ގާސިމް މުއްސަނދިވީ ވައްކަންކޮށްގެނެއް ނޫން: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މުއްސަނދިވީ ވައްކަންކޮށްގެނެއް ނޫން ކަމަށް ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވެފައިމިވަނީ ދާދިފަހުން ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ގާސިމާއި ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެގޮތުން އަދުރޭ ވަނީ ގާސިމަކީ މާ މޮޅު ވިޔަފާރިވެރިއެއް ނޫން ކަމަށާއި ގާސިމް މުއްސަނދިވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ހިންގި ހަރަކާތްތަކަށް ގާސިމް ހަރަދު ކުރެއްވި ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ ގާސިމަކީ ބުރަ މަސައްކަތުން ވިޔަފާރި ކޮޅަށް ޖައްސަވައި އޭގެ ނަފާ ބޭނުންޖެހިފައިވާ މީހުންނަށް ދެއްވާ އުއްމީދު ގެނެސްދެއްވި ފަރާތެއް ކަމަށެވެ.
"މުޅި ޢުމުރު ރައްޔިތުންގެ ފައިސާއިން ނަހަމަ މުއްސަނދިކަން ހޯދަމުންދިޔަ މީހުން ނަފްރަތާއި ފިތުނަ ފިޔަވައި ރައްޔިތަކަށް ދިއްކޮށްލި އެއްޗެއް ކޮބައިތޯ." އަމީން ވިދާޅުވި އެވެ.
އަމީން ވަނީ ބައެއް މީހުންނަށް ސިޔާސީ މަސައްކަތަކީ ޕާޓީގެ ރައީސް ރުއްސަން އެހެން މީހުންގެ އަގު ވައްޓާލައި ކަރާމާތް ނަގާލުމަށް ލެއްވިހާ ދޮގަކާއި ހަޑިހުތުރު ބަސްތައް ގޮވުން ކަމަށްވެސް ވިދާޅުވެފަ އެވެ.
"އެފަދަ މީހުންނަށް ހީވަނީ އެހެން އެންމެން ވެސް ފައިސާ ހޯދަނީ އޭނާ ކަންކުރާ ގޮތަށް ވައްކަމާ އޮޅުވާލުމާ ކޮރަޕްޝަންގެ ތެރެއިން ކަމަށް." އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ