ޕާކިސްތާނުގެ ބަލޯޗިސްތާން ޕްރޮވިންސްގައި ގަސްތުގައި މީހުން ގެއްލުވާލުމާ ދެކޮޅަށް މަސައްކަތް ކުރާ އިސް އެކްޓިވިސްޓަކު އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.
އޭނާ އާއި އިތުރު އެކްޓިވިސްޓަކަށް ހުކުމް ކުރީ 2024 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގެ ތެރޭގައި ސިފައިންގެ މީހަކު މަރާލި މައްސަލައިގަ އެވެ.
ބަލޯޗިސްތާން ޔުނިޓީ ކޮމިޓީ (ބީވައިސީ) ގެ ލީޑަރު މާހްރަންގް ބަލޯޗް އާއި އެހެން އެކްޓިވިސްޓެއް ކަމަށްވާ ސިބްގަތުﷲ ގެ މައްޗަށް މީހަކު މެރުމާއި ޓެރަރިޒަމްގެ ކުށް ވަނީ ސާބިތުވެފަ އެވެ.
ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، މި ދެ މީހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ، ސިފައިންގެ މީހެއް ކަމަށްވާ ޝައްބީރު އަހުމަދަށް ހަމަލާދީ އޭނާ މަރާލުމަށް މަގުފަހިކޮށްދީފަ އެވެ.
ނަމަވެސް އެ މީހުންގެ ގާނޫނީ ޓީމުން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ސަލާމަތީ ބާރުތަކުގެ އޮފިޝަލަކު ތުހުމަތުކުރި ގޮތުގައި، ގްވާދަރުގައި ބޭއްވި މުޒާހަރާގައި މާހްރަންގް ބަލޯޗް ވަނީ "ވަރަށް ބޮޑަށް ފިތުނަ އުފެދޭ ފަދަ ތަގުރީރެއް" ދީފަ އެވެ. އަދި އޭގެ ސަބަބުން 30 އާއި 40 އާ ދެމެދުގެ އަދަދެއްގެ މީހުން ނުކުމެ، ސިފައިންގެ އުޅަނދަކަށް ގަލާއި ދަނޑިބުރިން ހަމަލާދީފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ އޮފިޝަލް އިތުރަށް ބުނި ގޮތުގައި، ޝައްބީރު އަހުމަދު އެހެން ސިފައިންނާ ވަކިވި ވަގުތު ބަޔަކު އޭނާގެ ގައިގައި ތަޅައި މަރާލީ އެވެ.
ކުއެޓާގެ އެންޓި-ޓެރަރިޒަމް ކޯޓުން ބުނީ، މާހްރަންގް ބަލޯޗް އާއި ސިބްގަތުﷲ އަކީ ބަލޯޗް ޔުނިޓީ ކޮމިޓީން ބޭއްވި ޣައިރު ގާނޫނީ އެއްވުމުގައި އިސްކޮށް އުޅުނު ދެ މީހުން ކަމަށާއި، ފެޑަރަލް ކޮންސްޓެބިއުލަރީގެ އޮފިޝަލް މަރާލުމުގައި އެ ދެ މީހުންގެ މަގްސަދު އެއްގޮތް ކަމަށެވެ.
އެ ކޯޓުން ވަނީ އެ ދެ މީހުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް، މަރުވި ޝައްބީރު އަހުމަދުގެ ވާރިސުންނަށް ބަދަލުގެ ގޮތުގައި 200,000 ޕާކިސްތާން ރުޕީސް (719 އެމެރިކާ ޑޮލަރު) ދެއްކުމަށް އަމުރުކޮށްފަ އެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ތަފާތު އެކި ދައުވާތަކާ ގުޅިގެން މާހްރަންގް ބަލޯޗް އާއި ސިބްގަތުﷲ މިހާރު ވެސް ޖަލުގައި ތިބޭތާ ދެ އަހަރު ވެއްޖެ އެވެ.
ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މި ހުކުމް ވަގުތުން މުރާޖައާ ކުރުމަށް ގޮވާލާފަ އެވެ.
މާހްރަންގް ބަލޯޗްގެ ކޮއްކޮ، ގާނޫނީ ވަކީލު ނާދިއާ ބަލޯޗް އާއި އެކްޓިވިސްޓުންގެ ގާނޫނީ ޓީމުން ބުނީ، މި މައްސަލައިގައި އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު އެ މީހުންނަށް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން އެ ހުކުމް ގަބޫލުނުކުރާ ކަމަށެވެ.
މާހްރަންގް ބަލޯޗް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަން ފެށީ 2009 ވަނަ އަހަރު ސަލާމަތީ ބާރުތަކުން އޭނާގެ ބައްޕަ ވަގަށް ގެންދިޔަ ކަމަށް ބުނާ ހާދިސާއަށް ފަހުގަ އެވެ. އޭގެ ދެ އަހަރު ފަހުން އޭނާގެ ބައްޕަގެ ހަށިގަނޑު ފެނުނުއިރު، އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، 2023 ވަނަ އަހަރުގެ ފަހުކޮޅު މާހްރަންގް ބަލޯޗް ވަނީ އެތައް ސަތޭކަ އަންހެނުންނާއެކު ވެރިރަށް އިސްލާމްއާބާދަށް 1,000 މޭލު ހިނގާފައި ގޮސްފަ އެވެ.
ސިފައިންގެ މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެ، ޕާކިސްތާން އެކްޓިވިސްޓަކު އުމުރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ