ބަނަފުސާ 10
"ދުނިޔޭގެ ބާރާއި މުދާތަކާއި ނިއުމަތްތަކުގެ ފަހަތުން ދުވަން ހަދައިގެން އާޚިރަތް ނަގާލާކަށް ނުވާނެއވެެ. ބައެއްމީހުން ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭއިރު އަނެއް ބަކަު އުޅެނީ އެކަމާއިހެދި ހަސަދަވެރިވެގެންނެވެ. މިހުރިހާކަމަކުން އެއްކިބާވެ ތިބާގެ ނަފުސް ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ." *** އެމިލީ އަދަލްގެ އަތަށް ޕާރުސަލެއް ދިއްކޮށްލުމުން އަދަލް އަތުލިއެވެ. "ޒިމް އިންޒާރުދީފައިވަނިކޮށް އެމް ތި އަންނަނީ؟" "ހެހެ...ކިއްކުރާނީ ދޯ..ޒިމްވެސް ރުޅިގަދަކަމުންގޮސް....ބުނެބަލަ.ސީރިޔަސްކޮށް ސިދްރާ.............." "ޝްޝްޝް..."އަދަލް ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. *** ސަރަފީނާ ހިތްދަތިވެގެންގޮސް އެނދުން ތެދުވާނެ ވަރެއްނެތި "ޑިޕްރެޝަން"އަށް ދާން ފަށައިިފިއެވެ. އޭނަގެ ފިރިހެންދަރިފުޅުގެ ނިކަމެތިކަމާއި ތައުލީމެއް ނެތުމާއެކު އިންނާނެ މީހަކުވެސް ނުވެގެން އަދި ގެ ބޮލަށް ވެއްޓޭއިރުވެސް ދޮރުގެ ތަޅެއް ބަދަލުކުރާނެ ފެންވަރުވެސް އަނދާފައިވާ ބޮކި ބަދަލުކުރާނެ ވަރު ނެތިގެން އެކަމާއި ހިތާމަކުރެވެނީއެވެ. ވަށައިގެން މާޔޫސްކަމާއި އަނދިރިކަމުގެ ހިޔަނި ނޫން އެއްޗެއް ނުފެނެއެވެ. ކުރިމަގު އެއްކޮށް ބަނަވެފައެވެ. އަދަލް ޒިންމާއިން ރެކެންވެގެން ބުނާނީ އިންސާނުން މިއަށްވުރެ ދަތި ހާލުގައިި އުޅޭކަމުގައެވެ. އަދަލް އޭނައަށް ދައްކާނީ ފަލަސްތީނާއި ސޫރިޔާ އަދި އަފްގާނިސްތާނުންފަދަ ގައުމުތަކުގައި މުސްލިމުން ޚާއްސަކޮށް ޅަ ދަރިން ގެދޮރު ގެއްލި ބަނޑަށް މަރުވެ ދަތި ހާލުގައި އުޅޭއިރުވެސް އީމާންތެރިކަމާއި ހިތްވަރުގަދަަކަމުގެ ވާހަކައެވެ. އެމީހުންގެ ތެރޭ އަމިއްލައަށް މަރުވުންފަދަ ކަންތައް މަދުކަމެވެ. ދުނިޔެއަކީ ކުރު ދުވަސްކޮޅެއްކަމާއި ނިކަމެތިކަމުގައި އުޅުމުން ހިތްތިރިވާކަމަށެވެ. ސަރަފީނާގެ ސިކުނޑީގައި އޮތީ ކުޑައިރުއްސުރެ އޮންނަ ވާދަވެރިކަމެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާގެ ދަރިއަށް ދުނިޔެއިން ބާރާއި މަގާމުތަކާއި ނިއުމަތް ހޯދާދިނުމެވެ. ހިދާޔަތް ލިބިފައިވާ ސޯލިހު ތަގުވާވެރި ދަރިއަކަށްވުރެ ދުނިޔޭގެ އިއްޒަތް މުހިއްމުވަނީއެވެ. ކަރުނަތައް ހިންދައިލެވުނީ އަދަލްގެ ވާހަކަތައް ހަނދާންވާން ފެށުމުންނެވެ. އަދަލް ބުނާހެން ރިޒުގު ބައްސަވަނީ ވަކި ފަރާތަކުންނެވެ. އެކި މީހުންނަށް އެކިވަރަށެވެ. އެކަމާއިމެދު ހަސަދަލައިގެން ތިބެން މިއީ ދާއިމީ ތަނެއްނޫނެވެ. ކޮންމެ ދުވަހަކުހެން ބިމުގެ ދާނުގައި އަބަދަށްޓަކާ ނިދައިލަނީ އެކި އުމުރުގެ މީހުންނެވެ. މިހާ ކުރު ދުވަސްކޮޅެއްގެ މަންޒިލަކާއިހެދި އުޅުމަށްވުރެ ހެއްދެވި ފަރާތުން އަންގަވާފައިވާގޮތަށް އުޅުން ބައްޓަންކުރަން މަސައްކަތްކުރަންވީއެވެ. އޭނަ ގެ ހިތަށް ވެރިވެފައިވާ ލޮޑުކަމާއި ބުރަހެލިކަމާއެކުގައިވެސް ގަދަކަމުން ތެދުވެގެންގޮސް ވުޟޫކޮށްލައިގެން ނަމާދަށްފަހު ދުޢާކުރަންފެށިއެވެ. ނަފުސް މަޑުމޮޅިވެ ހިތަށް އަރާމެއް ލިބުނެވެ. *** ސިދްރާ އަދަލްއަށް ވިސްނައިދިނީ މައިންބަފައިންގެ އުފާތަކައި ހުވަފެންތައް ފުރިހަމަކޮށްދިނުމުގެ މުހިއްމުކަމެވެ. ކޮންމެވެސް ވަޒީފާއަކަށްގޮސްގެން އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ އާ ދަތުރެއް ފެށުމަށެވެ. މަސައްކަތާއި އަޒުމްއާއެކު ކުރިއަށްދިޔުމަށް ދީންވެސް ބާރު އަޅައެވެ. އެވާހަކަދެއްކި ތަނާ ދެވަނައަށްވީ ދުވަހު އަދަލްއާއެކު ރާޅާ އަޅާ ދާ ޒުވާނެއްގެ ބޭބެއެއްގެެ ރެސްޓޯރެންޓަކުން އޯޑަރު ގެންގޮސްދިނުމުގެ ވަޒީފާ ލިބުނެވެ. އޭނަ މަސައްކަތްފެށީ މުސާރަ އެއްކޮށް މަންމަގެ އަތަށް ދޭން ހިތާއިހިތުން ވައުދުވެގެން ހުރެއެވެ. ބޭންކު އެކައުންޓެއްވެސް ހުޅުވިއެވެ. އެމިލީގެ ބައްޕަ ދިން ފައިސާ އަދިވެސް އޭނަ ހުންނަނީ އަލަމާރީގެ ވައްގަނޑެއްގައި ފޮރުވާފައެވެ. އެ ނޫޓުބޮނޑިތަކުން ވިޔަފާރިއެއް ފަށާފައި ފަހުން ބަދަލުދޭން ވިސްނާފައިވެސް އޭނަގެ ޚިޔާލު އަރައިރުންވެދެއެވެ. އަޒާލީމެންނަށް އަދަލް ވަޒީފާއަށް ދާކަން އެނގުމުން މަޖާވިއެވެ. ކިޔަވައިގެން ނެތުމުން އެހާ މޮޅު ވަޒީފާއެއް ނުލިބޭނެ ނޫންހެއްޔެވެ؟ ޑެލިވަރީ ބޯއިއެއްގެ މަގާމު ހައްގެވެ. ނޯޔާ އެނބުރިއައިތަނާހެން ފިރިމީހާވެސް ރިޒޯޓަށް އަނބުރާ ދިޔައީއެވެ. ނޯޔާ އަޒާލީ އަދި ހީރާގެ މަޖާގަނޑު އަނެއްކާ ފެށުނެވެ. އަތިރިމަތިން ފެށިގެން ރެސްޓޯރެންޓްތަކާއި ޕާޓީތަކުންވެސް އެ މޫނު ފެނުން އާއްމުވިއެވެ. އެހެން އުޅެމުންގޮސް ނޯޔާ މެން އަދަަލް އުޅޭ ރެސްޓޯރެންޓުން ޕިއްޒާއަކަށް އޯޑަރުކޮށްގެން އޭނަގެ އިންތިޒާރުގައި ތިބީ އެގޭ ދޮރާށި ކައިރީގައެވެ. އަދަލް ފެނުމާއެކު ނޯޔާ ތުއިކޮށް ހީލިއެވެ. "ގަންޖާ ބޯއި ދޯ..." އަދަލް ހިނިތުންވެލިއެވެ. އަޖައިބެކެވެ. ކޮންމެފަދަ އެއްޗެއް ކިޔަސް މީނަގެ ހިތަށް އުދަގޫނުވާ ސަބަބަކީ ކޮބާހެއްޔެވެ؟ ނޯޔާއަށް އަނގަ ހަދައިލެވުނެވެ. އަދަލް ރުޅިއަރުވައިލަން އަދި ސަމާލުކަން ކުރި މަސައްކަތް ފެނަށްވުމުން ނޯޔާއަށް ޝޮކެއްލިބުނެވެ. ފައުންޑޭޝަނާއި އެއްޗެހި އުނގުޅައިގެން އެންމެ ރީތި ހެދުން ލައިގެން ނުކުތުމުންވެސް އަދަލް އޭނައާއި ދިމާލަށް އެންމެ ފަހަރަކުވެސް ނަޒަރު ހުއްޓާނުލުމަކީ އޭނަގެ ރީތިކަމަށް ކުރެވުނު ފުރައްސާރައެއް ނޫންހެއްޔެވަ؟އަޒާލީއާއި ހީރާވެސް ދުރުގައި މަޖާވެފައި ބަލަން ތިބެފައި ކައިރިއަށް އައެވެ. "ޢަދަލް..އަހަރެމެންނަށް ޓްރީޓެއްދިނީ ދޯ..ތެންކިއު..." "އައި ނޯ ޕޭއިން އިނގޭ...މުސާރަ ލިބުނީމަ ޓްރީޓް ދެވޭނީ..."އަދަލް ދާންވެގެން އެނބުރުނެވެ. "އަދަލް ސިދްރާއާއި ކައިވެނިކުރަން ޕްލޭންކޮށްފައި ކިހިނެއްވީ އަނެއްކާ؟ ބަލަ މިހުރީ ޖިންނިއާއި އަދަލްގެ ފައިޓް ބަލައިލަން ކެތްމަދުވެފައި...ކާންޓް ވެއިޓް..ސިދްރާގެ ފުރޭތަ ފިރި އަދަލްއަށްވެސް ފެނޭ ދޯ..ބިއުޓީ އެންޑް ބީސްޓް ކުޅެންވެގެން ދޯ ތިއުޅެނީ..ދެން އެ ބީސްޓް ކައިރީ ބުނެބަލަ ގަނޑުވަރެއް އަޅާދޭށޭ...ޚަޒާނާއެއްވެސް ގެނެސްދީފާނެއްނު...." ނޯޔާ ފަރިގޮތަކަށް ހީލަމުން ބުނެލިއެވެ. އަދަލްގެ ސަމާލުކަން އެވަރުންވެސް އަތުލެވޭގޮތެއް ނުވިއެވެ. "މްމްމމް.."އަދަލް ކުޑަކޮށް ހީލާފައި އަވަހަށްގޮސް ސައިކަލަށް އެރުމުން ނޯޔާ ހޭންފެށިއެވެ. "އަދަލް ފަކީރު ހިތްހަލާކުވެފައި އަވަހަށް އެ ރައްކާވީ...." ނޯޔާއަށް އަދަލް ވަޒީފާގައިި އުޅެންފެށުމުން އުދަގޫވިއެވެ. ލަނޑެއް ދޭނެގޮތަކާއިމެދު ވިސްނަމުންދަނިކޮށް މޮޅު ޚިޔާލެއް އައެވެ. އަޒާލީއާއި ހީރާ އެއްބަސްކުރުވަން ތަންކޮޅެއް އުދަގޫވެދާނެތީ ޖެހިގެން އައި ދުވަހު ޕިއްޒާއަށް އޯޑަރުކުރީ ނޯޔާ އަމިއްލައަށެވެ. އެދުވަހު ރެސްޓޯރެންޓަށް ގުޅާފައި ބުނީ އަދަލް އޭނައާއި ދިމާލަށް ފާޑު ފާޑު އެއްޗެހި ކީކަމަށާއި ޕިއްޒާ ހޯދަން އުޅުމުން އަތުގައި ހިފިކަމަށެވެ. އަދަލް ގާތުން އެހުމުން ހިމޭންކަން ޚިޔާރުކުރިއެވެ. ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން ބޮސް ހިތްހަމަނުޖެހިގެން އޭނަ ގާތު ގޭގައި މަޑުކޮށްލަން ބުނެލިއެވެ. އެންމެ ބޮޑު މައްސަލައަކަށްވީވެސް އަދަލްއާއި އިންނަން ނޯޔާ ދެކޮޅުހެދިކަމަށް ރަށުތެރޭގައި އަޑު އަރާފައި އޮތުމުންނެވެ. ދިހަ ދުވަހުގެ ވަޒީފާއިން ލިބުނު މުސާރަކޮޅު އޭނަ ދިނީ މަންމަގެ އަތަށެވެ. "މަންމާ..މިޒަމާނުގައި އެއްވެސް މީހަކާއެކީގައި މަސައްކަތްކުރުން ފަސޭހައެއްނުވާނެ..އަމިއްލައަށް ކޮފީޝޮޕެއް ހުޅުވައިގެން މިކަންވާނީ..."އަދަލް މަޑުމަޑުން ބުނެލިއެވެ. ސަރަފީނާ ފައިސާބޮނޑިއަށް ބަލަހައްޓައިގެން އިނީ ފެންކަޅިވެފައެވެ. "ވަޒީފާއިން ކަނޑައިލީތަ؟ ކިހިނެއްވީ؟" "ﷲ ދެނެވޮޑިގެންވަނީ..މީހެއްގެ ޝަކުވާއައީ...އެކަމަކު އެއީ ހަގީގަތެއްނޫން..އެމީހަކު ގަސްތުގައި ލަނޑެއްދޭންވެގެން ކުރިކަމެއް....ދެރައީ ހަމައެކަނި މަންމައަށްޓަކާ..މަންމައަށް އަދަލްގެ ފަރާތުން އެއްވެސް ކަމެއް ކޮށްނުދެވޭތީ...މަންމަ ވީ ގުރުބާނީގެ އަގު އަދާނުކުރެވި ދުނިޔެއިން ދާން ޖެހިދާނެތީ...ބައްޕައަކާއި ނުލާ މަންމަ އަހަންނަށްޓަކާ ވީ ވަރު....ދުނިޔޭގެ ހުރިހާ މުދަލެއް ދީގެންވެސް އެކަމުގެ އަގު އަދާނުކުރެވޭނެ..މަންމަ ދުޢާކޮށްދީ...މަންމަ ދަރިއަކަށްޓަކާ ކުރާ ދުޢާ ކޮންމެވެސް ދުވަހަކުން އިޖާބަކުރައްވާނެ...." އަދަލް ޔަގީންކުރީ މަންމަ ހަޅޭއްލަވާނެކަމަށެވެ. ނަމަވެސް މަންމަގެ ލޮލުން ފެނުނީ އޭނައަށް އިތުބާރުކުރާކަމުގެ ވިދުވަރެވެ. ކަރުނަތިކިތައް ވިދާ ލޮލަށް ހިނިތުންވުމެއް ފޯރިއެވެ. އަދަލް މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮށޯތެވެ."އައިމް ސޮރީ މަންމާ...އެހާ ރަގަޅު ދަރިއަކަށް ނުވެވުނީތީ...މަންމަ ފަޚުރުވެރިވާފަދަ ދަރިއަކަށް ނުވެވުނު...ޒިހާމްފަދަ މީހަކަށް ވާން މަންމަ ބޭނުންވީ...އެކަމަކު..." "ނޫން..އަދަލް. މަންމަ ބޭނުމީ އަދަލް..ހަމައެކަނި އަދަލް..ދަރިފުޅުގެ ލޯބި މަންމައަށް ފުދޭ.....މަންމައަށް ވިސްނިއްޖެ...ހުރިހާ އެއްޗެއް ވިސްނިއްޖެ..." އޭނައާއި އަދަލްއަށް އެންމެންވެގެން އަނިޔާދެނީއެވެ. އަދަލް ކުޑައިރުންފެށިގެން ގަނާކުރަމުންގޮސް އެކުއްޖާގެ ސިކުނޑިއަށް ނޭގި އަސަރުތަކެއްކޮށްފައި ހުރީއެވެ. ރަގަޅަށް ނުކިޔެވުނު ސަބަބަކީ އެއީއެވެ. *** ޒިހާމް އާއި އެމިލީ ރަށަށް އައީ ވަރަށް ބޮޑު އުއްމީދަކާއި ފޮނި ހުވަފެންތަކާއެކުގައެވެ ނަމަވެސް އެއްވެސް ކަމެއް އެންމެ ބޭނުންވާގޮތަށް ކުރިއަށް ގެންދިޔުން އޮންނަނީ އެމީހެއްގެ ކޮންޓްރޯލްދަށުގައެއް ނޫނެވެ. މެންދިރު ކާން ޒިހާމް އައިއިރު އޭނަގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި މާޔޫސްކަމުގެ ކުލަވަރެވެ. "ކިހިނެއްވީ ޒިމް؟" މާރިޔާ ޖެހިލުންވެފައި އިނދެ އަހައިލިއެވެ. ޒިހާމް ތަންކޮޅެއް ބާރަށް މޭޒުމަތީގައި ފޯނު ބޭއްވިއެވެ. "މަންމާ...ޕްރޮޖެކްޓަށް ފަންޑުކުރަން އުޅުނު ބޭރުގެ އިންވެސްޓަރުން ފަހަތަށް ޖެހުނީ..އެމީުން ބުނަނީ މި ސަރަހައްދުގެ ބިންގަނޑުގައި މައްސަލަތަކެއް އުޅޭތީ ރިސްކެއް ނަގަން ބޭނުމެއްނޫނޭ...އަދި އެވަރުން އެމިލީ ތައްޔާރުކުރި އިންޓީރިއާ ޑިޒައިން ކޮންސެޕްޓްވެސް އެމީހުންނަށް ކަމަކު ނުދިޔަ..އެހެންވެ އެ ޕްރޮޖެކްޓް ހުއްޓިފައި އޮތީ... މިލިއަނުން ލިބެން އޮތް ފައިދާގަނޑު ގެއްލުނީ..." އެމިލީގެ މޫނު ރަތްވެގެން ދިޔުމާއެކު އިސްޖަހައިލެވުނެވެ. ޒިހާމް އޭނަގެ ވާހަކަ ސިއްރުކުރިނަމައެވެ. އޭނަގެ ނާކާމިޔާބީތައް ފޮރުވަން ހުރި މީހަކީ ޒިހާމް ނޫންހެއްޔެވެ؟ އެގޮތަށް ވާހަކަދެއްކުމުން އާއިލާ ކުރިމަތީގައި އޭނަގެ އިއްޒަތާއި ގަދަރަށް ހުތުރުކަން ލިބޭނެއެވެ. އެހާވަރުން މައިންބަފައިންގެ މޫނުމަތީގައި ކޮޅުފައިން ޖަހާފައި ޒިހާމްއާއި ކައިވެނިކޮށްގެން އައުމުން ބަރަކާތް ކެނޑުނީކަމަށްވެސް ވެދާނެއެވެ. އަޒާލީއާއި ހީރާވެސް ލޯ ބޮޑުކޮށްގެން ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެންމެނަށް އެ ޚަބަރު ފަތުރާ ފޮނިކަނޑަމުންދަނިކޮށް އެ ޕްރޮޖެކްޓަށް އެސްފީނާގެ ހިޔަނި އެޅިއްޖެއެވެ. ނޫނީ މާ ދުރަށްދާނެކަމެއް ނެތެވެ. އެކަމާއިހެދި އެންމެ ދެރަވެ ހިތާމަކުރާނީ ބޮޑުދައިތައެވެ. ޒިހާމްއާއި އަދަލް އަޅާ ކިޔުން ނޫންކަމެއް ނުކުރެއެވެ. ސަރަފީނާގެ ލޮލުގެ ވިހަގަދަކަމެވެ. ބަދު ދުޢާނޫން ކަމެއްވެސް ނޭގެއެވެ. "އެސްފީނާ..ސަރަފީނާ ދައްތަ އަބަދު ދޮންބެއާއި އަދަލް އަޅާކިޔާނެ.." ހީރާ ބުނެލިއެވެ. އެވަގުތު މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އެންމެނަށް ބަލައިލެވުނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ