ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ. 
އެ ޕާޓީން މިއަދު ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގައި އެ ގައުމުގެ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންނާއި ޔޫކޭ ބާ ކައުންސިލްއާ ނަޝީދު ބައްދަލުކުރައްވާނެ އެވެ. 
މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ޕާޓީ ތަމްސީލުކުރެއްވުމަށް ނަޝީދު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ. 
އެމްޑީޕީ އާއި ކޮންޒަވޭޓިވް ޕާޓީއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. އެ ޕާޓީގެ ކޮންފަރެންސްތަކުގައި އެމްޑީޕީގެ މަންދޫބުން މީގެކުރިން ވެސް ބައިވެރިވެފައިވެ އެވެ. އެމްޑީޕީއަށް އެކި ބާވަތުގެ ފަންނީ ލަފާ ކޮންޒަވޭޓިވް ޕާޓީން ފޯރުކޮށްދެ އެވެ. 
އިނގިރޭސި ސިޔާސީ މަޝްރަހުގައި ކޮންޒަވޭޓިވް ޕާޓީގެ ނުފޫޒު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ. އެ ޕާޓީގެ ސަޕޯޓަރުންގެ ބޭސްގެ ބޮޑު ބައެއް މިހާރު ތާއިދުކުރަނީ ނައިޖެލް ފަރާޖުގެ ރިފޯމް ޔޫކޭ ޕާޓީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ