މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ގައި ރާއްޖޭގައި ހަރަކާތްތެރިވާ މާލީ ދާއިރާގެ ހުރިހާ
މުއައްސަސާތަކެއްގެ މަސައްކަތްތަކުގެ މައުލޫމާތު އެއްތަނަކުން ފެންނާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.
އަންނަ މަހުގެ 2-4 އަށް ކުރިއަށްދާ މި އެކްސްޕޯ އޮންނާނީ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ.
އެމްއެމްއޭއިން ބުނީ އެ އެކްސްޕޯ އިން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ
ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އާންމުން ގުޅުވައިދީ،
މާލީ ހޭލުންތެރިކަމާއި އާ އީޖާދުތައް ފެންނާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އެކްސްޕޯގެ މަގްސަދަކީ މާލީ
ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ހިދުމަތްތައް އެންމެންނަށް
ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ މާލީ މުސްތަގުބަލު
ބައްޓަންކުރަމުން އަންނަ އާ އީޖާދުތަކާއި ހިދުމަތްތައް ދައްކާލުން ކަމަށެވެ.
މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދެމެހެއްޓެނިވި
މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި
ފަންނީ ހުނަރު" އެވެ. އެ އެކްސްޕޯގައި ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ދޫކުރާ އިދާރާތަކާއި މާލީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދައުލަތުގެ އިދާރާތައް ބައިވެރިވާނެ އެވެ.
އެކްސްޕޯއިން އެ އިދާރާތަކުގެ ފަރާތްތަކާ ސީދާ ބައްދަލުކޮށް، ހިދުމަތްތައް އަޅާކިޔައި، އާ ހިދުމަތްތަކާއި އުފެއްދުންތަކާ ގުޅޭ މައުލޫމާތުތައް ހޯދޭނެ އެވެ.
އެކްސްޕޯގެ ސްޓޯލްތަކުގެ އިތުރުން މާލީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ އެވެ. އެ ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުުރު ކުރުމާއި މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާ ކުރާކުރެވޭނެ އެވެ.
އެކްސްޕޯގައި ކާބޯތަކެތީގެ ސްޓޯލްތަކާ އެކު ފުޑް ފެސްޓިވަލެއް ވެސް އޮންނާނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް އޮންނާނެ އެވެ. އަދި ޖުލައި 3 ވަނަ ދުވަހުގެ ރޭ ހަވާ އެރުވުމުގެ ހަރަކާތެއް ވެސް އޮންނާނެ އެވެ.
ފައިނޭންޝަލް އެކްސްޕޯ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބާއްވަފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވި އެ އެކްސްޕޯއަށް 8،500 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ: މާލީ އިދާރާތަކުގެ މައުލޫމާތު އެއްތާކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ