ނަޝީދު ޖައްސަވަނީ ޗައްކަރު, ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރާނެ: ގާސިމް
އަމިއްލައަށް ޕާޓީއެއް ހައްދަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖައްސަވަނީ ޗައްކަރު ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނު އެމްޑީޕީއަށް ތާއިދު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު ގއ. ވިލިގިލީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ, މާޒީން އެނގޭ ހަގީގަތަކީ ނަޝީދު ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކޮށްފަ ހުރިކަން ކަމަށާއި އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ވެސް ތާއީދު ކުރާނެ ކަމަށެވެ. "އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދު އެ އުޅޭ ޑިމޮކްރެޓްސް ޖެހިލާނީ ކޮން ކޮޅަކަށްތޯ. ސަތޭކަ އެކުން ސަތޭކަ އެމްޑީޕީ ކޮޅަށް ޖެހޭނީ. އޭނާ އެ ޖަހަނީ ޗައްކަރެއް. ރައީސް ނަޝީދު އެ ޖަހަނީ ބޮޑު ޗައްކަރެއް," ގާސިމް ވިދާޅުވިއެވެ. ރައީސް ނަޝީދަކީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ, އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ވިސްނުން އެމަނިކުފާނު ދޫކޮށްނުލާނެ ކަމަށާއި އެކަން ކުރެވެން އޮތީ އެމްޑީޕީއާ އެކު ކަމަށެވެ. "އޭނާ އަކަށް ނޯންނާނެ ދެވޭކަށް އެހެން ކޮޅަކަށް ކޮންމެ ވާހަކައެއް ދެއްކިޔަސް," ގާސިމް ވިދާޅުވިއެވެ. ނަޝީދު އުޅުއްވަނީ އެމްޑީޕީއަށް އިތުރު ވޯޓުތަކެއް ހޯދައި ދިނުމަށް ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީއަށް ތާއީދު ނުކުރާ ބައެއްގެ ވޯޓު ހޯދައިގެން އޭގެ ތެރެއިން ބަޔަކު ގޮވައިގެން ނަޝީދު އެ ޕާޓީއާ ގުޅެން އުޅޭ ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ. "މި ރަށުގައި އެއާޕޯޓް އެޅުނަ ނުދީ އެކަން ބަދަލުކޮށްލީ ރައީސް ނަޝީދޭ. ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ. އޭނާ އެތަން ބަދަލުކޮށްލާފަ އެންމެ ފަހުން އައިސް އެ ރަށް ދެ ރަށް ތިން ރަށް ވެސް ދޭން ޖެހުނީ. ކޮންފަދަ ބޮޑު ގެއްލުމެއްތޯ. ކޮންފަދަ ބޮޑު ނިކަމެތި ކަމެއްތޯ. ކޮންފަދަ ބޮޑު ހަރަދެއްތޯ," ގާސިމް ވިދާޅުވިއެވެ. ނަޝީދަށް ފާޑު ކިޔުއްވައި މިސާލެއް ދައްކަވަމުން ގާސިމް ވިދާޅުވީ, ބަތްކައްކަން ނޭނގޭ މީހަކަށް ބަތްކައްކަން ހަވާލު ކުރުމުން ވާނެ ގޮތް އެނގޭނެ ކަމަށެވެ. "އަޅުގަނޑުމެނަށް ވެރިކަމަށް ނެގުނީ އަޅުގަނޑުވެސް ތާއީދުކޮށްގެން އަޅުގަނޑު ހިއެއް ނުކުރަން މިވަރުގެ ބޮޑު މަރުމޯލެއް ކަމަށް," އެމްޑީޕީއަށާއި ނަޝީދަށް ޖޯކު ޖައްސަވައި ނަޝީދު ވިދާޅުވިއެވެ. ގާނޫނާ ޚިލާފަށް ރައީސް ނަޝީދު ކުރެއްވި ބައެއް ކަންތައްތަކުގެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރިން ނިސްބަތްވި އެމްޑީޕީން މިހާރު ވެސް އަމަލު ކުރަމުން ދަނީ ނަޝީދު ހިންގެވި މަގުން ކަމަށެވެ. "މިހާރު ރައްޔިތުންގެ މަޖިލިސް އެ އޮތީ ޑެޑްލޮކަކަށް ގެނެސް ހުއްޓުވާފަ," ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ