ޗެޓްރީގެ އެނބުރި އައިސް ޖެހި ގޯލާއެކު ރާއްޖެއަށް ނާކާމިޔާބީ
އިންޑިއާ ދުއް އެންމެ ފާހަގަ ކޮށްލެވޭ ކެޕްޓަން ސުނިލް ޝެޓްރީ ޤައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ މައްޗަށް އިންޑިއާއިން ކާމިޔާބީ ހޯދައިފިއެވެ. އިންޑިއާގެ މެގަލާޔާގެ ޝިލޮންގްގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު ރަހްމަތްތެރިކަމުގެ މި މެޗު އިންޑިއާއިން ކާމިޔާބު ކޮށްފައިވަނީ 3-0 ލަނޑުންނެވެ. އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކޮށްފައިވެއެވެ. މި މެޗުގައި އިންޑިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ލިބިގެންދިޔަ ކޯނަރަކުން ކާމިޔާބު ކޮށްފައިވަނީ ރާހުލް ބެކޭއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވި ނަމަވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު އިންޑިއާއަށް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. މި މެޗުގައި އިންޑިއާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިސްޓަން ކޮލާކޯއެވެ. އަދި ފަހު ލަނޑު އޭގެ 10 މިނެޓް ފަހުން ކާމިޔާބު ކޮށްދިނީ ދާދިފަހުން ޤައުމީ ޓީމުގެ ރިޓަޔަމަންޓް އިން އެނބުރި އައިސް ޤައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދެމުންދިޔަ ކެޕްޓަން ސުނިލް ޗެޓްރީއެވެ. އުމުރުން 40 އަހަރުގައި ޗެޓްރީ ޤައުމީ ރިޓަޔަމަންޓުން އެނބުރި އައިސްފައިވަނީ ޤައުމީ ޓީމަށް ފަހަކަށް އައިސް ދިމާވެފައިވާ އަޑިގަނޑުން އެ ޓީމު އަރުވާދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 152 މެޗުގައި 95 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި ރާއްޖެއަށް ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ބަދަލު ކުޅުންތެރިޔާ ހަސަން ނަޒީމެވެ. ނަމަވެސް އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ރާއްޖޭގެ މައްޗަށް ހޯދި މި ކާމިޔާބީއާއެކު އިންޑިއާއިން މިވަނީ 489 ދުވަހަށް ފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. މި މެޗަކީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރު ވުމުގެ ގޮތުން ދެ ޓީމުން ކުޅުނު މެޗެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ތަޖިކިސްތާން، ފިލިޕީންސް އަދި ޓިމޯ ލެސްޓޭއާއެކު ގްރޫޕް އޭގައެވެ. އަދި މި އަންނަ ހަފްތާގެ އަންގާރަ ދުވަހު ރާއްޖެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްއާ ދެކޮޅަށެވެ. އަދި އިންޑިއާ ހިމެނިފައިވަނީ ހޮންގް ކޮންގް، ސިންގަޕޫރު އަދި ބަންގްލަދޭޝާއެކު ގްރޫޕް ސީގައެވެ. އަދި ފުރަތަމަ މެޗުގައި އިންޑިއާއިން ނިކުތުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ