އަނަސް މަރާލި މައްސަލައިގައި ހިމެނޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އަނަސް މަރާލި މައްސަލައިގައި ހިމެނޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

މީގެ އަށް އަހަރު ކުރިން، މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސް މަރާލުމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށް، ކްރިމިނަލް ކޯޓުން މިނިވަންކުރި ހަތް މީހުން ރިމާންޑު ޖަލެއްގައި ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެތައް އަހަރުތަކަކަށް ދިގުލައިގެން ދިޔަ ޝަރީއަތަކަށް ފަހު، އަނަސް މަރާލުމުގެ ތުހުމަތުކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރެވެ.
އެ ކޯޓުން މި މައްސަލައިގައި މި ގޮތަށް ހުކުމް އިއްވީ ސީސީޓީވީ ފުޓޭޖު ފަދަ މުހިންމު ހެކިތަކެއްގައި ފުށުއެރުންތަކެއް ހުރުމުން، ގާނޫނުގައި ބުނާ ޝައްކެއް ނެތް މިންވަރަށް ކުށް ކުރި ކަމަށް ސާބިތު ނުވާ ކަމަށް ނިންމަމުންނެވެ.
އަނަސް މަރާލި މައްސަލައިގައި ހިމެނޭ ހަތް މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކުރީ، މި މައްސަލައިގެ އިސްތިއުނާފު ހިނގަމުން އަންނަ ހައި ކޯޓުގައި މައްސަލައި ބަލާ ފަނޑިޔާރުން އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމަން ދެނެވެ.
ސުޕްރީމް ކޯޓުން މި އަމުރު މި ނެރުނީ، މި މީހުން ބަންދުކުރަން ދެ ފަހަރެއްގެ މަތިން ހައި ކޯޓުން ދެކޮޅު ހެދި ފަހުންނެވެ. ފުރަތަމަ ފަހަރު ހައި ކޯޓުން މި މައްސަލައިގައި ނެރުނު އަމުރަކީ، ގާނޫނުގައި ނެތް ސަބަބުތަކެއް ބަޔާންކޮށް ނެރުނު އަމުރެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
އެ ފަހަރު ސުޕްރީމް ކޯޓުން ވަނީ މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމަށް ހައި ކޯޓަށް މައްސަލަ ފޮނުވާލާފަ އެވެ. އަލުން މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ނިންމީ، އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ނެތުމުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ހައި ކޯޓުގެ މި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމުމުގައި އަގުލަބިއްޔަތު ލިބުނު ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ހެކި ހުރިތޯ ނުވަތަ ނެތްތޯ ކަނޑައެޅުމާއި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ކަންކަމާ ގުޅޭ އުސޫލުތަކެއް ކަނޑައަޅުއްވާފައި ވެ އެވެ.
އަލީ ރަަޝީދު ވިދާޅުވި ގޮތުގައި، އިސްތިއުނާފީ މަރުހަލާގައި ބަންދާ މެދު ގޮތެއް ނިންމާއިރު، ހެކިތަކާ މެދު ދަށު ކޯޓުން ނިންމާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ނުވާނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި މިހެން ރިއާޔަތްކުރަން ވެއްޖެ ނަމަ އިސްތިއުނާފީ މަރުހަލާގައި މީހަކު ބަންދުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މި މައްސަލައަށް ބަލާއިރު ބައެއް ހެކިތައް ދަށު ކޯޓުން ބަލައިގަނެފައެއް ނުވޭ، ބާކީ ހުރި ހެކިތަކަށް ބުރަދަނެއް ދީފަ ނުވޭ. މި ގޮތުން ބަންދާ މެދު ގޮތެއް ނިންމަން ދައުލަތުން ހުށަހަޅާނެ ހެއްކެއް ނޯންނާނެ،" އަލީ ރަޝީދު ވިދާޅުވި އެވެ.
މި ގޮތަށް ހުރި ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުރި ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.
ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަނޑައަޅާނެ ގޮތާ ގުޅޭ ގޮތުން ފަނޑިޔާރު ފާހަގަކުރެއްވި ނުކުތާގައި ވިދާޅުވީ، ބަންދުގައި ބަހައްޓަން ޖެހޭނީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނަމަ ކަމަށެވެ. މި ސަބަބު އޮތްތޯ ބަލާނެ ގޮތް ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރެވިފައިވާ ކަމަށް އޭނާ ފާހަކުރެއްވި އެވެ.
ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރިއާޔަތްކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހާގެ ބަންދާއި ހައްޔަރު ރެކޯޑާއި ކުށުގެ ރެކޯޑާއި މުޖުތަަމައުގައި އަދާކުރާ ދައުރާއި ދިރިއުޅުމެ ވައްޓަފާޅިއަށާއި ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ގޮތާއި ކުށުގެ ބާވަތާއި ކުށްކޮށްފައިވާ ހާލަތާއި ކުށުގެ ކުޑަބޮޑުމިނާއި ކުށުގެ އަނިޔާވެރިކަން ފަދަ ކަންކަން ހިމެނެ އެވެ.
އަލީ ރަޝީދު ވިދާޅުވީ، ބަންދުގައި ބެހެއްޓުމާ މެދު ގޮތް ނިންމާއިރު، ގަވާއިދުގައި ބުނާ ހުރިހާ ޝަރުތެއް ފުރިހަމަ ނުވިޔަސް ފުދޭ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ މީހުންނަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ގިނަ އަދަދެއްގެ ހައްޔަރު ރެކޯޑު އޮތް ބައެއް ކަން ފާހަަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ގަސްތުގައި މީހަކު މެރުމާއި ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަކީ އެންމެ ބޮޑު ކުށް ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އަދި މި ކުށް ހިންގީ ޖަމާއަތް ހަދައިގެން ކަމަށް ވާއިރު، މިއީ "އިންތިހާއަށް އަނިޔާވެރިކަން ހިމެނޭ އަމަލެއް ކަން ފާހަގަކުރެވޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ އެކަށީގެންވާ ހެކި ހުރި ހާލަތުގައި، ބަންދުން ދޫކޮށްލައިފި ހާލަތުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، މުޖުތަމައުުގެ ސަލާމަތާއި އަމަން އަމާންކަމަށް ނުރައްކާ ވެދާނެ ކަމަށް ބުރަވެވޭ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވިޔަސް، މުޖުތަމައުގެ ސަލާމަތަށް ބުރޫއަރާނަމަ ބަންދުން ދޫކޮށްލެވޭކަން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޖުތަމައުގެ ސަލާމަތާއި އަމަންއަމާން ކަމަކީ އެންމެ މަތީ މަސްލަހަތު. އެއަށް ބުރޫއަރާ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ،" އަލީ ރަަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް ތާއީދުކުރެއްވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. މި މައްސަލައިގައި ހައި ކޯޓުން ނިންމުމަށް ތާއީދުކުރެއްވީ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ޝުޖޫން އެވެ.
ހައި ކޯޓުގެ ނިންމުމަށް ޝުޖޫން ތާއީދުކުރެއްވި ސަބަބުތަކުގެ ތެރޭގައި، ކުށުގެ ތުހުމަތުކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމާފައި އޮތުން ފާހަގަކުރެއްވި އެވެ. ދަށު ކޯޓުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާ ކަމަށް ކަނޑައަޅާ ހާލަތުގައި ގޮތެއް ނިންމަން ޖެހޭނީ އެ މީހުންނަކީ މައުސޫމް މީހުން ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ