ވޯލްޑްކަޕް ވޯލްޑްކަޕް އުނދަގޫ މޮޅަކާއެކު ކޮލަމްބިއާ ދެވަނަ ބުރަށް

މެކްސިކޯގެ ގްއަޑަލަޖާރާގައި ކުޅުނު ފޯރިގަދަ މެޗުގައި، ކޮންގޯއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ މޮޅުވެ، ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއެވެ.
މި މެޗަކީ ކޮލަމްބިއާ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ނުހަނު މުހިންމު މެޗަކަށްވި އިރު، މުޅި މެޗުގައިވެސް ކޮލަމްބިއާ އިން ވަނީ ކޮންގޯގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް، ކޮންގޯގެ ގޯލްކީޕަރު ލިއޮނަލް އެމްޕާސީގެ ފަރާތުން ފެނިގެންދިޔަ މޮޅު ސޭވްތަކާއި ހިތްވަރުގަދަ ޑިފެންސިވް ކުޅުމުގެ ސަބަބުން މެޗުގެ ބޮޑު ބައެއް ހޭދަވެގެންދިޔައީ ގޯލެއް ނުޖެހިއެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ޑެނިއަލް މުނިއޯޒް ވަނީ ބާރު ހަމަލާއަކުން ކޮންގޯގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ މުޅި މެޗުގައި ކޮލަމްބިއާ އިން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
މި މޮޅާއެކު ކޮލަމްބިއާ އިން ”ގްރޫޕް ކޭ“ ގެ އެއްވަނަ މަގާމު ހޯދައި، ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރިއެވެ. ގްރޫޕުގެ ފަހު މެޗުގައި ކޮލަމްބިއާ ނުކުންނަން ޖެހޭނީ ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތް ޕޯޗުގަލާ ދެކޮޅަށެވެ.
މެޗުން ބަލި ނަމަވެސް، ކޮންގޯއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި އުޒްބެކިސްތާން ބަލިކޮށް، އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އެ މެޗުން މޮޅުވެ، ކޮލަމްބިއާ އަތުން ޕޯޗުގަލް ބަލިވެއްޖެނަމަ، ކޮންގޯއަށް ގްރޫޕު ދެވަނަ މަގާމު ލިބުމުގެ ފުރުސަތު ވެސް ބޮޑުވާނެއެވެ. ކޮންގޯ އަކީ ފުރަތަމަ މެޗުގައި ޕޯޗުގަލް ހިފަހައްޓައި، އެޓީމު ބޮޑު ޕްރެޝަރަކަށް ވައްޓާލި ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ