ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ހާލުގައި އޮތް އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ. ކުންފުނީގެ އާމްދަނީއާ އަޅާބަލާއިރު ދަރަނި އެތައް މިލިއަނަކަށް އަރަ އެވެ.
އެކަމަކު ވެސް ކުންފުނީގައި މަސައްކަތް ކުރަން ތިބި މުވައްޒަފުން އިށީންނާނެ ގޮނޑި އާއި މޭޒު ނެތް ވަރަށް މުވައްޒަފުންނަށް ވަޒީފާ ދީ، އުސޫލުތަކާ ހިލާފަށް މުވައްޒަފުންނަށް ޕްރޮމޯޝަންތައް ދީފައިވާކަން އެ ކުންފުނީގެ އޮޑިޓުން ވަނީ ހާމަވެފަ އެވެ.
އޮޑިޓު އޮފީހުން ވަނީ ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަނާއި މުސާރަ އާއި އިނާޔަތް ދިނުމުގެ ހާއްސަ އޮޑިޓު މިއަދު އާންމުކޮށްފަ އެވެ. އެ އޮޑިޓުން ފެންނަން އޮތް މަންޒަރަކީ ކުރީ ސަރުކާރުގައި ކުރި ކަންތައް ގޯސްވެގެން ވާހަކަ ދެއްކުމަށް ފަހު، ފަހުން ވެސް ހަމަ އެގޮތަށް ކުންފުނީގެ ތެރޭ އަމަލުތައް ބަހައްޓާފައި އޮތްތަނެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، ފެނަކައިގައި 2020 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރަމުން ގޮސްފައިވަނީ 3،523 މުވައްޒަފުންނެވެ. ނަމަވެސް އޭގެ ފަހުން އެ ކުންފުންޏަށް މުވައްޒަފުން ވައްދާ އަދަދު އަހަރުން އަހަރަށް ވަނީ އިތުރުވެފަ އެވެ. މުވައްޒަފުން އިތުރުވެފައިވަނީ ކުންފުނީގެ ހާއްސަ ޕްރޮޖެކްޓުތަކަށް ވަގުތީ މުވައްޒަފުން ނެގުން އިތުރުވެފައިވާތީ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
2021 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް 7،228 މުވައްޒަފުންނަށް އަލަށް ވަޒީފާ ދީފައިވޭ
އޭގެ ތެރޭގައި 4،557 ދާއިމީ މުވައްޒަފުން ހިމެނޭ؛ 2،671 މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުން
2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ވަޒީފާތަކުގައި 5،689 މުވައްޒަފުން ތިބި؛ މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 6،317އަށް އިތުރުވެފައި
ފެނަކައިގެ ދާއިމީ މުވައްޒަފުންގެ އަދަދު އިތުރުވެފައިވަނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރާ އެއްވަރަށްތޯ އޮޑިޓުގައި ވަނީ ބަލައިފަ އެވެ. އެގޮތުން:
2020 ވަނަ އަހަރުގެ ނިޔަލަށް ގާއިމްކޮށްފައިވާ 97،038 ފެނާއި ކަރަންޓުގެ ކަނެކްޝަނުގެ އަދަދާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ކަރަންޓުގެ އަދަދު އިތުރުވެފައިވަނީ %46އަށް
2020 ވަނަ އަހަރު ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި ތިބި 3،463 މުވައްޒަފުންނާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ %78އަށް އިތުރުވެފައި
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވާ މިންވަރު ބަލަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ކަރަންޓުގެ ކަނެކްޝަންތައް އިތުރުވާ މިންވަރަށެވެ. އެގޮތުން:
ކަރަންޓާއި ފެނުގެ ކަނެކްޝަންތައް އިތުރުވި މިންވަރަށްވުރެ މުވައްޒަފުންގެ އަދަދު %32އަށް ވަނީ އިތުރުވެފައި
އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ އާއި ތެލާއި އިންޖީނުތަކުގެ ސްޕެއާ ގަންނަން ކުރަން ޖެހޭ ހަރަދަށް ބަލާއިރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކުރާ ހޭދަ ބޮޑުވި
މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށް އެޅޭ ހުރަހެއް
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، ފެނަކައަށް ލިބޭ އާމްދަނީއަށް ވުރެ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް ކުރާ ހޭދަ ބޮޑެވެ. އެގޮތުން:
2021 ވަނަ އަހަރު މުސާރަ އާއި އިނާޔަތަށް ކުރި ހޭދަ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15 ވަނީ އިތުރުވެފައި؛ އެ މުއްދަތުގައި އާމްދަނީ އިތުރުވީ %7
2022 ވަނަ އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ %22 އިތުރުވެފައި ވާއިރު، އާމްދަނީ އިތުރުވީ %11
2023 ވަނަ އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ ވަނީ %19 އިތުރުވެފައި؛ އެ މުއްދަތުގައި ކުންފުނީގެ އާމްދަނީ އިތުރުވީ %17
2024 ވަނަ އަހަރު ކުންފުނީގެ އާމްދަނީއަށް %7ގެ ކުރިއެރުން އައި؛ އެ މުއްދަތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ %1 ދަށްވި
އާމްދަނީގެ ނިސްބަތުން ފެނަކައިގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތަށް ކުރި ހޭދައަށް ބަލާއިރު:
2020 ވަނަ އަހަރު އެ ކުންފުނީގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރީ އާމްދަނީގެ %23އާ އެއްވަރުގެ އަދަދެއް
2021 ވަނަ އަހަރު މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވަނީ އެ ކުންފުނީގެ އާމްދަނީގެ %25އާ އެއްވަރުގެ އަދަދެއް
2022 ވަނަ އަހަރު އެ އަދަދު ހުރީ އާމްދަނީގެ %38ގައި؛ 2023 ވަނަ އަހަރު ކުންފުނީގެ މުސާރަ އާއި އިނާޔަތްތަކަށް އާމްދަނީގެ %39އާ އެއްވަރުގެ އަދަދެއް ހޭދަކުރި
މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވަނީ އާމްދަނީގެ %36އާ އެއްވަރުގެ އަދަދެއް
2021 އިން 2024އަށް ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ކުރި ހޭދަ:
2021: 438 މިލިއަން ރުފިޔާ
2022: 754 މިލިއަން ރުފިޔާ
2023: 895 މިލިއަން ރުފިޔާ
2024: 890 މިލިއަން ރުފިޔާ
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގައި ޔުޓިލިޓީ ހިދުމަތްދޭ އެހެން ކުންފުނިތަކުން މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރަނީ އެ ކުންފުނިތަކަށް ލިބޭ އާމްދަނީގެ %12-%20އާ އެއްވަރުގެ އަދަދެކެވެ.
ފެނަކައިގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރުވެފައިވަނީ، އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ކުންފުނީގެ ދާއިމީ މުވައްޒަފުންގެ އަަދަދު އިތުރުވެފައިވާތީ އެވެ.
ފެނަކައިގެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2021 އިން 2024 ވަނަ އަހަރާ ހަމައަށް 4 އަހަރު ތެރޭ އެ ކުންފުންޏަށް 4،557 މުވައްޒަފުން ވައްދާފައިވެ އެވެ. އޭގެ ތެރޭގައި އާންމުކޮށް އިއުލާނު ކުރުމަކާ ނުލާ ވަޒީފާ ދިން 2،480 މުވައްޒަފުން ހިމެނެ އެވެ.
އެ ކުންފުންޏަށް މުވައްޒަފުން ހޯދުމުގެ ގަވައިދާ ހަވާލާދީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކުންފުނީގެ މަގާމެއް ހުސްވުމުން އާންމުކޮށް އިއުލާނުނުކޮށް ވެސް ވަޒީފާއަށް މުވައްޒަފުން ނެގޭނެ އެވެ. މިއީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ އޮންނަ ގޮތެވެ.
ނަމަވެސް މިގޮތަށް ގަވައިދު އޮތުމަކީ ކުންފުނީގެ ވެރިންގެ މަގާމުގެ ނުފޫޒުގެ ފައިދާ ނަގައި ކުންފުނީގެ ވަޒީފާތަކަށް މީހުން ނެގުމުގައި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ފުރުސަތު އޮންނާނެ ކަމެއްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، އެގޮތަށް އޮތުމުން އެންމެ ގާބިލު މީހުންނަށް ވަޒީފާ ނުލިބުމާއި ކުންފުނީގެ އާމްދަނީން ބައެއް އިސްރާފުވެގެންދާނެކަން ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން:
2022 ވަނަ އަހަރު އިއުލާނު ކުރުމަކާ ނުލާ ދާއިމީ 446 މުވައްޒަފުން ނެގި
2023 ވަނަ އަހަރު ކުރިން އިއުލާނު ކުރުމަކާ ނުލާ 788 ދާއިމީ މުވައްޒަފުން ފެނަކައަށް ނަގާފައިވޭ
މިދިޔަ އަހަރު ވެސް ދާއިމީ 1،246 މުވައްޒަފުން ކުރިން އިއުލާނު ކުރުމަކާ ނުލާ ފެނަކައަށް ނަގާފައިވޭ
ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ގާބިލު މީހުން ބޭތިއްބުމަށް، އެފަދަ މީހުންނަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ހާމަކަން ބޮޑު، އިންސާފުވެރި އުސޫލެއްގެ ތެރެއިން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރުމަށް އޮޑިޓު ރިޕޯޓުގައި ލަފާދީފައިވެ އެވެ.
އިންތިހާބުތަކާ ދިމާކޮށް ފެނަކައަށް ވެއްދި މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން، ސެޕްޓެމްބަރު 2023އާ ހަމައަށް ކުންފުނީގައި 7،889 މުވައްޒަފުން ތިއްބެވެ. ރިޔާސީ އިންތިހާބުގެ ފަހުން ފެނަކައިން 1،217 މުވައްޒަފުން ވަކިކުރި ނަމަވެސް މިދިޔަ އަހަރު އެ ކުންފުންޏަށް ވެއްދި މުވައްޒަފުންގެ އަދަދު އިތުރުވެ މިދިޔަ އަހަރުގެ މެދަކާ ހަމައަށް ކުންފުނީގައި 7،245 މުވައްޒަފުން ތިބި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ހާއްސަކޮށް މިދިޔަ އަހަރު ފެނަކައިން އެއްވެސް އާ ޕްރޮޖެކްޓެއް ފަށާފައި ނުވާއިރު، ކުންފުންޏަށް މުވައްޒަފުން ވައްދާފައިވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެ، އިތުރު މަސައްކަތްތައް ހުރުމުން ކަމަށް ނުބެލެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ދުވަސްވަރު ފެނަކައަށް މުވައްޒަފުން އިތުރުކޮށްފައިވަނީ ވަޒީފާ އިތުރުކޮށް އިތުރު ބަޔަކަށް ވަޒީފާ ދިނުމަށް ކަމަށް ބެލެވޭ ކަމަށެވެ.
ކުންފުނީގެ އޮޕަރޭޝަނާއި ކުންފުނިން ކުރަންޖެހޭ މަސައްކަތުގެ ކުޑަ ބޮޑުމިނަށް ނުބަލާ، ހަމައެކަނި ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން ހުރަސްއެޅި، ކުންފުނިން މުސާރަ އާއި އިނާޔަތްތައް ދޭ ގިނަ މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތި ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ފެނަކަ އަސްލު ސައިޒަށް ކުޑަކުރުމަށް އެ ކުންފުނީގެ ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލި އެވެ. އެކަމަކު އެ ކުންފުނީގެ އޮޑިޓުން ފެންނަން އޮތީ، ވަގުތީ މުވައްޒަފުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ވަޒީފާ އިން ވަކިކުރި ބައެއް މީހުންނަށް ކުންފުނިން ދާއިމީ ވަޒީފާ ދީފައި އޮތް ކަމެވެ. އެގޮތުން:
2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ވަގުތީ މުވައްޒަފުންގެ އަދަދު މަދުވި
އެކަމަކު 2024 ވަނަ އަހަރު ދާއިމީ މުވައްޒަފުންގެ ގޮތުގައި ގިނަ ބަޔަކަށް ވަޒީފާ ދީފައިވޭ
ދާއިމީ ވަޒީފާތަކުން 400 މުވައްޒަފުން ވަކިވި އިރު، އެ އަަހަރު ވަކިވި މުވައްޒަފުންގެ އިތުރަށް 1،428 މުވައްޒަފުން ދާއިމީ ވަޒީފާތަކަށް ވެއްދި
އޭގެ ތެރޭގައި 2023 އަދި 2024 ވަނަ އަހަރު ކުންފުނިން ވަކިކުރި ވަގުތީ މުވައްޒަފުންގެ ތެރޭގައި ހިމެނޭ 297 މީހުން ހިމެނޭ
އޮޑިޓު ރިޕޯޓުގައި، ރާއްޖޭގައި ޔުޓިލިޓީ ހިދުމަތްދޭ އެހެން ކުންފުނިތަކާއި ފެނަކައިގެ މުވައްޒަފުންގެ އަދަދު އަޅާކިޔާފައިވެ އެވެ. އެގޮތުން މާލެ ފިޔަވާ އެހެން ރަށްރަށުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަނާއި އެ ކުންފުނިތަކުން ހިދުމަތްދޭ ރަށްތައް ފެނަކަ އާއި އަޅާކިޔާފައި ވާއިރު:
އެމްޑަބްލިއުއެސްސީއަށް ވުރެ އެވްރެޖު ގޮތެއްގައި ފެނަކައިގައި 11 މުވައްޒަފުންް އިތުރު
ރަށްރަށުގައި ހުރި ސްޓެލްކޯގެ ބްރާންޗުތަކާ އަޅާބަލާއިރު އެވްރެޖުކޮށް ފެނަކައިގެ ބްރާންޗުތަކުގައި 4 މުވައްޒަފުން އިތުރު
މީގެ އިތުރުން، ފެނަކައިން ރަށްރަށުގައި ދޭ ހިދުމަތާ އަޅާބަލާއިރު ވެސް ބައެއް ރަށްރަށުގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެއްވަރެއްގައި އޮޕަރޭޝަންތައް ހިނގާ އެކި ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދަށްވުރެ އިތުރަށް ހަމަ އެވަރުގެ އޮޕަރޭޝަންތައް ހިނގާ އެހެން ބައެއް ރަށްރަށުގައި ހިދުމަތް ފޯރުކޮށްދޭން ތިބޭ މުވައްޒަފުން އިތުރުކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ފެނަކައިގެ ވަޒީފާގެ އޮނިގަނޑު އޮންނަ ގޮތުން:
500އަށް ވުރެ ކަނެކްޝަން މަދު ނުވަތަ ކަނެކްޝަންގެ އަދަދު 500އާ ހަމައަށް ހުންނަ ރަށްރަށުގައި ތިބެން ޖެހެނީ 52 މުވައްޒަފުން
1،000އާ ހަމައަށް ކަނެކްޝަން ހުންނަ ރަށްރަށުގައި ތިބެންޖެހެނީ 52-73 މުވައްޒަފުން
ކަނެކްޝަންގެ އަދަދު 1،000 އިން މަތީގެ ރަށްރަށުގައި ތިބެންޖެހެނީ 86-133 މުވައްޒަފުން
މުވައްޒަފުންގެ އަދަދު ހުންނަންޖެހޭ ވަކި މިންވަރެއް އޮނިގަނޑުގައި ކަނޑައަޅާފައިވީ ނަމަވެސް، ކަނެކްޝަންތަކުގެ އަދަދު 500 އިން ދަށް ރަށްރަށުގައި އެވްރެޖު ގޮތެއްގައި މުވައްޒަފުންގެ އަދަދު އިތުރުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ބައެއް ބްރާންޗުތަކުގައި މުވައްޒަފުން ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ތިބިކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓު ސާމްޕަލްއަށް ނެގި 5 ބްރާންޗެއްގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ އެކި މަގާމުތަކަށް މުވައްޒަފުން ނަގާފައިވާ އަދަދަށް ބަލާއިރު 26 މަގާމަކަށް 86 މުވައްޒަފުން ނަގަން ޖެހުނު ނަމަވެސް، އެ މަގާމުތަކަށް 192 މުވައްޒަފުން ނަގާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2021 އިން 2023ގެ ނިޔަލަށް ފެނަކައިގެ 1،398 މުވައްޒަފަކަށް ވަނީ ވަޒީފާގެ ކުރިއެރުން ދީފަ އެވެ. ނަމަވެސް، އޭގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ގަވައިދާ ހިލާފަށް އަހަރެއްގެ ތެރޭ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޕްރޮމޯޝަން ދީފައިވާ މުވައްޒަފުން އެބަތިބި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވަނީ ޕާފޯމަންސް އެޕްރައިޒަލް ވެސް ނުހަދާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން:
އެޕްލިކޭޝަނާއި ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަނާޅާ މުވައްޒަފުންނަށް ދާއިމީ ވަޒީފާ ދީފައިވޭ
2021، 2022 އަދި 2023ގައި ވެސް އެފަދަ މީހުންނަށް ވަޒީފާ ދިން
އިންޓަވިއު ނުކޮށްވެސް ބައެއް މުވައްޒަފުންނަށް ވަޒީފާ ދިން
ފެނަކައިގެ މުވައްޒަފުންނާ ގުޅޭ އޮޑިޓުން ހާމަވީ، ކުންފުންޏަށް ނުކަތާ ވަރަށް އަދިވެސް މުވައްޒަފުން އިތުރުކުރަމުންދާ ކަމެވެ. އެ ކުންފުނިން ރަށްރަށުގައި ދޭ ކަރަންޓާއި ފެނުގެ ހިދުމަތް އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމަށް ބޭނުންކުރެވިދާނެ އާމްދަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހޭދަކުރަމުންދާކަމެވެ.
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވަމުންދާ މިންވަރަށް ނުބަލާ މުވައްޒަފުން ނުނެގުމަށާއި ކުންފުނީގެ އާމްދަނީ އިން ދެކޮޅު ޖައްސާ ކުންފުނި ހިންގުމަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ހިފަހައްޓަން އޮޑިޓުގައި ވަނީ ލަފާދީފަ އެވެ.
ފެނަކައަށް ނުކަތާ ވަރަށް މުވައްޒަފުން؛ ހަރަދު ބޮޑުކަމުން ސްޕެއާ ގަންނަން ވެސް ދަތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ