ސިނގިރޭޓުގެ އަގު ކުޑަކުރަން ސަރުކާރުން ނިންމީ އެތައް ބަޔަކަށް ގެއްލުންވާ ގޮތަށް އަމަލުކުރުމަށްފަހު، މިއީ ލަދުވެތި ދުވަހެއް: މީކާއީލް

އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް އަމަލުކުރުމަށްފަހު، ސިޔާސަތު ބަދަލުކުރަން ސަރުކާރަށް މިއަދު މަޖުބޫރުވެއްޖެ ކަމަށް ވިދާޅުވެ، މިއަދަކީ ވަރަށް ލަދުވެތި ދުވަހެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ސިފަކުރައްވައިފިއެވެ. މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ދެގުނަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަހުސް ފަށައިފައެވެ. އެ ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވަނީ، ދުންފަތުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ނޮވެންބަރު 2024ގައި ބޮޑުކުރަން ނިންމައި، އެ ނިންމުން ބަދަލުކުރަން މި ހަފުތާގައި މަޖިލީހަށް ހުށަހެޅިއިރު، އޭރު އެކަމާ ދެކޮޅަށް މެންބަރުން ކުރެއްވި ބަހުސަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އިގުތިޞާދީ ގޮތުން ވިޔަފާރިތަކަށް ގެއްލުންވެ، އެތައް އާއިލާއެއް ރޫޅި، ނަފުސާނީގޮތުން އެތައް ބަޔަކަށް އަސަރުކުރި ކަމަށް މީކާއީލް ވިދާޅުވިއެވެ. "މިއީ އިޔާދަނުކުރެވޭނެ ގެއްލުން، ގައުމެއްގެ ސަރުކާރަކުން ރައީސުލްޖުމްހޫރިއްޔާ އެއް ގައުމެއްގެ ކެބިނެޓެއް، އިއްޒަތްތެރި ރައީސް، ހަމަ އެއް ދުވަހު މެންދުރު ނިންމެވީ މިއަދު ދުންފަތުގެ އަގު ބޮޑުކޮށްލަންވީއޭ،" އޭނާ ވިދާޅުވިއެވެ. މީކާއީލް ވިދާޅުވީ، މިއީ އެންމެ ދުވަހެއްގެ ތެރޭ ބޮޑު މައްސަލައަކަށް ބަހުސްކޮށް ސިޔާސަތުތައް ކަނޑައެޅުމުގެ ސަބަބުން ނިކުތް ނަތީޖާ ކަމަށެވެ. ސިނގިރޭޓު ފޮށިތަކެއް --- ސަން ފޮޓޯ/ މާނިއު މުހައްމަދު "މިއަދަކީ ލަދުވެތި ދުވަހެއް، ދިވެހީންގެ ތެރެއިން ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާނެ ގޮތަށް ސަރުކާރަކުން އަމަލުކުރައްވައިފައި އެ ސަރުކާރަށް ޖެހުނީ މިކަން ބަދަލުކުރަން،" މީކާއީލް ވިދާޅުވިއެވެ. މި ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތް ނުކުރާ ކަމަށާއި، ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް ފާސްކުރަނީ "ރަބަރު ސްޓޭމްޕް" ޖަހާ އުސޫލުން ކަމަށް ވިދާޅުވެ، މީކާއީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި، ސިނގިރޭޓަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުކުރުމަށްފަހު، ހަތަރު ރުފިޔާއަށް ކުޑަ ކުރަން ސަރުކާރުން ހުށަހެޅީ ހޯމަ ދުވަހެވެ. މި ނިންމުމާއެކު ކަންބޮޑުވުންތަކާއެކު ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތައް ނައްތާލަނީ ---- ސަން ފޮޓޯ/ މާނިއު މުހައްމަދު ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ. ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުންވެސް ބުނެފައިވެއެވެ. ނަމަވެސް މަދުވި ފައިސާއަށް ވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެ ސަރުކާރުން އެ ފިޔަވަޅު ދިފާއުކޮށްފައިވެއެވެ. އެފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން, އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ޑަބްލިޔުއެޗްއޯއިން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ