ވައްކަމަށް ނޫނެކޭ ބުނެ ގެނައި ސަރުކާރުން ހެޔޮ ވެރިކަމެއް ގާއިމް ކުރާނެ: އަބްދުއްރަހީމް

ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ ރައްޔިތުން ގެނައި ސަރުކާރުން ހެޔޮވެރިކަމެއް ގާއިމް ކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދުންފަތުން ޑިއުޓީ ބޮޑުކުރުމުގެ ފަހަތުގައި އޮތީ ވައްކަން ކަމަށް ތުހުމަތުކުރައްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަފުޅަށްފަހު އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނަށް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ކަމަށާއި ނަމަވެސް ވައްކަން ކުރި ސަރުކާރުތަކާ މެދު ރައްޔިތުން އަމަލުކުރިކޮށް މާޒީގައި ފެނިފައިވާ ކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ، މަޖިލީހުގެ ރިޔާސަތުން އާއްމުކޮށް މެމްބަރުންގެ ބަހުސްގެ ތެރެއަށް ވަންނަ މަޖިލީހެއް ނޫނެވެ. އެހެންނަމެވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދެފަހަރެއްގެ މަތިން މެމްބަރުންގެ ބަހުސްގެ ތެރެއަށް ވަންނަވައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދެއްކެވި ވާހަކަފުޅުތަކަށް ރައދު ދެއްވައިފައެވެ.
އެގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ "ރަބަ ސްޓޭމްޕް މަޖިލީހަކަށް" ބަދަލުވަމުންދާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށްވެސް އަބްދުއްރަހީމް ވަނީ ރައްދުދެއްވައިފައެވެ. އެވާހަކައަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، މެންބަރު މީކާއީލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެއް ކަމަށާއި އެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރަބަރު ސްޓޭމްޕްގެ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ