ފޯނު ބަލަމުން ސައިކަލު ދުއްވި މީހެއްގެ ވީޑިއޯ އާންމުވެ، 2000 ރުފިޔާއިން ޖޫރިމަނާކޮށްފި
ފޯނު ބަލަމުން ސައިކަލު ދުއްވި މީހެއްގެ ވީޑިއޯ އާންމުވެ، އެ މީހާ ޖޫރިމަނާކޮށްފިއެވެ. ފުލުހުން މިއަދު އާންމުކުރި މެސެޖެއްގައި ވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބެލި ކަމަށެވެ. އެއަށްފަހު އެ މައްސަލައިގައި ހިމެނޭ މީހާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ސައިކަލް ދުއްވި މީހާގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފޭސްބުކްގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ މީހަކު ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އެ ސައިކަލުގައި އަންހެނަކު ވެސް ހުއްޓެވެ. އެ ދެ މީހުން ވެސް ތިބީ ހެލްމެޓް އަޅައިގެން ކަމަށްވާއިރު، ފޯނު ބަލަމުން ސިނަމާލޭ ބުރިޖު ނުވަތަ ހައިވޭގައި ދުއްވި ކަމެއް މިހާތަނަށް ސާފެއްނުވެއެވެ. ފުލުހުން ވަނީ، ތިމާއާއި، މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ. މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އިނދެ ދުއްވުމަކީ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވައިދުގެ ދަށުން މަނާ ކަމެކެވެ. ހަމައެހެންމެ ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ވެސް ފޯނުން ވާހަކަ ދެއްކުން ވެސް ވަނީ މި ގަވައިދުގައި މަނާކޮށްފައެވެ. އެ ގަވައިދުގައި ކަނޑައަޅައިފައިވާ ކަންކަމާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފުރަތަމަ ފަހަރު ވެސް 500 ރުފިޔާއިން ޖޫރިމަނާކޮށް ނަސޭހަތް ދޭނެއެވެ. ދެވަނަ ފަހަރު ނަމަ 750 ރުފިޔާއިން ޖޫރިމަނާކޮށް، 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާނެވެ. މިކަން ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރު ކުރާނަމަ އެ މީހަކު 1000 ރުފިޔާއިން ޖޫރިމަނާކޮށް، އެމީހަކު ދުއްވި އުޅަނދު 15 ދުވަހަށް ޓޯ ކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ. ގަވައިދުގައި އެހެން ބަޔާންކޮށްފައި އޮތް ނަަމަވެސް، ސައިކަލާއި ކާރު ދުއްވާއިރު ވެސް ފޯނު ބޭނުންކުރަމުން ދުއްވުމަކީ އާންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ