ދިވެހީން ސްކޭމާ މިހާ ދޯޅައީ ކީއްވެ؟
ޖަލުން މީހަކު ގުޅައި ޕްރޮމޯޝަނަކުން ހޮވުނީއޭ ބުނާއިރަށް ބޭންކު ކާޑުގެ މައުލޫމާތު ދީފާނެއެވެ. ކުރީގެ މަޖިލިސް މެންބަރަކު ތިމަންނައަކީ ޓްރޭޑް ކުރަން މާ މޮޅު މީހެއް ކަމަށް ވިދާޅުވެ, އެއް ރުފިޔާ ހަރުފިޔާއަށް ހަދައި ދޭނެކަމަށް ވިދާޅުވުމާއެކު އުމުރު ދުވަހު އެއްކުރި ފައިސާ އޭނާއަށް ދީފިއެވެ. އެންމެ ފަހުން އާބާދީގެ ބޮޑުބައެއް މި ޖެހުނީ, ނ. މިލަދޫ މީހަކު ނުވަތަ ބަޔަކު އިސްވެ ހިންގި ކަމަށް ތުހުމަތު ކުރާ ސްކީމެއް ކަމަށް ބުނާ "ސްކޭމް"ގައެވެ. ގެ ހަދާށާއި ކައިވެންޏަށް ފޮރުވާފައި ހުރި ފައިސާ ވެސް, އަދި ބޮޑެތި ލޯނުތައް ނަގައިގެން ވެސް އެ ސްކީމަށް ފައިސާ އެޅީ ނިކަން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައެވެ. ދިވެހި ރާއްޖޭގެ އާބާދީއަކީ މިހާރު 515،223 މީހުން ކަމަށްވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 7.8 ޕަސެންޓް މީހުން މި ވަނީ, ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)ގެ ނަމުގައި ހިންގި ސްކޭމް, ނުވަތަ މިލަދޫ ބަޔަކު ހިންގި ކަމަށް ބުނާ ސްކޭމުގައި ރަނގަޅަށް ޖެހިފައެވެ. ދިވެހި ރާއްޖޭން ސާޅީސްހާހަށް ވުރެން ގިނަ މީހުން އެ ސްކޭމަށް ކުރި ޖުމުލަ އިންވެސްޓްމަންޓް އެތައް މިލިއަން ޑޮލަރަކަށް އަރާ ކަމަށް ދިވެހި ފުލުހުން ބުނެއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޓްރޭޑް ކުރުން ކަމަށް ބުނެ އޮޅުވާލައިގެން، ފުރަތަމަކޮޅު މީހުން އަޅާ ފައިސާއެއް ދެތިން ގުނަކޮށް ދިޔައީ އަނބުރާ "ފައިދާ" ދެމުންނެވެ. ގިނަ މީހުން އެ އަވާގައި ޖެހުނީ އެ ފައިދާ ފެނިފައެވެ. އުމުރު ދުވަހުގެ މަސައްކަތުން އެއްކުރި ފައިސާ އާއި ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އެޅީ އެހެންވެއެވެ. https://www.sun.mv/207577 ތިއީ ސްކޭމެކޭ ބުނާ މީހަކާ ދެކޮޅަށް ނުކުމެ އެއްޗެހި ގޮވައި ހެދީ ރަނގަޅަށް ވެސް އެ މަޅީގައި ޖެހިފައި ވާތީއެވެ. ފުލުހުންނާއި ނޫސްވެރިންނާއި ކަމާ ބެހޭ އިދާރާތަކުން ދެއްކި ވާހަކަ ދޮގުކޮށް ބުނީ "ތިއުޅެނީ ނިކަމެއްޗަކަށް އެއްޗެއް ލިބޭތީ ކަންބޮޑުވެގެނޭ" އެވެ. ނަމަވެސް އިއްޔެ ކުއްލިއަކަށް އެ ސްކީމް, ސްކޭމަކަށް ވެގެން އެ ދިޔައީއެވެ. އެއަށް އިންވެސްޓް ކުރި ހުރިހާ ފައިސާއެއް ގެއްލުނީއެވެ. ދެން އަނެއްކާ އެ މީހުން އިއުލާން ކުރީ އާ ސްކީމެކެވެ. އެ މަޅީގައި ޖެހޭނެ އެތައް ބަޔަކު ވާނެކަން ވެސް އެއީ ހަމަ ކަށަވަރު ކަމެކެވެ. ހަމަ ގައިމުވެސް ތަފާސްހިސާބެއް ދޮގެއް ނުހަދާނެއެވެ. ހިސާބުތަކުން ދައްކަނީ ބިރުވެރި އަދަދުތަކެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް މި ކުޑަކުޑަ ރާއްޖޭގައި ސްކޭމްތައް ވަރަށް ގިނައެވެ. އެކި ފަހަރު އެކި ނަންނަމުގައެވެ. ޕްރޮމޯޝަނާއި, އެހީ އާއި, ލިންކުތަކާއި ފޭކް ސްލިޕާއި ޖިންސު އޮޅުވާލައިގެން ހެއްދުމާއި، އޮންލައިން ވިޔަފާރީގެ ނަމުގަޔާއި, މިހެން ގޮސް އެތައް ގޮތަކުންނެވެ. ދިވެހި ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2021 ވަނަ އަހަރު އެކަނި ވެސް މަކަރާއި ހީލަތް ހެދުމުގެ 28،003 މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު ގެއްލުނު ފައިސާގެ އަދަދު 150 މިލިއަން ރުފިޔާއަށް އަރައެވެ. ދެހާސް ބާވީސް ވަނަ އަހަރު ވެސް ވީ އިތުރެވެ. އަދި 2023 ވަނަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 1،661 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ މެދެކާ ހަމައަށް ދިޔައިރު ރާއްޖޭގައި ހިންގި ސްކޭމްތަކުން ގެއްލުނު ފައިސާގެ އަދަދު 23 މިލިއަން ރުފިޔާއަށް އަރައެވެ. މި އަހަރަށް ބަލާއިރު ޖީއެމްސީއީއާއެކު މި އަދަދު އެތައް ގުނައެއް އަދި މަތިވާނެއެވެ. މުއާސަލާތު ކުރުމާއި ޑިޖިޓަލް ދާއިރާއަށް އައި އިންގިލާބީ ބަދަލާއެކު ސްކޭމްތައް ވަނީ މުޅި ދުނިޔޭގައި ވެސް އިތުރުވެފައެވެ. ދުނިޔޭގެ ބޮޑެތި އާބާދީތަކުގައި ގިނައިން ސްކޭމްތަކުގައި ޖެހެނީ ތައުލީމީ ގޮތުން ދަށް މީހުންނެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ސްޓްފިކެޓުން ބަލާނަމަ ކިތަންމެހާ ވެސް އިލްމީ މީހުން ގިނަ ގައުމެކެވެ. ނަމަވެސް ސުވާލަކީ މިހާ ސްކޭމްތައް ގިނަ ވެފައި މި ވަނީ ކީއްވެގެންތޯއެވެ؟ https://www.sun.mv/185116 ސްކޭމެއްގައި ނުޖެހޭ މީހަކު މަދު, ކީއްވެ؟ ބޮޑު ގެއްލުމެއް ލިބޭ މި މައްސަލައަށް ހައްލެއް ލިބޭނީ މި ސުވާލަށް ފުރިހަމަ ޖަވާބެއް ލިބިގެންނެވެ. އެ ޖަވާބު ހޯދާލުމަށް މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި ދީނީ އިލްމު އުނގެނި ތިބި މީހުންގެ އިތުރުން އެކި ދާއިރާތަކުގެ ގިނަ ބަޔަކާ ވާހަކަ ދައްކާލުމުން ގިނަ މައުލޫމާތުތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ދެއްކެވީ ހަމަ ގާތްގަނޑަކަށް އެއްކަހަލަ ސަބަބުތަކެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ގިނަ ދިވެހީން, ފައިނޭންޝަލް ލިޓެރަސީ ނުވަތަ މާލީ ދާއިރާގެ ކަންކަމަށް ހޭލުންތެރިކަން ދަށް ކަމެވެ. ޕިރަމިޑް ސްކީމްތަކާއި ޕޮންޒީ ސްކޭމްތައް ހިނގާ ގޮތް ނޭނގޭތީ އެ މަޅީގައި ޖެހެވެނީއެވެ. ހަމަ އެހެންމެ އިންވެސްޓްމަންޓްތައް ހިނގާ ގޮތް ގިނަ ބަޔަކަށް ނޭނގުމެވެ. ވިޔަފާރިތަކަށް އިންވެސްޓް ކުރާ ގޮތަކީ ކޮބާކަމާއި ފައިދާ ލިބޭ އުސޫލަކީ ކޮބާކަމާއި އިންވެސްޓް ކުރާއިރު އޮންނަ ރިސްކުތަކަކަކީ ކޮބާކަން މީހުންނަށް ނޭނގުމެވެ. ހަމަ އެހެންމެ ރަނގަޅަށް ހިނގާ ވިޔަފާރިތަކާއި އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ އެކިއެކި ސްކީމްތައް ވަކި ކުރަން ނޭނގުމެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ ފައިނޭންޝަލް ލިޓެރަސީގެ ހާލަތު ދެނެގަތުމަށް 2019 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުން ވެސް ދިވެހީންގެ ތެރޭގައި މާލީ ހޭލުންތެރިކަން ދަށެވެ. ޚާއްސަކޮށް ވެރިރަށް މާލޭގައި ދިރިއުޅޭ މީހުންނަށް ވުރެން އަތޮޅުތެރޭގައި އުޅޭ މީހުންގެ އެ ހޭލުންތެރިކަން ދަށްކަން އެ ދިރާސާއިން ދައްކައެވެ. މާލީ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރެއްވުމަށް ފަހު, ސޯޝަލް މީޑިއާ މެދުވެރިކޮށް, މީހުން އެ ދާއިރާއަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރައްވާ ސޮފުވަތު އަދުނާން, ވިދާޅުވިގޮތުގައި ގިނަ ބަޔަކު މިފަދަ ސްކޭމްތަކުގައި ޖެހޭ މައިގަނޑު ސަބަބެއް ކަމަށް އޭނާއަށް ފާހަގަ ކުރެވެނީ އަގު ބޮޑު ދިރިއުޅުން އުޅުމަށްޓަކައި އިތުރަށް ތަނަވަސްކަން ހޯދުމެވެ. ޚާއްސަކޮށް ލިބޭ އާމްދަނީއަށް ވުރެން އަގު ބޮޑު ދިރިއުޅުމެއް އުޅުމަށް ގިނަ ބަޔަކު ލޯބި ކުރާތީ ހޯދުނު ގޮތަކަށް ފައިސާ ހޯދަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ގަބޫލު ކުރައްވާގޮތުގައި ގިނަ ބަޔަކު އެކިއެކި ސްކޭމްތަކުގައި ޖެހެނީ އެއީ ސްކޭމްތައްކަން ވެސް އެނގި ތިބެއެވެ. ނަމަވެސް އަވަހަށް ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި އެކަމުގައި ބައިވެރި ވަނީ ކަމަށް ސޮފުވަތު ވިދާޅުވިއެވެ. "ގިނަ މީހުން ދަރަނިތަކުން ސަލާމަތް ވާން ވެގެން ކުރު މުއްދަތެއްގެ ތެރޭގައި އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ހޯދަނީ. ކުރު މުއްދަތެއްގެ ތެރޭގައި އިންވެސްޓް ކުރާ ފައިސާ ޑަބަލްވެ, ޓްރިޕުލްވާނެ ކަމަށް ބުނާ ސްކީމްތަކުގައި އެ ބައިވެރިވަނީ. އަސްލު ގިނަ މީހުންނަށް އެނގޭ މިއީ ހުއްދަ ކަމެއް ނޫންކަން ވެސް. އެކަމަކު ގިނަ ބަޔަކަށް މަޖުބޫރު ވެފައި މި އޮންނަނީ ފައިނޭންޝަލީ ސްޓޭބަލް ވާން ކޮންމެ ވެސް ކަމެއް ކުރަން," ސޮފުވަތު ވިދާޅުވިއެވެ. "މިއީ ދިރިއުޅުމުގައި ޑިސިޕްލިން ނުވެވުމުގެ މައްސަލައެއް. އަދި ފައިނޭންޝަލް ލިޓްރެސީ އެނގިފައި ނެތީ. ބަޖެޓް ކުރުމާއި, މާލީ ކަންކަމަށް ދުރާލައި ޕްލޭން ކުރުމާއި ފަހަށް ފައިސާ ރައްކާ ކުރުމުގެ މުހިންމުކަން ދަސްވެފައި އާދެވެފައި ނެތީމައި މިހެން ވަނީ. ދީނީ ގޮތުން ވެސް އެނގެން ޖެހޭ މައުލޫމާތު އެނގިފައި ނުހުންނާތީއާވެސް އެކު," ގިނަ ބަޔަކު ސްކޭމްތަކުގައި ޖެހޭ މައިގަނޑު އަނެއް ސަބަބެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއްވީ އަވަހަށް, ކުއްލި ތަނަވަސްކަން ބޭނުންވުމެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ވަޒީފާއިން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުން ހިމެނެއެވެ. އެހެންކަމުން ދަރަނިވެރިކަމުން ސަލާމަތް ވުމަށް އަވަސް, އަދި ކުރުމަގެއް މީހުން އިހުތިޔާރު ކުރަނީއެވެ. މި ޖެހެވެނީ މަޅިއެއްގައި ކަމަށް ވިސްނުމުގެ ބަދަލުގައި މިއީ ގިނަ ފައިސާ ހޯދަން ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލުކުރާ މީހުން ގިނައީއެވެ. ހަމައެހެންމެ އެކުވެރިންނާއި އާއިލާގެ މީހުންގެ ނުފޫޒަކީ ވެސް ގިނަ ބަޔަކު ސްކޭމްތަކުގައި ޖެހޭ ސަބަބެކެވެ. ފުރަތަމަ ކޮޅު ލިބޭ ފައިދާ ދެއްކުމުން އެކަމަށް ދަހިވެތިވެ އެ މަޅީގައި ޖެހެވެނީއެވެ. މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި, އަދި މިހާރުވެސް ރާއްޖޭގެ ބޭންކެއްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކާ މި ސުވާލު ކޮށްލުމުން ވިދާޅުވީ އޭނާއަށް ފެންނަ ފެނުމުގައި މިފަދަ ސްކޭމްތަކުގައި ދިވެހިން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މަސައްކަތެއް ނުކޮށް އަވަހަށް މުންސަނދިވުމުގެ ވިސްނުން މާބޮޑަށް އޮތުމެވެ. "ވަކިން ޚާއްސަކޮށް ފާއިތުވި 15 ވަރަކަށް އަހަރުތެރޭ ކޮރަޕްޝަނުން މީހުން މުންސަނދިވި ތަނާއި އެ މީހުންނަށް ފިޔަވަޅުނޭޅޭތަން ފެނުމުން އެންމެން ވެސް ބޭނުންވަނީ އަވަހަށް މުންސަނދިވާން. މީގެ އިތުރުން ދެން އެންމެ ބޮޑު އެއް ސަބަބަކީ މީހުންގެ އީމާންތެރިކަން ދަށްވުން. ދުނިޔެވީ އެދުންތަކާ ހެދި މާބޮޑަށް އުޅެވުން." އޭނާ ވިދާޅުވިއެވެ. ދެން ފާހަގަ ކުރި ސަބަބަކީ ކަންކަމާ މެދު ފުންކޮށް ވިސްނުން, ނުވަތަ ކްރިޓިކަލް ތިންކިން ގިނަ މީހުން ނުގެންގުޅުމެވެ. ސްކީމަކަށް ނުވަތަ ކަމަކަށް އިންވެސްޓް ކުރާއިރު އެ މީހުން އެ ކުރަނީ ކޮންޒާތެއްގެ ވިޔަފާރިއެއްތޯ އާއި އޭގެން އެ ފައިދާ ހޯދަނީ ކިހިނެއްތޯ އާއި ހަމަ ވިޔަފާރިއެއްކޮށްގެން އެހާ ވަރުގެ ފައިދާއެއް ހޯދޭނެތޯ އާއި ގެއްލުން ނުވެ ހަމަ އެކަނި ފައިދާ ވަނީ ކީއްވެގެންތޯ މިފަދަ ސުވާލުތަކަށް ނުވިސްނަނީއެވެ. އަދި އެކަމުން އެހާ ބޮޑު ތަނަވަސް ކަމެއް ހޯދޭނަމަ އަމިއްލައަށް އެ ތަނަވަސްކަން ހޯދަން ނޫޅެ އެހެން މީހުން މުއްސަނދި ކޮށްދޭން ބަޔަކު އެ އުޅެނީ ކީއްވެގެންތޯ ވެސް ނުވިސްނެނީއެވެ. އަދި އެކިއެކި ސްކީމްތައް ރާއްޖޭގައި ހިންގަން ހުއްދަ އޮންނަނީ ވަކި އިދާރާތަކެއްގައި ރަޖިސްޓްރީ ކޮށްގެން ކަމާއި މި އިންވެސްޓް ކުރެވޭ ސްކީމް ހިންގަނީ އެހެންތޯ ބަލާލަން ވެސް ގިނަ ބަޔަކަށް ނޭނގެވީއެވެ. އަދި "ކްރިޕްޓޯ", "ޓްރޭޑިން", "އޭއައި", މިފަދަ ބަސްތައް އިވުމުން އަސްލު އެކަންކަން ހިނގާގޮތް ނޭނގޭތީ މާ ބޮޑަށް އިތުބާރު ކުރެވެނީއެވެ. ރާއްޖޭގައި ސްކޭމްތައް ގިނަވާ އަނެއް ސަބަބެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރީ ގާނޫނުތައް ތަންފީޒު ނުވުމާއި ކަމާ ބެހޭ އިދާރާތަކުން ކުރަން ޖެހޭ އެކަށީގެންވާ މަސައްކަތްތައް ނުކުރެވުމެވެ. ސްކޭމްތައް ހިންގާ ކަމަށް މަޝްހޫރު އެތައް ބަޔަކު އަދިވެސް މި މުޖުތަމައުގައި މިނިވަންކަން މަތީ އެބައުޅެއެވެ. އޭގެ ތެރޭގައި އޮޅުވާލައިގެން ފްލެޓް ވިއްކި މީހުންނާއި ފޭކް ސްލިޕް ހަދައިގެން ވިޔަފާރި ކުރާ މީހުންނާއި ސްކީމްތަކުގެ ނަމުގައި ސްކޭމްތައް ހިންގާ މީހުން ހިމެނެއެވެ. ލިބޭ އަދަބެއް, ނަގަން ޖެހޭ ޒިންމާއެއް ނެތި މިނިވަންކަން މަތީ އުޅެނީއެވެ. އަދި ބޮޑެތި ސްކޭމްތައް ހިންގާކަން އެނގޭއިރު ވެސް އެކަންކަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން މަސައްކަތްކޮށް, ފިޔަވަޅުތައް އަޅަނީ ގެއްލުން މާ ބޮޑުވާ ފަހުން ކަމަށް ބައެއް މީހުން ފާހަގަ ކުރިއެވެ. ގައުމީ ފެންވަރުގައި ހައްލެއް ބޭނުން! ދިވެހީންނަކީ ތައުލީމީ ގޮތުން ވަރަށް ދަށް ބައެއްގެ ގޮތުގައި ތިއްބައި ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ހިންގެވި, އެންމެނަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ގައުމީ ޕްރޮގްރާމް ފަދަ ޕްރޮގްރާމެއް ސްކޭމާ ދެކޮޅަށް މި ރާއްޖޭގައި ހިންގަން އެބަ ޖެހެއެވެ. އެ ދުވަހު އެކަމަށް މީހުން ޝައުގުވެރި ކުރުވައި ފޯރި ދޭން, އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ގެ ރަން އަޑުން ލަވަތައް ކިޔުއްވިއިރު މި ޒަމާނުގައި ކުރެވޭނެ ކަންކަން މާގިނައެވެ. ހަގީގަތުގައި ވެސް މާލީ ހޭލުންތެރިކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފައެވެ. އެކަން ސްކޫލުތަކުގެ ތެރެއިންނާއި މީޑިއާތައް މެދުވެރިކޮށާއި ދަރުސްތަކުގެ ގޮތުގައި ވެސް ބުނެދޭން އެބަޖެހެއެވެ. ހަމައެއާއެކު ސްކޭމްތައް ހިންގާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅައި އަދަބު ދޭން އެބަޖެހެއެވެ. މިފަދަ ކުށްތައް ކުރާ މީހުން ޖެހިލުން ވާނީ އޭރަށެވެ. މިހާރު އެއް ސްކޭމްގެ ޝަރީއަތް ހިންގާއިރު އަނެއް ސްކޭމް އެބަ ހިންގައެވެ. ލަދެއް ނުގަންނަތާ ބިރެއް ވެސް ނުގަންނަނީއެވެ. އެހެން އެ ވަނީ ގާނޫނު ތަންފީޒު ނުވާތީއެވެ. ސޮފުވަތު ވިދާޅުވިގޮތުގައި މާލީ ގޮތުން މިހާ ދަށް ވަނީ ހަގީގަތުގައި ތިމާގެ އަމަލުތަކުގެ ސަބަބުންކަން ގިނަ ބަޔަކު ގަބޫލު ކުރަން ބޭނުންނުވެއެވެ. ލިބޭ އާމްދަނީއަށް ވުރެން ހަރަދު ބޮޑު ދިރިއުޅުމެއް އުޅެން ގިނަ ބަޔަކު ނިންމާފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވާގޮތުގައި މި މައްސަލައަށް ހައްލެއް ލިބެން އޮތީ މާލީ ގޮތުން ޑިސިޕްލީން ވުމާއެކު ލިބޭ އެއްޗަކުން ހަރަދުތައް ހަމަޖައްސައިގެން އުޅެން ދަސް ކޮށްގެންނެވެ. ދިވެހީންގެ މި އާދައަކީ ޒަމާންވީ ކަމެކެވެ. ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާ އަދި އަދީބު, ފަޟީލަތުއްޝައިހް ހުސައިން ސަލާހުއްދީނުގެ "ހިތާވާގޮތް" ޅެމުގައި އެ އޮތީ މީގެ އެތައް އަހަރެއް ކުރިން މި ހާލަތު ބުނެދީފައެވެ. އެ ޅެމުގައި ވިދާޅުވަނީ މަސައްކަތެއް ނުކޮށް މޮޅު ގޮތް ހޯދަން މީހުން އުންމީދު ކުރާ ވާހަކައާއި އެ ވިސްނުން ދޫކޮށް މަސައްކަތް ކޮށްގެން ތަނަވަސްކަން ހޯދަން ޖެހޭ ވާހަކައެވެ. ދުވާލަކު ދެތިން ފަހަރު އެއްޗަކަށް ފިތައިގެން, ނުވަތަ ގްރިޑް ކޮށްގެން ތަނަވަސްވާން ވިސްނާ ވިސްނުން ދޫކޮށްލަން އެބަޖެހެއެވެ. ލައްކަ ދިވެހީންނަށް ގެއްލުން ލިބިއްޖެއެވެ. މިކަމުގެ ފަހަތުގައި އެތައް ސަބަބެއް އެބަވެއެވެ. ދެން ވެސް ހޭލާށެވެ. ދަސްކުރާށެވެ. އަދި ޑިސިޕްލިން ވާށެވެ. ނޫނީ ލިބެން އޮތް ގެއްލުން ވާނީ އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ