މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލް

ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބައެއް ފްލައިޓްތައް ފުރަން ކުރިން ހަމަޖެހިފައިވާ ގަޑިތައް ލަސްވެ 3 ފްލައިޓެއް ކެންސަލްކޮށްފިއެވެ.
އެމްއޭސީއެލްގެ ފްލައިޓް ޝެޑިއުލް ދައްކާގޮތުން މިރޭވެސް ވަނީ ބައެއް ފްލައިޓްތައް ފުރުން ލަސްވެފައެވެ. އަދި މެލޭޝިއާއަށް ފުރަން ހަމަޖެހިފައިވާ 2 ފްލައިޓަކާއި، ދުބާއީ އަށް ފުރަން އޮތް ފްލައިޓެއް އަދި ހޯރަފުއްޓަށް ފުރަން ހަމަޖެހިފައިވާ ފްލައިޓެއް ވަނީ ކެންސަލްވެފައެވެ.
މިއަދު ރާއްޖެ ހިމެނޭ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތައް ފުރުމާއި ޖެއްސުން ލަސްވެފައިވާއިރު ވީއައިއޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ވަނީ ފެން ބޮޑުވެފައެވެ. އަދި ބައެއް މަގުތައް ވެސް ބްލޮކްވެފައިވާ ކަމަށާއި، އެކަން ހައްލުކުރަން މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ސްކޫލް ބަންދާ ދިމާކޮށް ވައިގެ މަގުން ކުރާ ދަތުރުތަކުގެ މިންވަރު އިތުރުވެފައިވާއިރު މި ދަނޑިވަޅުގައި މޫސުން ގޯސްވެ ފްލައިޓްތައް ފުރުން ލަސްކުރަން ޖެހުމުން އެއާޕޯޓަށް ވަނީ އިތުރަށް ބާރު ބޮޑުވެފައެވެ.
މެޓް އޮފީހުންވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް އޮރެންޖު އެލާޓްވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ