މަޖިލީހުގެ ކޮމިޓީތަކުން ސޯބެއަށް ޖާގަނުދޭތީ އިހުތިޖާޖު ކުރުމުން އެމްޑީޕީ މެންބަރުންގެ ނަން އިއްވައި ތަޅުމުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުالله ސޯދިގު (ސޯބެ) އަށް ކޮމިޓީތަކުން ޖާގަނުދޭތީ އިހުތިޖާޖު ކުރުމުން އޭނާ ނިސްބަތްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ. 
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ސޯބެއަށް ކޮމެޓީއިން ލިބެން ޖެހޭ ޖާގަ ދިނުން ލަސްކޮށް ހަމައެއް ނެތް އުސޫލަކުން އެ ކަން ކަނޑައަޅަން ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިސްވެ ހުންނަވައި މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދެވި އެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.
"މަޖިލީހުގެ ގަވާއިދު ބުނަނީ ދެ ކޮމިޓީން ޖާގަ ދޭން ޖެހޭނެ ކަމަށް، އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާން ނުޖެހޭ، ދެ ކޮމިޓީން އޮންނާނީ ޖާގަ ދީފައި،" މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ. 
އެއަށްފަހު ނާޒިލްގެ ނަން އަބްދުއްރަހީމް އިއްވެވި އެވެ. އަދި ފުލުފުލުގައި އެމްޑީޕީގެ މެންބަރުންގެ ނަންތައް އިއްވައި ތަޅުމުން ނުކުތަމަށް އެންގެވި އެވެ. ޖުމުލަ ނުވަ މެންބަރެއްގެ ނަން އަބްދުއްރަހީމް އިއްވެވި އެވެ.
އެހެންވެ މިއަދު މަޖިލީހުގައި ނެގި ވޯޓުތަކުގައި އެމްޑީޕީން ބައިވެރި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ