެ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި މަހު 2 ވަނަ ދުވަހު އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއަދު ޒަރީރަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.ފާހަގަކުރެވޭ ގޮތުގައި މިއަދުގެ ޖަލްސާއިން އެމްޑީޕީގެ ނުވަ މެންބަރަކު ބޭރުކޮށްލައިފައިވާތީ ވޯޓުލުން ކުރިއަށް ގެންދިޔައީ އެ މެންބަރުންނާ ނުލަ އެވެ.ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ހާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.ގައުމީ ބޭންކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ޒަރީރު ވަނީ 2،000 ވަނަ އަހަރުން ފެށިގެން ޓެކުހާއި އޮޑިޓާ ގުޅޭ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމާއި ޓެކްސް ކޮމިޝަނަރުކަންވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ